ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 7

އަދި ކުޑަކަކޫ މައްޗަށް ޝަރާއަށް ތިރިވެވުނެވެ. "ދަރިފުޅާ"އޭ ކިޔާ އައިމިނަތު ދުއްވައިގަތީ ޝަރާއާ ދިމާލަށެވެ.

- އެޕިސޯޑް 7 –

"ދަރިފުޅާ.. ދަރިފުޅާ ޝަރާ.."

އައިމިނަތުގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އައިމިނަތުގެ އުނގުމަތީގައި ޝަރާގެ ބޯ ބާއްވަމުން، ޝަރާގެ މޫނުމަތީގައި އައިމިނަތު މަޑުމަޑުން ތަޅާލިއެވެ.

"މަންމާ.." 

ލަސްތަކެއް ނުވެ، ޝަރާ ކުއްލިއަކަށް ދެލޯ ބޮޑު ކޮށްލަމުން ފުންމައިގެން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. އައިމިނަތަށް ލިބުނީ ހައިރާން ކަމެކެވެ.

"ދެންމެ ކިހިނެއްވީ މަންމާ.." ޝަރާ އެހި ސުވާލުން އައިމިނަތު އިތުރަށް ހާސްވިއެވެ.

"ދަރިފުޅު ވެއްޓުނީނު... މަންމަ އަހަން އުޅުން ސުވާލު ދަރިފުޅު ތިއެހީ.." އައިމިނަތު ހުރީ ކަޅި ޖަހާ ނުލާ ޝަރާއަށް ބަލާށެވެ.

"ވެދާނެ މާ ހައިބޮޑުވީ ކަމަށް.. ބޮލަށް އެނބުރުން އެރީ.. ފުރާ ގަޑި ވެސް ޖެހެނީ ދޯ؟" ޝަރާ މުޅިން "ނޯރމަލް" ކަން ދައްކާލަމުން އޭނާ އައިސް އޭނާގެ މަންމަގެ އަތުގައި ހިފާލިއެވެ. އެވަގުތު ވެސް ޝަރާގެ ބޮލުގައި ރިހުމެއް ވާކަން ޝަރާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

"ހިނގާ އެހެންވީމަ ސައި ބޯން. ސައި ބޮއިގެން ދެވޭނެ އަދި.. މަންމަ ވެސް ދާނަން ދަރިފުޅު ފުރުވަން.." ޝަރާ އާއި އައިމިނަތު ހިނގައިގަތީ ކާގެއާ ދިމާލަށެވެ.

***

ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ނަޒީރާ އާއި ސުހާ އިނީ ޒީމާގެ ގޭގައެވެ. އެމީހުންނާ އެކުގައި އަޔާޒް ވެސް ސަޔަށް އިންސާފު ކުރަމުން ގެންދިޔައެވެ. ޔޫސުފް އާއި އަޔާޒް ދައްކަމުން ގެންދިޔައީ ވިޔަފާރީގެ ވާހަކަތަކާއި ކިޔެވުން ކުރިއަށް ދިޔަ ގޮތުގެ ވާހަކަތަކެވެ. ސުފުރާ މަތިން އެދެބަފައިން ނޫން އިތުރު އެއްވެސް މީހެއް އެއްޗެއް ނުބުނެއެވެ. ނަމަވެސް ޒީމާ އިނީ ފުރުސަތަކަށް އެދިއެދި އެވެ. ޒީމާއަށް ކެތްވަނީ އެއް ނޫނެވެ. ނަމަވެސް ޔޫސުފް ރުޅި އައިސްދާނެތީ އެމީހުންގެ ވާހަކަ މެދުކަނޑާލަން ބޭނުން ނުވަނީއެވެ.

**

"ދަރިފުޅާ! ހިތް ހެޔޮ ކުރާތި.. މަންމަ ވަރަށް ލޯބިވޭ.. ވަރަށް ހަނދާން ވާނެ.." ޝަރާގެ ގައިގައި ނިކަން ލޯތްބާ އެކުގައި އައިމިނަތު ބައްދާލިއެވެ. އޭރު އެދެމީހުން ތިބީ ކޮޅުފުށީގެ ބަނދަރު މަތީގައެވެ. ފެރީ އޮތީ ފުރަން ތައްޔާރުވެފައެވެ.

"މަންމާ! އަހަރެން މަންމަ އަށް ކޮންމެ ދުވަހަކު ގުޅާނަން.. މާ ގިނަ ދުވަހެއް ނުވާނެ އިރާދަކުރެއްވިއަޔާ.. މަންމަ ވެސް މާލެ އަންނަން ޖެހޭނެ.. ކައިވެނީގެ ކަންކަން ކުރިއަށް ދާއިރު އަހަރެން ބޭނުން މަންމަ އަހަރެންގެ ގާތުގަ އަބަދު ހުންނަން.. އެެހެން ނޫނީ އަހަރެންނަށް ވަރަށް އުނދަގޫ ވާނެ.." ޝަރާ އެހެން ބުނުމާއެކުގައި އައިމިނަތު ހިނިތުން ވެލިއެވެ.

