ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންފި

ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހަރުދަނާ ސިޔާސަތުތަކަކާއެކު ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށެވެ.

ކުރީގެ ނައިބް ރައީސް މިއަދު އެމްޑީޕީއަށް ސޮއިކުރައްވަނީ --

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ފައިސަލް މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ފައިސަލްއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އެމަނިކުފާނާއެކު ނިމިދިޔަ ސަރުކާރަށް ކޮށްދެއްވި ބުރަ އަދި ތެރުވެރި މަސައްކަތަށް ޝުކުރު ވެސް ދެންނެވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފައިސަލް އަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނުގައި ފައިސަލް އަމަލީ ގޮތުން އުޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފައިސަލް މި ޕާޓީއާ ގުޅިވަޑައިގަތުމަކީ، އަޅުގަނޑުމެންނަށް ލިބުނު އިތުރު ޖޯޝެއް. ފައިސަލަކީ އަމަލީ މަސައްކަތްތަކުގަ ބުރަކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް. އެހެންވީމަ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި އަމަލީ ގޮތުން އަޅުގަނޑުމެންނާއެކީގަ ހަރަކާތްތެރިވެވަޑައިގަންނަވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފައިސަލް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހަރުދަނާ ސިޔާސަތުތަކަކާއެކު ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށެވެ. 

"އެމްޑީޕީއަކީ ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ރަގަޅަށް އެ މަސައްކަތް ކުރެއްވި ޕާޓީ. އަޅުގަނޑު ގަބޫލު ކުރަނީ، މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި ފައިސަލް ނައިބް ރައީސްކަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. ނަމަވެސް އެ މަގާމަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން މުޅީން ހުއްޓަވާ ލެއްވި އެވެ. ސިޔާސީ އެހެން ޕާޓީތަކުގެ ވެރީންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަށް ވެސް ފައިސަލް ވަޑައިނުގަތެވެ.

ފައިސަލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ ޖެނުވަރީ މަހުގެ 21 ވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.