އަނަސްގެ މަރުގެ ޝަރީއަތް ނިމުނު ގޮތާމެދު ނުހަނު ކަންބޮޑުވޭ: ސަަރުކާރު

ކްރިމިނަލް ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ މި މައްސަލައިގެ ހުކުމް އިއްވާފަ އެވެ. ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށް ބުނެ އެވެ.

އަނަސްއަށް އިންސާފު ހޯދައިދޭން ގޮވާލާ ކުރިއަށް ގެންދިޔަ އިހުތިޖާޖު

މީގެ ހަތް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގާ ދިޔަ ގޮތާމެދު ނުހަނު ކަންބޮޑުވާ ކަން ހާމަކޮށް ސަރުކާރުން ބަޔާނެއް ނެރެފި އެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ މި މައްސަލައިގެ ހުކުމް އިއްވާފަ އެވެ. ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށް ބުނެ އެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން މި މައްސަލައިގައި ހެކިބަސް ވެސް ދީފައެއް ނުވެ އެވެ. ދެ ފަހަރު ދައުލަތަށް ފުރުސަތު ދިނުމުން ވެސް އެމީހުން ކޯޓަށް ހާޒިރުކުރެވިފައެއް ވެސް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އެ މައްސަލާ ގައި ދައުވާ އުފުލިފައިވާ އެންމެންގެ މައްޗަށް ދައުވާ ސާބިތުނުވަ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށް ވެފައި އެހާ ހާމަކަން ބޮޑު ގޮތެއް ގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލައިގެ ތުުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލްއިންސާފު ގާއިމު ކުުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ ކަމެއް ކަމަށެވެ.

"... ހަމަ އެހެންމެ މިކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންްނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން ޖިނާއީ އަދުލްގެ ނިޒާމު ހަރުދަނާކޮށް ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ދީ އިންސާފު ގާއިމު ކުރުމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. 

މުހައްމަދު އަނަސް: އޭނާ މަރާލި ކަމުގެ ތުހުމަތު އޮތް މީހުން ވަނީ ސަލާމަތްވެފައި --
ހާދިސާގެ ހުލާސާ - މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ މާސްކް އަޅައިގެން ތިބި ބަޔަކު އޭނާ ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ. އޭނާ މަރާލީ އަދާވާތްތެރި ގުރޫޕެއްގެ މެމްބަރެއް ކަމަށް ހީކޮށެވެ. އަނަސްއަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ބަޔަކު ގުޅިގެންނެވެ. ރަހުމުކުޑަކޮށް އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވި އެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައި، 2022 އަހަރުގެ އޮކްޓޯބަރު މަހު ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.