ގައުމަށްވާ އެންމެ ބޮޑު ޣައްދާރުވުމަކީ އިގްތިސޯދާމެދު ދޮގު ވާހަކަ ފެތުރުން: ޖަނާ

ޖަނާ ތަކުރާރުކޮށް ވަނީ އިގްތިސޯދާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ހުރިހާ ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ އިންވެސްޓްމަންޓް އެޑްވައިޒަރު ޖަނާ ޔޫއޭއީ ފަންޑުގެ އިސްވެރިންނާއެކު ފޯރަމްގައި

ރާއްޖެފަދަ ނާޒުކު އިގްތިސޯދެއް އޮންނަ ގައުމެއްގެ އިގްތިސޯދާ މެދު ދޮގު ވާހަކަ ފެތުރުމަކީ ގައުމަށްވެވޭ އެންމެ ބޮޑު ގައްދާރު ކަމަށް ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ. 

ގއ. ވިލިނިގިލީގައި ބްރުޖްހަލީފާ ހެދި ބީސިކްސް ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރަން ހަވާލުކުރި ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި އިގްތިސޯދީ ބޮޑު މަޝްރޫއު އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް ޖަނާހު ވިދާޅުވީ އިގްތިސޯދާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑު ގައްދާރު ކަމަށެވެ. 

"ކިތަންމެ ހިޔާލު ތަފާތުވުމެއް އޮތަސް ރާއްޖޭގެ އިކޮނޮމީއާ ބެހޭ ގޮތުން ދޮގު ހަބަރު ނުފަތުރާތި. ރާއްޖެއަކީ ސްޓޮކް އެކްސްޗޭންޖެއް، ބޮޑެތި ބޭންކްތަކެއް އޮތްތަނެއް ނޫން. އަޅުގަނޑުމެންގެ ރަހުމަތްތެރި ވިޔަފާރިވެރިން ލާރި ހުރި ތަންތަނަށް ގޮސް ރާއްޖެ ގެނެސް ގައުމު ތަރައްގީ ކުރަނީ. އެހެންވީމަ ރާއްޖެއާ ބެހޭ ގޮތުން ނެރޭ ކޮންމެ ހަބަރެއް ކޮންމެ ދުވަހަކު ހެނދު މޭޒުމަތީގައި އޮންނާނެ،" ޖަނާ ވިދާޅުވި އެވެ. 

ޖަނާ ވިދާޅުވީ އިގްތިސޯދަށް ގެއްލުންވާ ގޮތަށް ވާހަކަ ނުފެތުރުމަކަކީ މުހިންމު ކަމެއް ކަމަށާ އެކަމުގެ ސަބަބުން އެންމެ އާދައިގެ މީހާއަށް ވެސް ބޮޑު އަސަރެއް ކުރާ ކަމަށާ ކިތަންމެ ބޮޓެއް ހަދައިގެން ނުކުމެ ޖަނާމެންނާ ދިމާ ކުރިނަމަވެސް ގައުމަށް ގެއްލުންވާ ވާހަކަ ނުފަތުރަން އެދިވަޑައިގަންނަވާ ކަމަށެވެ. 

"މިސާލަކަށް ޕާލިމެންޓުގައި ހިނގާ ކަންކަންމުން އިންވެސްޓަރުން ވަރަށް ކަންބޮޑުވޭ. ރައީސް އެބަޖެހޭ ހުރިހާ ސަބްސިޑީއެއް ބަރާބަރަށް ދޭން. ހެލްތް އިންޝުއަރެންސް އާސަންދަ ދޭން. މިކަންކަން ވަނީ ބޭރުގެ އިންވެސްޓްމަންޓް ތަކުން އަންނަ ފައިސާ އިން ޓެކްސް ނަގައިގެން އިކޮނޮމީގެ ބޭސް ފުޅާކޮށްގެން. އެ މީހުންނަށް ކޮންވިންސްކޮށް ދެނީ ދުވަހަކު ވެސް ޑިފޯލްޓެއް ނޯންނާނެ. މިހެން އޮތްކަމެއްގައި ޕެނިކް އުފައްދާ ހެދުމަކީ އެއަށްވުރެ ގައްދާރު ދިވެހި ގައުމަށް ގެއްލުންދެވޭނެ ބަޔަކު ނުތިބޭނެ. އަޅުގަނޑުގެ އާދޭހެއް މިއީ،" ޖަނާ ވިދާޅުވި އެވެ.  "ދިވެހިރާއްޖެއާ ނުތޮޅޭށޭ. ރާއްޖެއާ ނުބެހޭށޭ." 

