ކައިޒީންއަށް ނާކާމިޔާބު، ބޯޓު ލިބުނީ ބައްޕައަށް

ކައިޒީންގެ ބައްޕަ ކޯޓުގައި ބުނެފައި ވަނީ، އެއީ ދަރިއަކު ބައްޕައަކަށް ދިން ހަދިޔާއެއް ކަމަށެވެ. އެއީ އަނބުރާ ދޭގޮތަށް ދިން ފައިސާއެއް ނޫން ކަމަށާއި، އެގޮތަށް ކައިޒީން ތަކުރާރުކޮށް ހެކީންގެ ކުރިމަތީގައި ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭގެ މޮޑެލް ކައިޒީން: ބޯޓު މައްސަލައިގައި ސިވިލް ކޯޓުން ވަނީ ނާކާމިޔާބު ވެފައި --

ދިވެހީންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕަ، ޅ. ނައިފަރު، ހަވީރީހިޔާ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބު ވެއްޖެ އެވެ.

ބައްޕައާ ދެކޮޅަށް ކައިޒީން ކޯޓަށް ދިޔައީ އޭނާ ދީފައިވާ ފައިސާއިން ބޯޓެއް ގަތުމަށްފަހު، އެ ބޯޓު ބައްޕަގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ، އޭގެ މިލްކުވެރިކަން ހޯދުމަށެވެ. 

އިބްރާހީމާ ދެކޮޅަށް ކައިޒީން ދައުވާ ކުރި މައްސަލައިގައި ބުނެފައި ވަނީ، ރ. އިންނަމާދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މިހިރީ ނަންބަރު5" ކިޔާ ބޯޓު ގަންނަން އޭނާ 3.6 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި، "ނައިފަރު ބޯޓު" ގެ ނަމުގައި އެ ބޯޓު ބައްޕަގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި ވަނީ ކައިޒީންގެ ރުހުން ނެތި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. ކައިޒީން އެދިފައި ވަނީ އެއީ އޭނާގެ ބޯޓެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ކައިޒީންގެ ބައްޕަ ކޯޓުގައި ބުނެފައި ވަނީ، އެއީ ދަރިޔަކު ބައްޕައަކަށް ދިން ހަދިޔާއެއް ކަމަށެވެ. އެއީ ބަދަލެއް ދޭގޮތަށް ދިން ފައިސާއެއް ނޫން ކަމަށާއި، އެގޮތަށް ކައިޒީން ތަކުރާރުކޮށް ހެކީންގެ ކުރިމަތީގައި ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި، އެ ފައިސާއަކީ ބޯޓެއް ގަންނަން ދިން ފައިސާއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
 
މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓުން ނިންމާފައި ވަނީ އެ ބޯޓަކީ ކައިޒީންގެ ބޯޓެއްކަން ކަނޑައަޅައިދެވެން ނެތް ކަމަށެވެ. އިބްރާހިމްގެ ގައިރު ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައި ވަނީ، އެއީ ކައިޒީންގެ ފައިސާއިން ގަނެފައިވާ ބޯޓެއްކަން އެނގެން ނެތް ކަމަށެވެ.

އަދި، ބޯޓު ގަތްއިރު ހަދާފައިވާ އެއްބަސްވުމުގައި ވެސް، ބޯޓު ގަންނަ ފަރާތެއް ކަމަށް ކަނޑައަޅާފައި ވަނީ އިބްރާހިމްގެ ނަން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

އިބްރާހިމްގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ހައިކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. ބައްޕަގެ ފަރާތުން މައްސަލައަށް ޖަވާބުދާރީ ވެފައިނުވާ ކަމަށް ބުނެ، ގައިރު ހާޒިރުގައި ހުކުމް ކޮށްދޭން ބުނުމުން ސިވިލް ކޯޓުން ފުރަތަމަ ނިންމީ އެއީ ގައިރު ހާޒިރުގައި ހުކުމް ކުރުމުގެ ޝަރުތު ހަމަވާ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ އަލުން އެ މައްސަލައިގައި ގޮތެއް ނިންމަން އަމުރު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.