އަނަސް މަރާލުމުގެ ތުހުމަތު އޮތް އެންމެން ސަލާމަތްވެއްޖެ

ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން މި މައްސަލައިގައި ހެކިބަސް ދީފައެއް ނުވެ އެވެ.

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ބަންދުކޮށްފައި ތިބި މީހުން: އެމީހުން މިއަދު ވަނީ ސަލާމަތްވެފައި --

މީގެ ހަތް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް އެންމެން ސަލާމަތްވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ހުކުމް އިއްވާފަ އެވެ. ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން މި މައްސަލައިގައި ހެކިބަސް ދީފައެއް ނުވެ އެވެ. ދެ ފަހަރު ދައުލަތަށް ފުރުސަތު ދިނުމުން ވެސް އެމީހުން ކޯޓަށް ހާޒިރުކުރެވިފައެއް ނުވެ އެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި މައްސަލައިގައި ޒަޔާން، އުސްމާން އަދި އަފްރާހުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. މި އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ހުކުމް އިއްވަމުން ގާޒީ އަލީ ނަދީމް ވިދާޅުވީ، ސިއްރު ހެކިވެރިން ހެކިބަސް ދޭން ކޯޓަށް ހާޒިރުވެފައި ނުވާތީ، ދައުވާ ލިބޭ މީހުން ކުށުގެ އަމަލު ހިންގިކަން ސާބިތު ކުރަން އޮތީ ހަމައެކަނި ސީސީޓީވީ ފުޓޭޖްތަކެއް ކަމަށެވެ. ނަމަވެސް، ހާދިސާ ހިނގި ދުވަހު ލިޓަސް ސާވިސް ސެންޓަރު ކައިރިއަށް އެމީހުން ދަތުރުކުރި މަންޒަރު މެދުނުކެނޑި ފެންނަ ފުޓޭޖްތައް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

މުހައްމަދު އަނަސް: އޭނާ މަރާލި ކަމުގެ ތުހުމަތު އޮތް މީހުން މިއަދު ވަނީ ސަލާމަތްވެފައި --

އެމީހުން ފެންނަ ކަމަށް ހުށަހަޅާފައިވާ ބައެއް ފުޓޭޖްތަކުން ދައުވާ ލިބޭ މީހުން ފެނުނު ނަމަވެސް، އެމީހުން ކުށުގެ އަމަލު ހިންގިކަން އެނގެން ނެތް ކަމަށެވެ. އަދި، ބައެއް ފުޓޭޖްތަކުގައި ވަގުތު ދިމާ ނުވާތީ އޭގެ ސައްހަ ކަމާމެދު ވެސް ގާޒީ ވަނީ ސުވާލު އުފައްދާފަ އެވެ.

ގާޒީ ވިދާޅުވީ، އެމީހުންނާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި ހަތް މީހުން ކުށުގެ އަމަލު ހިންގިކަން ސާބިތުކުރާނެ ހެއްކެއް އެ ރިޕޯޓްތަކުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ތަކެތި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން، މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އެމީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. މި ހުކުމާއެކު އެމީހުން ސަލާމަތްވީ އެވެ. 

ހާދިސާގެ ހުލާސާ - މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ މާސްކް އަޅައިގެން ތިބި ބަޔަކު އޭނާ ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ. އޭނާ މަރާލީ އަދާވާތްތެރި ގުރޫޕެއްގެ މެމްބަރެއް ކަމަށް ހީކޮށެވެ. އަނަސްއަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ބަޔަކު ގުޅިގެންނެވެ. ރަހުމުކުޑަކޮށް އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވި އެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައި، 2022 އަހަރުގެ އޮކްޓޯބަރު މަހު ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފަ އެވެ.

ކޮމެންޓް

1
450
ހުސޭނު
2 months ago

އެެއްޗެއް ބުނަން ބިރުގަނޭ މި މީހުން ތިބިގޮތް ފެނިފައިވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.