އޭނާ ވިދާޅުވީ ރައީސް މުއިއްޒު އަށް ދިމާވެފައިވާ ވަރުގެ ބޮޑު ގޮންޖެހުމަކާ ދުވަހަކު ވެސް ރާއްޖޭގެ ވެރިއަކަށް ކުރިމަތި ނުވާ ކަމަށާ ނަމަވެސް މި ގޮންޖެހުމުން އަރައިގަންނާނެ ކަމަށެވެ.

"1990 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ އިކޮނޮމީ މެނޭޖުކުރަމުން މިދަނީ އިކޮނޮމީކް އޮންނަވީ ގޮތަކަށް ނޫން. ތަފާތު އެކި ގޮތްގޮތަށް. އިކޮނޮމިކްސްޓުން ތަފާތު ލަފާ ދިންނަމަވެސް އެ ލަފަޔާ ހިލާފަށް. ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭކަމެއް ކުރަމުން ސަބްސިޑީ ދެމުން ތަފާތު ކުންފުނިތައް އުފައްދަމުން. މިއަދު އިކޮނޮމީ މިއޮތީ ގައުމަކަށް ހިފޭ ވަރަށްވުރެ މާބުރަ ބޮޑު ހާލަތެއްގައި،" ޖަނާ ވިދާޅުވި އެވެ.

ސިޔާސީ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޖަނާ ވިދާޅުވީ ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސޯދު އެހެން ބައެއްގެ އަތްމައްޗަށް ނުގޮސް ދިވެހިންގެ އަތްމަތީގައި ބާއްވާނެ ގޮތެއް ހަދައިދިނުމަށް ކަމަށެވެ. 

"އެނގިވައިގަންނަވާނެ ކުރީގެ ރައީސް އިބްރާހިމް ނާސިރު ވޯރާ ވިޔަފާރިވެރިން ފޮނުވާލަން ގިނަ މަސައްކަތްތަކެއް ކުރެއްވި. އަޅުގަނޑު ބައްޕައަކީ މިކަމުގައި އެއް ހިއްސާދާރު. އެމީހުންގެ އުނދަގޫ ބޮޑުވެފައި އޮތް މިންވަރަކީ ދޮލަނގުގައި ގޭގެ އަށް ތަކެތި ފޮނުވި. މިއީ އެ ޒަމާނެއް ނޫން. މިއީ ޑިޖިޓަލް ކޮއިނަކުން ވެސް ފޮނުވޭނެ،" ޖަނާ ވިދާޅުވި އެވެ. 

ޖަނާ ވިދާޅުވީ މިހާރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތުން ރައީސް ޑރ. މުއިއްޒު އަވަހާރަފުޅު ޕައްވަނީ ކިހިނެއް ކަމާމެދު ވެސް އެމަނިކުފާނު ހައިރާންފުޅުވާ ކަމަށެވެ. 

"މި ވަގުތު ގިނަ ޑިފިކަލްޓީސްއާ ދިމާވާނެ. ކުރީގެ ބޭފުޅަކު ވިދާޅުވި ހިތިބޭސް ބޯންޖެހޭނެއޭ. އެއީ އިނގިރޭސި މުހާވިރާއެއް. އެއީ ބިޓަމެޑިސިން. އަޅުގަނޑުމެން މިއޮތީ އެއަށްވުރެވެސް ދަތި ކަންތައްތަކާ ކުރިމަތިލާން ޖެހިފަ. އެހެންވީމަ ރައީސް ކުރައްވާ އެ މަސައްކަތަކީ އިކޮނޮމިކް ސައިކަލް ހަމައިން ނެއްޓިގައި އޮތް އެއްޗެއް ހަމައަކަށް އެޅުވުން،" ޖަނާ ވިދާޅުވި އެވެ. 

