ގަވާއިދު ބަދަލު ކުރީ ރަގަޅު ނިޔަތަކު ނޫން، ރައީސް އަޒުލުކުރަން ފަސޭހަ ކުރަން: ދައުލަތް

ނަމަވެސް، 15 އަހަރު ދުވަހު ވަކި ގޮތަކަށް ގާނޫނުއަސާސީ މާނަ ކުރަމުން އައިސް، ކުއްލިއަކަށް އެހެން ގޮތަކަށް މާނަކޮށް ބަދަލުތަކެއް މި ގޮތަށް ގެނެސްފައި ވަނީ ރަގަޅު ނިޔަތެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބް އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ --

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާ ގޮތަށް ބަދަލު ގެންނަން ފާސްކުރި މަގުސަދުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ނުވަތަ ގާނޫނުއަސާސީއަށް އިސްލާހެއް ގެންނައިރު ކޯރަމް ހަމަ ކުރަން ފަސޭހައަށް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ. އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ބޭނުންވާ ކޯރަމް ހަމަ ކުރެވޭނެ އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ބުނަކީ މަޖިލީސް ގަވާއިދަށް އެ އިސްލާހު ގެނެސްފައި ވަނީ މަޖިލީހަށް ލިބޭ ބާރުގެ ބޭރުން ކަމަށެވެ. އެއީ، މަޖިލީހުގެ މެމްބަރުން ގުނާނެ ވަކި ގޮތްތަކެއް ގާނޫނުއަސާސީގައި އޮއްވައި، ގަވާއިދަށް އިތުރު ބަދަލެއް ގެނައުމުގެ ސަބަބުން ގާނޫނުއަސާސީ އަށާއި މަޖިލީސް ގަވާއިދު ފުށު އަރާތީ އެވެ.

އެހެންކަމުން އެ އިސްލާހުތައް ބާތިލު ކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، ކޯޓުން މައްސަލަ ނުފަށަނީސް މަޖިލީހުން ވަނީ އެ އިސްލާހުތައް ބާތިލު ކޮށްފަ އެވެ.

މިއަދު ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ބޭއްވިއިރު މައްސަލަ ރައްދުވާ ފަރާތެއް ނެތެވެ. ސަބަބަކީ މަޖިލީސް ވެސް ތަމްސީލު ކުރަން ޖެހޭނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށްވާތީ އެވެ. އެހެންވެ މަޖިލީސް ކޯޓަށް ހާޒިރު ކޮށްފައެއް ނުވެ އެވެ.

މަޖިލީހުން އެ މާއްދާތައް ބާތިލު ކޮށްފައިވީ ނަމަވެސް، އެ މައްސަލައިގައި ބަހުސް ކުރައްވަމުން ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރުން ކަނޑައަޅާނެ ގޮތް ބަޔާން ކޮށްފައިވާ 71 އަދި 72 ވަނަ މާއްދާ އާއި އަދި، މަޖިލީހުގެ ގާނޫނީ އަދަދު ކަމަށް ބަޔާން ކޮށްފައިވާ 86 އަދި 87 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނީ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ 25 ޕަސެންޓްގެ ގޮތުގަ އެވެ.

"ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގަ މިއޮންނަ ރައްޔިތުންގެ ވެރިކަމުގެ ވާހަކަ މި ދައްކަނީ، މި މައްސަލަ، ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރެޕްރެޒެންޓޭޝަންސް އޭގެ ޒާތުގަ އޮންނަން ޖެހޭ ތަނެއްގެ ގޮތުގަ އޮތް އިރުގައި، ބައެއް ރައްޔިތުންގެ ރެޕްރެޒެންޓޭޝަންސް ނެތް ގޮތަށް އެ މާއްދާ މާނަ ކުރެވޭނެ އެއްވެސް ނައްސެއް އަޅުގަނޑުމެންނަކަށް ގާނޫނުއަސާސީ އަކުން ނުފެނޭ،" ފާތިމަތު ވިދާޅުވި އެވެ.

ފާތިމަތު ވިދާޅުވީ ގާނޫނުއަސާސީގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި އެވަނީ އެއްވެސް ހާލަތެއްގައި މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން ފަދަ ކަންކަން ފަސޭހައިން ނިމިގެން ނުދިއުން ކަމަށެވެ.

