ކުޅުދުއްފުށި ސިޓީގައި މިއަހަރު 3000 ހައުސިން ޔުނިޓް އަޅަން ފަށާނަން: ރައީސް

އެހެނަސް، އެއީ އެރަށުގެ ތަރައްގީއަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް މިއީ އަދި ފެށުމެއް ކަމަށާއި އިތުރު ހައުސިން މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީގައި މިހާރު އަޅަން ސޮއިކޮށްފައިވާ ދެ މަޝްރޫއަކާއި އަދި ސަރުކާރުން ވައުދުވި 2000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު މިއަހަރު ފެށިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދަން އެމަނިކުފާނު ގެންގުޅުއްވާ ޕްލޭނެވެ. ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ ވައުދު ފުއްދުމުގެ އެންމެ ބޮޑު ހިއްސާއެއް ލިބޭނެ އެއް ތަނަކީ އެ ސިޓީގައި ކަމަށެވެ. 

"ރާއްޖޭގެ ތަރައްގީ ދެމެހެއްޓެވި ގޮތެއްގަ ގެންދިއުމުގަ ވެސް، ހުރިހާ ނަޒަރިއްޔާތަކުން ބަލާއިރު ވެސް މި ގެދޮރުވެރިކަމުގެ ވައުދު ފުއްދުމުގަ އެންމެ ބޮޑު ހިއްސާއެއް ލިބޭނެ އެއް މަންޒިލަކީ މި ސިޓީ. އެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. ސަބަބަކީ އާބާދީ ވަރަށް ބޮޑު. ތަރައްގީގެ ބޭނުމުގަ މިސިޓީއަށް ހިޖުރަ ކުރޭ މީހުން، ތަރައްގީ އެއްފަސްވެވޭ، އާބާދީ ބޮޑުކުރެވޭނެ ޖާގަ އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

އެރަށުގައި މިހާރުވެސް ހައުސިން ޔުނިޓްތަކެއް އަޅަން ދެ މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އިތުރަށް 2000 ހައުސިން ޔުނިޓް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަން އޮތީ މިއަހަރުގެ ބަޖެޓްގައި ވެސް ހިމަނާފަ އެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވި އަދަދާއެއްކޮށް ޖުމްލަ 3000 ހައުސިން ޔުނިޓް އަޅަން މިއަހަރު ފައްޓަވައިދެއްވާނެ ކަމަށެވެ.

އެހެނަސް، އެއީ އެރަށުގެ ތަރައްގީއަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް މިއީ އަދި ފެށުމެއް ކަމަށާއި އިތުރު ހައުސިން މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެރަށުގެ ހޮސްޕިޓަލް ވެސް، މާލެ އަންނަން ނުޖެހޭ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އެޔާއެކު އެއާޕޯޓްގެ ފެންވަރު ރަގަޅުކޮށް، އެއާޕޯޓާ ޖެހެގެން އޮތް ބިން، އިގްތިސޯދީ ނަފާ ލިބޭނެހެން ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ހުރިހާ މަގެއް ވެސް ހައްދަވައިދެއްވާނެ ކަމަށެވެ. 

ނަމަވެސް، މިކަންކަމަށް ދައުލަތުގެ ބަޖެޓުން ޖާގަ ނުލިބޭކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އިންތިގާލީ މަރުހަލާގައި ލިބުނު 10 ވަރަކަށް ދުވަހުން ހަދާފައި ފޮނުވި ބަޖެޓްގައި ކުރީ ސަރުކާރުން ގިނަ ކަންކަން ނުހިމަނާ ކަމަށާއި، ނަމަވެސް އިގްތިސޯދު ކުރިއަރާ ވަރަކުން އެ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ވެސް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.