ވާދޫ ކައުންސިލާ ގުޅޭ 27 މައްސަލަ، މުސާރަ ނުލިބޭ ގޮތަށް ހުރިހާ ކައުންސިލަރުން ސަސްޕެންޑް

މައްސަލަތައް ބެލުމަށް ހިންގި އިންކުއަރީ އަށް ފަހު ހުރިހާ ކައުންސިލަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށް އެކަން ވަނީ ގެޒެޓް ގައި ޝާއިއުކޮށްފައެވެ.

ގދ. ވާދޫ: ހުރިހާ ކައުންސިލަރުން ވަނީ ސަސްޕެންޑް ކޮށްފައި

ގދ. ވާދޫ ކައުންސިލްގެ އިދާރީ ހިންގުން ހުއްޓި މަސައްކަތް ކުރާނެ މާހައުލެއް ނެތި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓިފައިވާ މައްސަލާ ގައި އެ ކައުންސިލްގެ އިންކުއަރީ އެއް ހެދުމަށް ފަހު ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފި އެވެ.

ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އަދި ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމާ އެކަން އެލްޖީއޭ އިން މިހާރު ވަނީ އިއުލާނު ކޮށްފައެވެ. އެލްޖީއޭ އިން ވަނީ އެ ކައުންސިލާއި ކައުންސިލް މެންބަރުންނާއި ގުޅޭ ޖުމްލަ 27 މައްސަލައެއް ބަލާފައެވެ.

މައްސަލަތައް ބެލުމަށް ހިންގި އިންކުއަރީ އަށް ފަހު ހުރިހާ ކައުންސިލަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށް އެކަން ވަނީ ގެޒެޓް ގައި ޝާއިއުކޮށްފައެވެ. ގެޒެޓް ގައި ޝާއިއުކުރި ލިޔުމުގައި އިންކުއަރީގެ ތަފްސީލްތައް ހިމަނާފައިވެއެވެ.

އެލްޖީއޭ އިން ހިންގި އިންކްއަރީ ބަލާފައިވާ މައްސަލަތަކަކީ؛

  •  ވާދޫ ޑަބްލިއުޑީސީއަށް އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
  •  ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައި ނުވުން
  •  ކައުންސިލުގެ ބަޖެޓުން އުސޫލުތަކާއި ހިލާފަށް ހަރަދު ކުރުން
  •  މާލިއްޔަތުގެ ގަވާއިދާއި ހިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
  •  ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައި ނެތުން
  •  އިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށްފައި ނެތުން
  •  އާންމުން ވަނުން މަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން
  •  ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން
  •  ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
  •  ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް
  •  ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ
  •  ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ
  •  ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކު ކުރާ މައްސަލަ
  •  ކައުންސިލުގެ ރައީސް މުވައްޒަފުންގެ އަގުވެއްޓޭގޮތަށް ހޮޓާ ކެފޭތަކުގައި ވާހަކަތައް ދައްކަމުންދާ މައްސަލަ
  •  މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
  •  ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
  •  ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ
  •  ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުން
  •  ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
  •  ކައުންސިލަރުން ރަސްމީ ވަގުތާއި ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ
  •  ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ
  •  އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ
  •  ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބެހެއްޓުން
  •  ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން
  •  ކައުންސިލުގެ ރައީސް ހިންހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން
  •  ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ

މި އިންކުއަރީ އަށް ފަހު މައްސަލަ ރައްދުވާ ވާދޫ ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދީފައިވާނެ ކަމަށާ އޭގެ އިތުރުން މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި ގދ. ވާދޫ ކައުންސިލުގެ އިދާރާ ގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައި ވާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ވާދޫ ކައުންސިލުގެ އިދާރާ އިން ހޯދާފައިވަ ކަމަށެވެ.

ޖަވާބުދާރީވުމަށް ދިން ފުރުސަތު ގައި ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވާ ކަމަށް ވެސް ބުންޏެވެ.

މި އިންކުއަރީއަށް ފަހު ކައުންސިލަރުން ސަސްޕެންޑް ކުރީ އެކި މުއްދަތަކަށެވެ.

  •  ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ - ތިން މަސް ދުވަހަށް
  •  ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު - ދެ މަސް ދުވަހަށް
  •  ކައުންސިލް މެންބަރު މުހައްމަދު ޝިފާގް - ތިން މަސް ދުވަހަށް
  •  ކައުންސިލް މެންބަރު ސާރާ މުހައްމަދު - ދެ މަސް ދުވަހަށް
  •  ކައުންސިލް މެންބަރު މާރިޔަތު އިބްރާހީމް - އެއް މަސް ދުވަހަށް

މި މުއްދަތު ގައި ހުރިހާ ކައުންސިލަރުން ތިބޭނީ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކޮށް މުސާރަ ނުލިބޭ ގޮތަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ.

މިއީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭ އިން މިފަދަ މައްސަލަތަކެއް ބެލި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.