ބްރުޖްހަލީފާ ހެދި ކުންފުނިން ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި 17 ރިސޯޓް

މި ކުންފުނިން ރާއްޖޭގައި 800 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ވިލިނގިއްޔާއި އެއާޕޯޓް ހައިވޭއަކުން ގުޅާލާނެ އެވެ.

ވިލިނގިލީ ފަޅުތެރޭގައި ހަދާ އެއާޕޯޓުގެ ކުރެހުމެއް

ދުނިޔޭގެ އެންމެ އައިކޮނިކް ބިނާ ކަމަށްވާ ބްރުޖް ހަލީފާ ހެދި ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމައި، ގއ. ވިލިނގިލީ ފަޅު ތެރޭގައި އިންޓަނޭޝަނަލް އެއާޕޯޓްއަކާއި 17 ރިސޯޓް ހަދަން އެމްއޯޔޫއެއްގައި ކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުމުގައި މިއަދު ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއުގެ ހިންގަން ހަވާލުކުރީ ދުބާއީގެ ބްރުޖުހަލީފާ ހެދި ބެލްޖިއަމްގެ ބީސިކްސް ގްރޫޕާ އެވެ.

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޓަގްރޭޑެޓް ޓޫރިޒަމް ހަބް މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދި ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގަތެވެ. 

މި އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާންޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތޮލިބު އެވެ. އަދި މި މަޝްރޫއު ހިންގަން ހަވާލުވާ ބީސިކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީގެ އާއިލާގެ ފަރާތުންނެވެ. މި ކުންފުނީގެ މައި ހިއްސާދާރަކީ މިސްރުގެ ހޮރަސްކޮމް އެވެ. 

ވިލިނގިލީ ފަޅުތެރޭގައި ހަދާ ރިސޯޓްތަކުގެ ކުރެހުމެއް

ޖަނާހް އަކީ ރިސްކް ނަންގަވައިގެން އެންމެ ފުރަތަމަ ހުވަދު އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރި ވިޔަފާރިވެރިޔާ އެވެ. އަދި މެދުއިރުމަތީގެ ވިޔަފާރީގެ ޕާޓްނަރުންނާއެކު ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. 

800 މިލިއަން ޑޮލަރުގެ މަޝްރޫއެއް

މި މަޝްރޫއުގެ ދަަށުން ގއ. ވިލިނގިއްޔާއި މި އެއާޕޯޓް އަޅާ ރަށް ކޯޒްވޭއަކުން ގުޅާލާނެ އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) އެވެ. މި އިންވެސްޓް ކުރަނީ އެ ކުންފުނިން އަމިއްލަ އަށެވެ. މިއީ ސަރުކާރުން ހަރަދު ކުރާ މަޝްރޫއެއް ނޫނެވެ. 

މި މަޝްރޫއުގެ ދަށުން ވިލިނގިއްޔާއި އެއާޕޯޓް ގުޅާލާ ކޯޒްވޭގެ ދިގު މިނުގައި 17 ކިލޯމީޓަރު ހުންނާނެ އެވެ. މި ރަށުގައި ހަދާ އެއާޕޯޓަކީ އެންމެ ޒަމާނީ ހުރިހާ ވަސީލްތަކެއް ހުރި އިންޓަނޭޝަނަލް އެއާޕޯޓަކަށްވާނެ އެވެ.

މި މަޝްރޫއުގެ ދަށުން ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓެވެ. މި މަޝްރޫއާއެކު ހުވަދޫގެ އެނދުގެ އަދަދު 5،000 އަށް އިތުރު ވެގެންދާނެ އެވެ. 

މަޝްރޫއުގެ ބައެއް މައުލޫމާތު

  •  ޖުމްލަ 17 ރިސޯޓް
  •  ކުޑަ އަށް ޕްރައިވެޓް އައިލެންޑް
  •  ބޮޑު ނުވަ ރިސޯޓް
  •  ވިލިނގިއްޔާއި އެއާޕޯޓާ ދެމެދު 17 ކިލޯމީޓަރުގެ ހައިވޭ
  •  ފުރަތަމަ ފޭސް 2.6 ކިލޯމީޓަރުގެ ރަންވޭ
  •  ދެވަނަ ފިޔަވަހި 3.6 ކިލޯމީޓަރުގެ ރަންވޭ
  •  ޔޮޓްމެރީނާއެއް ހުންނާނެ
  •  ހުވަދޫ އެނދުގެ އަދަދު 5،000 އަށް
ބީސިކްސް ގްރޫޕް - ބީސިކްސް ގްރޫޕް މަޝްހޫރު ވެގެން ދިޔައީ ބްރުޖް ހަލީފާ ހެދި ކުންފުނީގެ ގޮތުގަ އެވެ. މި ކުންފުންޏަކީ ދުނިޔޭގައި މިޒާތުގެ މަޝްރޫއުތަށް ހިންގަން އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. ދުބާއީގައި މިހާރު ހަދަމުންދާ އަޕްޓަވަރު ހަދަނީވެސް މި ކުންފުނިންނެވެ. އަދި 2022 ވަނަ އަހަރު ހަ މަސް ދުވަހަށް ދުބާއީގައި ބޭއްވި ދުބާއީ އެކްސްޕޯގެ ގިނަ ތަންތަން ވެސް ހެދީ މި ކުންފުނިންނެވެ. މީގެ އިތުރުން ވެސް ގިނަ މަޝްރޫއުތަކެއްގައި މި ކުންފުނިން ހަރަކާތްތެރި ވެއެވެ.

ކޮމެންޓް

1
450
ހދހހސހސ
2 months ago

ބަދަލުގެ ގޮުތުގައި ކުންފުންޏަށް ކިތައް ރަށް ދޭންޖެހޭ؟؟؟؟؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.