ޖަނާ ވިދާޅުވީ ފަޅުމާފުށީގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށިއިރު، މި އަތޮޅުގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާ އެކަން ކުރީ މަސީގެ ސެކްރެޓެޖީ ޖެނެރަލް އަދުނާން ހަލީމް ދެއްކި ފޮޓޯއެއްގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑު ކައިރީގައި ގާތް ރަހުމަތްތެރިންވެސް ބުނި އެއީ ވަރަށް ދުރޭ. އެހާ ދުރުގަ އެވަރުގެ ޕްރޮޖެކްޓެއް ހިންގައިގެން ކިހިނެއްހޭ ކާމިޔާބުވާނީ. ވަރަށް ބޮޑު ޗެލެންޖެއް. އޭރުވެސް ޑރ. މުއިއްޒު [ރައީސް ދަންނަން] ގެ މިނިސްޓަރުކަމުގައި އެއާޕޯޓް ހަދައި ހުޅުވީ. އޭރުވެސް އަޅުގަނޑުމެން ދެމީހުންގެ މެދުދުގައި ދެކެވުނު ވާހަކައެއް ކިހާ ދެރަކަމެއްހޭ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގޭވަރުގެ ރަށެއްގައެއް ނޫނޭ ހިންގަން މި ޖެހުނީ، އެއީ އެހެން ސަރުކާރަކުން ނިންމާފަ އޮތް ކަމެއް އެއީ،" ހުވަދޫގައި އެންމެ ފުރަތަމަ ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރި އެއް ވިޔަފާރިވެރިޔާ ކަމަށްވާ ޖަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގއ. ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވަފެނެއް ކަމަށާ އެކަން މިއަދު ވަމުންދާތަން ފެންނަން ފަށާފައިވާ ކަމަށެވެ.

"މި އަތޮޅުގެ ބޮޑު އިގްތިސޯދު ބަދަލުކޮށްލާނެ މަޝްރޫއެއް މިއީ. ރައީސް ވިދާޅުވާ ކަންކަން ކުރަން ނުކުންނަނީ އެކަން ކުރެވޭ ވަރުގެ މީހުން ދުނިޔޭގެ ތެރޭން ހޯދައިގެން. އަޅުގަނޑާ ދުނިޔޭގެ ގިނަ ފަރާތްތަކާ ރަހުމަތްތެރި. މި ޕްރޮޖެކްޓް ރިއަލައިޒް ވާވަރުގެ ބަޔަކު ގެންނަންޗޭ،" ޖަނާ ވިދާޅުވި އެވެ.

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ހަވާލުކުރި ބީސިކްސް ކުންފުނީގެ ތައާރަފެއް ދެއްވަމުން ޖަނާ ވިދާޅުވީ މިއީ ދުނިޔޭގެ 44 ވަނަ އަހަރު އެންމެ ބޮޑު ކޮންޓްރަކްޝަން ކުންފުނި ކަމަށާ މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާ 3.6 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ކަމަށެވެ. މިއީ ބްރުޖުހަލީފާ އެޅި ކުންފުންޏެވެ.

"މިދިޔަ އަހަރުގެ ފައިދާއަކީ 300 މިލިއަން ޑޮލަރު. އެއް އަހަރުގެ ފައިދާ އިން ވެސް މި އެއާޕޯޓް އެޅޭނެ،" ޖަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރުޖުހަލީފާގެ ތަޖުރިބާ ވަރުގެ އުސް އިމާރާތަކަށް ނުވިނަމަވެސް ދުނިޔޭގެ ނަން ހިނގާ މަޝްހޫރު ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓް ވެގެންދާނެ ކަމަށެވެ. ޖަނާ އެދިވަޑައިގެންނެވީ ވިލިނގިލީ "އެކެފަރު" ގައި ތަރައްގީކުރާ މި މަޝްރޫއަށް ކިޔާނެ ރީތިނަމެއް ވިލިނގިލީ ރައްޔިތުން ދެއްވުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.