މިހާތަނަށް ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ސަމާލުކަމެއް ނުދޭ: ރައީސް

އުމްރާނީ ތަރައްގީއަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދިނުމުން ކައުންސިލުތަކުގެ އިދާރާތައް ވަނީ ބާވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއް ކަމަށާ ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްގީ އަށް ސަމާލުކަން ދީފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިތާ 13 އަހަރު ފުރި 14 ވަނަ އަހަރު ގުނަން ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބު ގައެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއް ކަމުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ކުރިމަތިވެފައިވާ ކަމަށެވެ.

"ގިނަ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް. ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްގީ އަށް ސަމާލުކަން ދެވިފައެއް ނުވޭ،" 

ރައީސް ވިދާޅުވީ އެ ސަބަބާއި ގުޅިގެން ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އިންވެސްޓާ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްގީ އަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ގަސްތު ކުރައްވާ ކަމަށެވެ. އަދި އަމާޒަކީ ކައުންސިލްތަކަށް ގާނޫނީ ވާޖިބު އަދާކުރެވޭނެ ރައްޔިތުންނާ އެކު މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދިނުން ކަމަށް ވިދާޅުވި އެވެ.  

ރައީސް ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިނގާކަން ކަށަވަރުކޮށް ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބަރާއި އިހްތިޔާރު އޭގެ އެންމެ ފުރިހަމަ މާނާ ގައި ތަންފީޒުވާ ކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާ އެއީ އެމަނިކުފާނު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އެއް ފަށަލަ. ސަރުކާރުގެ ސިޔާސަތުތައް ސިޓީ، އަތޮޅު އަދި ރަށު ފެންވަރު ގައި ތަންފީޒުކޮށް ރައްޔިތުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ހިދުމަތްތައް ވިލަރެސްކޮށް ބަލަހައްޓާ އިދާރާ. އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ހަމަހަމަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރުން،"

މި ގޮތަށް ކައުންސިލްތަކުގެ ހިންގުން ބައްޓަން ކުރެވޭނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކޮށްގެން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކޮށް، ރައްޔިތުންގެ ހިޔާލު ހޯދާ ޖަވާބުދާރީވާ ޒިންމާދާރު ކައުންސިލަކަށް ވެވޭނީ އޭރުން ކަމަށެވެ.

މިމަގަށް ކަންކަން ފަހިކުރުމަށްޓަކައި ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި ވުޒާރާތަކާއި ހުރިހާ މުއައްސަސާތަކުން ވެސް ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ ހާއްސަ ގޮތެއްގައި ރައްޔިތުންނާގުޅޭ ކަންކަން ރާވައި ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިކުރުން އިތުރު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުން

ލާމަރުކަޒީ ނިޒާމު ހިންގުމުގައި ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ އަދި ކައުންސިލްތަކާއި ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވަކި މިނިސްޓްރީއެއް އުފައްދަވާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ.

ސަރުކާރުގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެމުން ކަމަށާ ސަރުކާރުގެ އޮފީސްތަކުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާ އެކު ކުރެވޭ މަސައްކަތް އިތުރުވެ ހިންގުމުގެ ސްޕީޑް ދަނީ ހަލުއިވަމުން ކަމުގައި ވިދާޅުވި އެވެ.

"އިދާރީގޮތުންނާއި ތިޖާރީގޮތުން ކައުންސިލްތައް ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމުގެ ހަގީގީ ހެޔޮ ބަދަލު ގެނައުމަކީ އަދި އޭގެ މަންފާ ރައްޔިތުންނަށް ލިއްބައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް އަދި އަމާޒެއް. މިކަމަށްޓަކައި ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނިފައިނުވާ ފަޅުރަށްތައް ކައުންސިލްތަކާ ޙަހަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި މިހާރު މި ދަނީ ތަންފީޒު ކުރަމުން،"

މި ސިޔާސަތުގެ ސަބަބުން ކައުންސިލްތަކަށް މާލީ ކުރިއެރުން ލިބި ރަށްރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ކުރިއެރުމާއި އިގްތިސާދީ ނަފާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބު ގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ލޯކަލް ގަވަމަންޓް އޮތޯރީން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެއްވި އެެވެ. ހުރިހާ ކައުންސިލްތަކެއް އެއް ވިއުގައަކުން ގުޅާލެވި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއެކު ފަސޭހަކަމާއެކު މުއާމަލާތު ކުރެވޭނެ އަދި ލިޔެކިޔުން އަރުޝީފު ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ކައުންސިލްތަކުން ކުރާ އިދާރީ ގިނަ މަސައްކަތްތަކާއި ފައިސާގެ މުއާމަލާތްތަކާއި ބަލަހައްޓަންޖެހޭ ދަފްތަރުތައް ބެލެހެއްޓުމާއި ކައުންސިލްގެ މަސައްކަތްތައް މޮނިޓާކޮށް ބެލެހެއްޓުމުގެ އެޕްލިކޭޝަންތައް ފަރުމާކޮށް އޭގެ ލުއިފަސޭހަކަން ކައުންސިލްތަކުން ދަނީ ތަޖުރިބާ ކުރަމުން ކަމަށް ވިދާޅުވި އެވެ. މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެ އޮތޯރިޓިން މިހާރު ދަނީ ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިސްޓަމް އެޕްލިކޭޝަންތައް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާ އަދި ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކޮށް ކައުންސިލްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށާއި ކައުންސިލްތަކުގެ މެދުގައި ބިނާކުރަނިވި، ވާދަވެރި ރޫޙެއް އުފެއްދުމަށް ކައުންސިލްތައް މިންކޮށް އަދި ކައުންސިލް ޕާފޯމެންސް އިންޑެކްސް އިތުރަށް ތަރައްގީކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.