ސަތޭކަ ދުވަހުން ސޮވްރިން ފަންޑަށް 30 މިލިއަން ޑޮލަރު، އަހަރު ނިމޭއިރު 130 މިލިއަނަށް

އެސްޑީއެފް ފަންޑުގައި 2018 ވަނަ އަހަރާ ހަމައަށް 200 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ހުރީ ދެ މިލިއަން ޑޮލަރެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ފަހަށް ރައްކާ ކުރާ، ލޯނުތައް އަދާކުރުމުގެ ގާބިލްކަން އުފައްދާ ފަންޑު، ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް މިދިޔަ ތިން މަސްތެރޭ 30 މިލިއަން ޑޮލަރު ޖަމާކޮށް، މި އަހަރު ނިމޭއިރު މި އަދަދު 130 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ތިން އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ގައި މިއަދު ކެލައަށް ވަޑައިގެން ބޭއްވެވި ޖަލްސާ ގައި ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރު އައިރު ސޮވްރިން ފަންޑުގައި ހުރި ޑޮލަރު މާރުކޮށްފައިވާ ކަމަށާ ނަމަވެސް މި ސަރުކާރުން އަލުން އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާ ކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް 30 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަަމަށެވެ. އަދި މި އަހަރު ނިމޭއިރު މި އަދަދު 130 މިލިއަން ޑޮލަރަށް އުފުލިގެންދާނެ ކަމަށެވެ.  

މިނިސްޓަރު ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު އެސްޑީއެފް ބެލެންސުގައި ޑޮލަރުން ހުރީ ދެ މިލިއަން ޑޮލަރު ކަމަށާ ރުފިޔާއިން ހުރީ 2.4 މިލިއަން ރުފިޔާ ކަމަށެވެ. 

މި ފަންޑުގައި ހުރި ފައިސާކޮޅު މާރުކޮށްލިކަމަށް މީގެ ކުރިން ރައީސް ޑރ. މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން މިހާރު ވަނީ ފަންޑަށް ގާނޫނީ ބާރުދީ ފަންޑަށް ފިނޭންސުން އަތްބޭނުން ކުޑަކުރުމުގެ ގޮތުން އެސްޑީއެފް ގާނޫނެއް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މި ގާނޫނު ސްޕޮންސާކުރީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މޫސާ ސިރާޖު އެވެ. 

ޖަމާކުރިނަމަ ބިލިއަނެއްހާ ޑޮލަރު ހުންނާނެ

އެސްޑީއެފް ފަންޑު ރައީސް އިބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފަންޑުގެ މަގުސަދަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނަގާތީ ރާއްޖޭގެ އިގްތިސޯދާމެދު ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ވަރުގަދަކޮށް ބޮޑެތި ލޯނުތައް ދައްކަންވާއިރަށް ލޯނު ދެއްކުމުގެ ގާބިލްކަން އުފެއްދުމެވެ. ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. އެކަމަކު ރައީސް ސޯލިހުގެ ސަރުކާރުން މި ފަންޑަށް ފައިސާ ޖަމާނުކޮށް އަދި އެ ފަންޑުގައި ހުރި ޑޮލަރު މާރުކުރި އެވެ. މިހާރު އެ ފަންޑަށް ބަރާބަކަށް ފައިސާ ޖަމާކުރާނަމަ ބިލިއަނެއްހާ ޑޮލަރު މިހާރު މި ފަންޑުގައި ހުންނާނެ އެވެ. 

އެސްޑީއެފް - އެނގިފައިވާ ގޮތުގައި 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު މިހާރު މި ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.