ހެލްކޮޕްޓަރު ދުއްވަން އިންޑިއާގެ ސިވިލިއަން ކުރޫ އަތުވެއްޖެ

އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އަންނަ ސިވިލިއަން ކުރޫ މިއަދު ހަވީރު ވަނީ ރާއްޖެ އައިސްފައެވެ.

އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލްކޮޕްޓަރު

އައްޑޫ ގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އަންނަ ސިވިލިއަން ކުރޫ މިއަދު ހަވީރު ރާއްޖެ އަތުވެއްޖެ އެވެ. އެކަން ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މާޗް 10 ވަނަ ދުވަހު ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އަންނަ ސިވިލިއަން ކުރޫ މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

"މި ޓީމު މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ގޮސް ހޭންޑްއޯވާ / ޓޭކްއޯވާގެ ކަންކަން ފުރިހަަމަ ކުރަން ފަށާނެ އެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫ ގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާނެ އެވެ،"

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި ހިމެނިގެން ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު މަރާމާތަށް އިންޑިއާ އަށް ގެންދާނެ ކަމަށެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެ ހެލްކޮޕްޓަރުގެ ޓެސްޓް ފްލައިޓް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި މި ހެލްކޮޕްޓަރު ގެންދިއުމާއި އޭގެ ބަދަލުގައި ގެންނަ ހެލްކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު ފެބްރުއަރީ 28 ވަނަ ދުވަހު އައްޑޫ ސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިފެންސްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.