ލަފާ ލިބިއްޖެ؛ ކަނޑުން ބައެއް ގެއްލުނީ މަސްލަހަތު ދޫކޮށް ޒިންމާދާރުކަން ކުޑަކޮށް އަމަލު ކުރުމުން

މި މައްސަލަ އިޓްލޮސް ގައި ކުރިޔަށް ދިޔައިރު ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރުގެ ބަންޑާރަ ނާއިބު އަހްމަދު އުޝާމް އަދި ކުރީގެ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު

ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ގާނޫނޫ ލަފާ ހޯދަން އައްޔަނު ކޮށްފައިވާ ތަޖުރިބާކާރުންގެ ގާނޫނީ ލަފާ ލިބިފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ދެކުނުން ދިވެހިންގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައި ގައި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ މަސައްކަތް ފަށާފައެވެ.

އެ އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލް އަކާއި ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައި ގައި މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ވެސް އެ އޮފީހަށް  ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ ހަބީރުން މިހާތަނަށް ދެއްވާފައިވާ ލަފާ އަދި ވިލަރެސް ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ އިތުރުން، މި މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީލިމިޓްކޮށްދިނުމަށް އެދި ޖޫން 18، 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާ އެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް ކަމަށް ބަންޑާރަ ނާއިބު އޮފީހުން މިއަދު ބުންޏެވެ.

އަދި މި މައްސަލަ އިޓްލޮސް ގައި ކުރިޔަށް ދިޔައިރު ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައި ގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތު ގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ބުންޏެވެ.

ދިވެހިރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައި ގައި ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދިފާއުތަކުގެ ސަބަބުންނާއި އެ މައްސަލައި ގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަން އަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ކަމުގައި ނުވެފައި މިހާރު ވެސް ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމު ގައި ނުވާތީ ނިންމުން ތަންފީޒު ކުރަން ހުރަސްތައް ހުރި ކަމަށް ވެސް ތަޖުރިބާކާރުން ލަފާ ދެއްވާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

އެއީ އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރެޒޮލޫޝަންގެ މައްޗަށް ބިނާކޮށް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ބަލައި އިޓްލޮސް ގައި މިމައްސަލަ ކުރިއަށް ގެންގޮސް ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ހިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއް ކަމަށް އިޓްލޮސް އިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމަކަށް ނުވުމާއި އެއީ އިޓްލޮސް އަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ އެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ކަމާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުންނެވެ،"

މި މައްސަލަ ކުރިޔަށް ގެންދިއުމު ގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަން ޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެ ކު ވަޒީރުންގެ މަޖިލީހަށް ހެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމުގައި އެ އޮފީހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވަން ޖެހޭ ކަންކަން ނިންމެވުމާއެކު، މި މައްސަލައިގެ އިތުރު ތަފްސީލުތައް އާންމުކޮށް ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.