"ތިން ވަޒީރުންނަށް ރުހުން ނުދިނީ ވަކި ގައުމެއްގެ އަމުރަކަށް"

"ތި އެންމެންނަކަށް ނުދެވޭނޭ ރުހުމެއް، ތިމަންނަމެން ކޮންމެހެންވެސް ޖެހެއޭ ދެތިން ވަޒީރަކު ދުއްވާލަން، ހަމަ އެ ލެންގުއޭޖް ބޭނުންކުރެއްވީ،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ތިން ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ގައުމެއްގެ އަމުރަކަށް ކަމަށް ވަނީ ތުހުމަތު ކުރައްވާފައި --

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުންގެ މަޖިލީހުން ރުހުން ނުދިނީ ބޭރުގެ ގައުމެއްގެ އަމުރަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ.

މި މޭރުމުން ރައީސް ވާހަކަދެއްކެވީ ރޭ ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީފެ މެޖޯރިޓީ އޮންނަ މަޖިލީހުން މިހާރު ވެސް ސަރުކާރަށް އެކި ގޮތް ގޮތުން ދަތިކުރަމުންދާ ކަމަށެވެ. އެގޮތުން، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމުން ރައީސް ފާހަގަކުރެއްވި އެވެ.

މަޖިލީހުން ރުހުން ނުދޭން ނިންމީ، ބަންޑާރަ ނައިބް އަހުމަދު އުޝާމަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. މަޖިލީހުން ރުހުން ނުދޭން ނިންމިޔަސް ރައީސް ވަނީ އަލުން އެބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރައްވާ، އަލުން ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފަ އެވެ.

ރައީސް ވިދާޅުވީ، ކެބިނެޓަށް ހޮވާ ބޭފުޅުންގެ ޝަރުތުތައް ހަމަވާނަމަ އަބަދުވެސް މަޖިލީހުން އެބޭފުޅުންނަށް ރުހުން ދޭ ކަމަށެވެ. އަދި، މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރެވޭ ކަމަށް ގަބޫލުކުރެވޭނަމަ، އެބޭފުޅުން މަގާމުން ވަކިކުރެވޭނީ މަސައްކަތް ކުރަން ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ، އެ ބޭފުޅުންގެ މައްޗަށް ބާރު ހިންގާ ބޭރުގެ ކޮންމެ ވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ފަރާތަކުން މަޖުބޫރުކުރާ، ތިމަންނަމެން ހަމަ ޖެހެޔޭ ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން އެހެން އަޅުގަނޑުމެން ކައިރީ ބުނަމުން ދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މެމްބަރުން ބޭނުންވީ ކެބިނެޓްގެ ބައެއް ވަޒީރުން "ދުއްވާލަން" ކަމަށެވެ.

"ތި އެންމެންނަކަށް ނުދެވޭނޭ ރުހުމެއް، ތިމަންނަމެން ކޮންމެހެންވެސް ޖެހެއޭ ދެތިން ވަޒީރަކު ދުއްވާލަން، ހަމަ އެ ލެންގުއޭޖް ބޭނުންކުރެއްވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ ކުރީ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި އިންޑިއާ ކަމަށް ބެލެވެ އެވެ. ނަމަވެސް ރައީސް އެ އިޝާރާތް ކުރެއްވި ގައުމު ހާމައެއް ނުކުރައްވަ އެވެ. ރައީސް ފަހަކަށް އައިސް މަޖިލީހަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.