ރައީސަށް ލަފާ ދެއްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން: ބަންޑާރަ ނާއިބު

ހުރިހާ ފަރާތްތަކުންވެސް ކަންކަން ނިންމަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް ބަންޑާރަ ނާއިބު ވިދާޅުވި އެވެ.

ބަންޑާރަ ނާއިބު އަހްމަދު އުޝާމް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނާ ހިލާފަށް ގެނައި އިސްލާހު ތަނެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައި ވާތީ، އިއްޔެ ދެވަނަ ފަހަރަށް ފާސްކުރި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ކުރެއްވުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާ ލަފާ ދެއްވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު ގައި ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވުމާއެކު އިސް މަގާމުތަކަށް ވަޑައިގެންނެވުމަށް މަޖިލީހުގެ ހަތް މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެޔާއެކު އެ މެމްބަރުން ނުލައި، މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތަށް މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެ މާއްދާތައް މިހާރު ބާތިލު ކުރި ނަމަވެސް ގަވާއިދުގެ 242 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެންކަމުން އަދިވެސް ޖަލްސާތައް ބާއްވަނީ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެންނެވެ.

އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ ބަންޑާރަ ނައިބް އޮފީހުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި ދައުލަތާ އެއްކޮޅަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ. ހުކުމުގައި ބުނީ، މަޖިލީހުން އިސްތިއުފާ ދެއްވި ހަތް މެމްބަރުން ނުގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން، މަޖިލީސް މެމްބަރުންގެ އަދަދު ކަނޑައަޅާ އުސޫލާ ހިލާފު ނިންމުމެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ 25 ޕަސެންޓްގެ ގޮތުގަ އެވެ.

މި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނ. ކެނދިކުޅުދޫގައި ވިދާޅުވީ، މަޖިލީސް އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ޖުމްލަ މެމްބަރުންގެ އަދަދު ގުނައިގެން ނެގި ވޯޓަކުން ކަމަށެވެ.

"އެހެންވީމަ ބަންޑާރަ ނައިބްގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފަ. އެއީ މިކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އެބަ އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލައާ އޭގެ ކުރީގެ އެތައް މައްސަލައެއް ނިންމާފަ ހުރިއްޔާ އެ ނިންމި މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާމެދު އެހެންވީމަ އެބަ ސުވާލު އުފެދޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެ އިސްލާހު ފާސްކުރަން 47 މެމްބަރުން ވޯޓް ދިން ނަމަވެސް، ކޯރަމް ހަމަކުރަން ބެލީ 80 މެމްބަރުންގެ ގޮތުގައި ވާތީ، އެކަމުގައި ބަންޑާރަ ނައިބްގެ ލަފަޔެއް މުހިންމު ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އުޝާމް ވިދާޅުވީ ‏އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށް. މިއަދު ސުޕްރީމް ކޯޓުން ވެސް އެފަދައިން ނިންމާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

‏ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެ މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައި ވާތީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ފަސް ވަނަ އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އެކަމާ ގުޅޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާނަން،"

އުޝާމް ވިދާޅުވީ ‏ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުން ވުމަކީ ރަގަޅު ކަމެއް ނޫން ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ކަންކަން ނިންމަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

"އަޅުގަނޑު ރައީސްއަށް ގާނޫނީ ލަފާ ދިނުމުގައިވެސް ބަލާނީ މިކަން ކަމަށް،" ބަންޑާރަ ނާއިބު އުޝާމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.