ޕީޕީއެމް އޮފީސް ހުރި ތަނެއް ނޭންގިގެން ދައުވާ ފޯމް ހަވާލު ނުކުރެވުނު

ސިވިލް ކޯޓުން ބަލަމުން ދަނީ ޕީޕީއެމް / ޕީއެންސީގެ މަޖިލީސް ޕްރައިމަރީއާ ގުޅޭ މައްސަލަ އެކެވެ.

ޕީޕީއެމް އޮފީސް ކުރީން ހިންގި އިމާރާތް

ސަރުކާރު ހިންގާ ކޯލިޝަން ގައި އޮތް އެންމެ ބޮޑު ޕާޓީ -- ޕީޕީއެމްގެ އޮފީސް ހުރި ތަނެއް ނޭންގިގެން ދައުވާ ފޯމެއް ހަވާލު ނުކުރެވިގެން އެ އޮފީސް ހިންގާ ތަނަކާއި ގުޅޭނެ ނަންބަރެއް ސާފުކޮށް އެކަން އަންގަން މައްސަލަ ހުށައެޅި ފަރާތަށް ސިވިލް ކޯޓުން އަންގައިފި އެވެ.

ސިވިލް ކޯޓުން ބަލަމުން ދަނީ ޕީޕީއެމް / ޕީއެންސީގެ މަޖިލީސް ޕްރައިމަރީއާ ގުޅޭ މައްސަލަ އެކެވެ. އެ މައްސަލަ ކޯޓަށް ހުށައެޅީ މެދު ހެންވޭރު ދާއިރާގެ ޕްރައިމަރީ ގައި ވާދަކުރި ހަސަން ރަމީޒް (ޓިމޯ) އެވެ. ޓިމޯ މައްސަލަ ހުށައެޅީ ޕްރައިމަރީ އޮތް ދުވަހު އެ ދާއިރާގެ ވޯޓް ކަރުދާސްތައް އިރާ ހަމަނުޖެހުން އުފެދިފައި އޮއްވާ ވޯޓް ގުނާ ނަތީޖާ އިއުލާނު ކުރި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

ސިވިލް ކޯޓްގެ ގާޒީ ހަސަން ފަހީމް އިބްރާހިމް ސޮއިކުރައްވާ ރަމީޒަށް ފޮނުއްވި ސިޓީގައި ވަނީ ޕީޕީއެމްގެ މިހާރުގެ އެޑްރެސް ކަމަށް ދައުވާ ފޯމްގައި ލިޔެފައިވާ އެޑްރެހަށް ދައުވާ ފޯމް ރައްދު ކުރުމަށް މަސައްކަތް ކޮށް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ޕީޕީއެމްގެ މިހާރުގެ އެޑްރެހާއި ގުޅޭނެ ނަންބަރެއް ހަތް ދުވަސްތެރޭ އެ ކޯޓަށް އެންގުމަށެވެ.

ޕީޕީއެމަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. އެ ޕާޓީގައި 34،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. ނަމަވެސް ޕީއެންސީގެ ޓިކެޓް ގައި ނިކުންނަވާ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާ އެމަނިކުފާނުގެ ޒައާމަތް ފެށުމާއެކު ޕީޕީއެމްގެ ހުރިހާ ހަރަކާތެއް ހުއްޓި ޕީއެންސީ ބޮޑު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޕީޕީއެމްގެ ރައީސް ކަމުން ރައީސް ޔާމީން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ޕީޕީއެމް އޮފީސް ހިންގި ހ. ހުރަފާގައި މިހާރު ހިންގަނީ ޔާމީން އަލަށް އުފައްދަވާ ޕީއެންއެފްގެ އޮފީހެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ޕީޕީއެމްގެ އެންމެ ކެންޑިޑޭޓެއް ވެސް ވާދައެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.