"މީގެ ކުރިން ވެސް އެބަހުރި މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ވެސް ގެއްލިފަ. ނުވަތަ ބައިވަރު މެމްބަރުން ވެސް އިސްތިއުފާ ދޭންވީ، އެކަހަލަ ހާލަތްތަކެއް ވެސް އެބަހުރި ދިމާވެފަ. އޭގެ މާނައަކީ އޭރުގަވެސް މިދެންނެވިހެން ކޯރަމް ގުނާފަ ނުވަތަ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާފަ މިވަނީ އޭރުގަ އޮތް މަޖިލީހުގެ އަދަދަށް ބަލައިގެން،" 18 ވަނަ މަޖިލީހުގައި ހިނގައިދިޔަ ކަމެއް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ކުއްލިއަކަށް ގަވާއިދު ބަދަލުކުރީ ކީއްވެ؟

ދައުލަތުގެ ވާހަކަތައް އެއްސެވުމަށް ފަހު ފަނޑިޔާރުން ވަނީ ވަރަށް ގިނަ ސުވާލުތަކެއް އަމާޒު ކޮށްފަ އެވެ. އޭގެ ތެރޭގައި މިހާރު ގަވާއިދަށް އިސްލާހު ގެންނަން ޖެހުނީ ކީއްވެގެންތޯ ތަކުރާރުކޮށް ފަނޑިޔާރުން އެއްސެވި އެވެ.

ކޮމެޓީގެ ޔައުމިއްޔާއަށް ހަވާލާދީ ފާތުމަތު ވިދާޅުވީ މަޖިލީހުގެ މަގުސަދަކީ ކުރިއަށް އޮތް ތަނުގައި މުހިންމު ކަމެއް ނިންމަން ޖެހިއްޖެ ހާލަތުގައި ކޯރަމް ހަމަ ކުރުން ކަމަށެވެ. 

"އެބޭފުޅުންނަށް [މަޖިލީހުގެ އާންމު ކޮމެޓީއަށް] މި ފާހަގަ ކުރެވެނީ ކުރިއަށް އޮތް ތަނުގަ، މިސާލަކަށް އަޒުލު ކުރުމުގެ މައްސަލައެއް ހުށަހެޅިފަވީ ނަމަވެސް، ނުވަތަ ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅިފަ އޮތް މައްސަލައެއް ކަމުގަ ވިޔަސް އެ އަދަދުތައް [ކޯރަމް] ހަމަނުވުމުގެ އިހްތިމާލް އޮތްކަމަށް ވާތީވެގެން،" ފާތިމަތު ވިދާޅުވި އެވެ.

ނަމަވެސް، 15 އަހަރު ދުވަހު ވަކި ގޮތަކަށް ގާނޫނުއަސާސީ މާނަ ކުރަމުން އައިސް، ކުއްލިއަކަށް އެހެން ގޮތަކަށް މާނަކޮށް ބަދަލުތަކެއް މި ގޮތަށް ގެނެސްފައި ވަނީ ރަގަޅު ނިޔަތެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން

މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށް، އެ އަކުރުތަކުގައި ހުރި ކަންކަން ކުޑަ ބަދަލަކާއެކު ގަވާއިދުގެ 242 ވަނަ މާއްދާ އިސްލާހު ކުރަން ވަނީ ފާސް ކޮށްފަ އެވެ. އެ މާއްދާގައި މިހާރު އޮތޯ، "ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ."

ގާނޫނުއަސާސީގެ 78 ވަނަ މާއްދާއަށް ބަލާއިރު، މަޖިލީސް އިންތިހާބާ މެމްބަރެއްގެ ގޮނޑި ހުސްވުމާ ދެމެދު ހަ މަސް ދުވަސް އޮވެއްޖެނަމަ ދެން އެ އިންތިހާބު ބާއްވައިގެން ނުވާނެ އެވެ. ދައުލަތުން ބުނެފައި ވަނީ އެގޮތަށް ގާނޫނުއަސާސީގައި ލިޔެފައި ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ، ބާތިލް ކޮށްފައިވާ އިސްލާހެއް ވިޔަސް، ފަހުން އިސްލާހަށް ބަދަލު ގެނެސްފައި ވަނީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ގެންދަނީ ފަހުން ގެނެސްފައި ވަނީ ބާތިލް ނިންމުމެއް ކަމަށް ބަލައިގެން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މަޖިލީހުން ކަންކަން ނިންމާ ގުޅޭ ގޮތުން ދައުލަތާ ސުވާލުތަކެއް އަމާޒުކުރި ނަމަވެސް، ދައުލަތުން ކޯޓަށް ހާޒިރުވީ އެކަންކަމަށް ތައްޔާރުވެގެންނެއް ނޫނެވެ. ދައުލަތާ އެ ސުވާލުތައް އަމާޒުކުރީ މަޖިލީސް ވެސް ތަމްސީލު ކުރަނީ ދައުލަތުން ކަމަށްވާތީ އެވެ.

ފަނޑިޔާރުންގެ ސުވާލުތަކަށް ފަހު މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.