ވެންޓިލޭޓަރުތަކުގެ ބަދަލަށް 34 މިލިއަން، ހިޔާނާތް އަލުން ބަލަނީ

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މައްސަލަ ބެލުމަށް ފަހު އާބިޓްރޭޝަނުން މި މަހުގެ 21 ވަނަ ދުވަހު ފައިނަލް އެވޯޑް ނެރެފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ މިހާރު ވަނީ އާބިޓްރޭޝަނުން ނިންމާފައި

ސަރުކާރުން އާބިޓިރޭޝަނަށް ހުށަހަޅާފައިވާ ކޮވިޑް ވެންޓިލޭޓަރުތަކުގެ މައްސަލަ ރާއްޖެއާ އެއްކޮޅަށް ނިމިއްޖެ އެވެ.

ކޮވިޑް ތެރޭގައި ވެންޓިލޭޓަރުތަކެއް ހޯދަން ހަވާލު ކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ އެވެ. ވެންޓިލޭޓަރަށް އެޑްވާސް ފައިސާ ދެއްކި ނަަމަވެސް ވެންޓިލޭޓަރެއް ނުލިބުނެވެ. އަދި އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި އެވެ. އެ ކުންފުންޏަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

މި މައްސަލަ ދިވެހި ސަރުކާރުން ވަނީ އާބިޓްރޭޝަނަށް ހުށައަޅާފައެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މައްސަލަ ބެލުމަށް ފަހު އާބިޓްރޭޝަނުން މި މަހުގެ 21 ވަނަ ދުވަހު ފައިނަލް އެވޯޑް ނެރެފައިވާ ކަމަށެވެ. 

  •  ސަރުކާރުން ހުށައެޅީ ގެއްލުމުގެ ބަދަލާ އެކު 32،57،750ރ އަށްވާ 2،112،500 ޑޮލަރު ހޯދަން
  •  އަދި އިންޓްރެސްޓާއި އާބިޓްރޭޝަން ހަރަދު ހޯދަން

އާބިޓްރޭޝަނުން ނިންމާފައިވަނީ ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1،888،750 ޑޮލަރު ދެއްކުމަށެވެ. އަދި މެއި 2، 2021 އިން ފެށިގެން މި ފައިސާ އެ ކުންފުނިން ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީހުން ފެށިގެން ލިކުއިޑޭޓެޑް ޑެމޭޖަސް ދިވެހި ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ވެސް ވަނީ ކަނޑައަޅާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިން އިން އެއްވެސް އަޑުއެހުމަކަށް ހާޒިރުނުވާ ކަމަށާ މައްސަަލައިގައި އެ ކުންްފުނިން ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ދެއްކީ ވެސް ދިވެހި ސަރުކާރުން ކަމަށެވެ. އެ ގޮތުން އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހުނު 132،865.56 ޑޮލަރު ހޯދުމަށް ވެސް ވަނީ އެދިފައެވެ. އެ ފައިސާ ދެއްކުމަށާއި ފައިސާ ދެއްކުމާއި ހަމައަށް އަހަރަކު ދެ ޕަސެންޓް އިންޓްރެސްޓް ދައްކަން ވެސް ވަނީ ކަނޑައަޅާފައެވެ.

ހިޔާނާތް އަލުން ބަލަނީ

އެޓާނީ ޖެނެރަލް އޮފީހުން ބުނީ މައްސަލަ ނިމުމާއެކު އެ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

އަދި ވެންޓިލޭޓަރު ހޯދުމަށް ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ މި މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެތައް ފަހަރެއްގެ މަތީން ތަހުގީގު ހިންގާ ދައުވާކޮށްދޭން އެދިފައިވެ އެވެ. ނަމަވެސް ފުރިހަމަ ތަހުގީގެއް ކުރެވިފައި ނެތުމުން ޕީޖީން ކޮންމެ ފަހަރަކު ވެސް މައްސަލަ ފޮނުވާލަނީ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އޭސީސީ އިން ވަނީ ހެލްތު މިނިސްޓްރީގެ ކުރިން އުޅުނު ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.