"އާނ! ދަރިފުޅާ.. ޔަޤީން.. މަންމަ ކޮންމެހެން ހަދާފަ ވިޔަސް، ދަރިފުޅުގެ ތި އުފަލުގަ އެންމެ ކުރީ ސަފުގަ ހުންނާނަން.." އައިމަތު ޝަރާއަށް ސަލާމް ކޮށްލުމަށްފަހު، ޝަރާގެ ދެއަތަަށް ބޮސް ދިނެވެ. ޝަރާ މަޑުމަޑުން ހިނގައިގަތީ ލޯންޗު ފެރީއާ ދިމާލަށެވެ.

ލޯންޗުގެ ބާރު ދުވެލީގެ މިސްރާބު ހުރީ ރާއްޖޭގެ ވެރި ރަށް މާލެއަށެވެ. ނިކަން ބާރު ދުވެލީގެ ކަނޑުގެ ލޮނުގަނޑު ކަފަމުން، ލޯންޗު ދަތުރު ކުރަމުން ދިޔައެވެ. ދުވަސްތަކަކަށް ފަހު، އަޔާޒް ފެންނާތީ އެ ހިިތްހަމަޖެހުން ކޮޅު ނެތް ކޮޅަށް ޝަރާގެ ހިތުގައި ވެއެވެ. އަޔާޒްއާ އެކުގައި އުފާވެރި ޙަޔާތެއް ބިނާކޮށް، ލޯބީގެ އެންމެ އުސްމިންތަކަށް ދާން ޝަރާ ހުރީ ކެތްމަދު ވެފައެވެ. ކޮންމެ ގޮތެއް ވިޔަސް، ޝަރާގެ ހިތުގައި އޭނާ ވަނީ އޭނާގެ ޙަޔާތް ވަރަށް ރަނގަޅަށް ކުރަހާލާފައެވެ. އަޔާޒްއާ އެކުގައި ދިރިއުޅުމުގައި ކުރިމަތި ވެދާނެ އެއްވެސް ތޫފާނެއް ޝަރާގެ ވިސްނުމަށް ވެސް ނާދެއެވެ. އެކި ޚިޔާލުތަކުގައި ޝަރާ ގެނބެމުން ދަނިކޮށް ފެރީ މާލެއަށް ބަނދަރުކޮށްފިއެވެ. ޝަރާ ހިނިތުންވެލަމުން އަވަސްވެގަތީ ލޯންޗުން ފައިބާށެވެ.

މާލެއަށް ޝަރާގެ ފައި ޖައްސާލުމާއެކުގައި އޭނާއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ޝަރާއާ ކުޑަ ތަންކޮޅެއް ދުރުގައި ހުއްޓިގެން ހުރި އަޔާޒަށެވެ. އަޔާޒް ހުރީ ފޯނުގެ ކެމެރާ ޝަރާއަށް ދިއްކޮށްގެންނެވެ. ވީޑީއޯ ކުރާކަން އެނގުމުން ޝަރާގެ މުޅި މޫނު ރަތްވެ، ލަދުގަތެވެ. ޝަރާއަށް ހުރީ ހަދާނެ ގޮތް ނޭނގި ހުއްޓުން އަރާފައެވެ. ފިރިހެން ވަންތަ ހިނގުމެއްގައި އަޔާޒް ހިނގާފައި އަންނަ ތަން ޝަރާއަށް ފެނުމުން ޝަރާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. އަޔާޒް އައި ގޮތަށް އައިސް ޝަރާގެ ގައިގައި ވަރަށް ލޯބިން ބައްދާލުމަށްފަހު، އަޔާޒް ފެށީ ޝަރާއާ ވާހަކަ ދައްކާށެވެ. އެކި ވާހަކަތަކެވެ. ދެމީހުން ވާހަކަދައްކަމުން ކުރިއަށް ހިނގަމުން ގޮސް އަޔާޒްގެ ކާރަށް އެރިއެވެ.

***

"މީ ކޮޓަރި.. އޯކޭތަ؟" 

އަޔާޒް ބަލައިލީ ޝަރާގެ މޫނަށެވެ. ޝަރާ ވަށައިގެން ކޮޓަރިއަށް ބަލައިލިއެވެ. ވަރަށް ފުރިހަމަ ޗާލު ކޮޓަރިއެކެވެ. ބަލާލި ކޮންމެ ދީމަލަކުން ވެސް ފެންނަނީ ފުރިހަމަކަމެވެ. "ލަގްޒަރީ" ރޫމެކެވެ.

"މިވަރު ނުކުރިޔަސް އޯކޭ ވާނެއޭ.." ޝަރާ ހީނލަމުން ބަލައިލީ އަޔާޒްގެ މޫނަށެވެ.

"ނޫން ނޫން.. ތީ އަހަރެންގެ ރާނީ.. އަހަރެންގެ ރަނިކަމަނާ.. އަހަރެންގެ ހުރިހާ ވެސް އުފާ.. ސޯ؟ އަހަރެން ބޭނުން ވާނީ އަހަރެންގެ ރާނީ ގަނޑުވަރެއްގަ ބަހައްޓަންތާ.." ޝަރާގެ ކޮލުގައި އަޔާޒް ނިކަން ލޯބިން ހިފާލިއެވެ.

"ދެން ކޮން އިރަކު އަހަރެން ތިގެއަށް ގެންދާނީ؟ ކިހާ ދުވަހެއް ވާނެ މިކޮޅުގަ؟" ޝަރާ އެސުވާލު ކޮށްލީ ސީރިއަސް ކަމާއެކުގައެވެ. (ނުނިމޭޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.