ތިނަދޫ އެއާޕޯޓް ދެ އަހަރުން ނިމޭނެ، ދުނިޔޭގެ ފެންވަރުގެ ރީތި އެއާޕޯޓަކަށް ވާނެ

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެގެން ދާނީ ދުނިޔޭގެ ފެންވަރު ގައި ވެސް ފާހަގަ ކުރެވޭނެ ރީތި އެއާޕޯޓަކަށް ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ތިނަދޫ ޖަލްސާއަށް ވަޑައިގަންނަވަނީ

މިރޭ އިފްތިތާހު ކުރި ގދ. ތިނަދޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ދެ އަހަރު ދުވަސްތެރޭ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި ތިނަދޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ފެށުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓް މަޝްރޫއުއަށް މަދުވެގެން 50 ހެކްޓަރުގެ ބިން ތިނަދޫ އަށް އިތުރު ކުރެވޭނެ ކަމަށާ އެ ބިމާއި އެއްފަސް ވެގެން ހަތަރު ކިލޯ މީޓަރުގެ ރަންވޭ އެއް ގާއިމު ކުރެވޭނެ ކަމަށެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެގެން ދާނީ ދުނިޔޭގެ ފެންވަރު ގައި ވެސް ފާހަގަ ކުރެވޭނެ ރީތި އެއާޕޯޓަކަށް ކަމަށް ވިދާޅުވި އެވެ. މިރޭގެ ޖަލްސާ ގައި އެއާޕޯޓް ނިމުމުން އޮންނާނެ ގޮތުގެ ވީޑިއޯ ޕްރެެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް ގައި އޯވާ ވޯޓާ ޓާމިނަލެއް ގާއިމު ކުރަން ޑިވެލޮޕާ ހުށައަޅާފައިވާ ހުށައަޅާފައިވާ ކަމަށެވެ. އެކަން ވެގެން ދާނީ ދުނިޔޭގެ ފެންވަރު ގައި ފާހަގަ ކުރެވޭ އަދި ހުވަދުއަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުުރުމަށް ލިބޭ އިތުުރު ބާރަކަށެވެ. ތައިލެންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ހިންގާ މި މަޝްރޫއުގެ ދަށުން ގާއިމު ކުރާ އެއާޕޯޓް ވެެގެން ދާނީ އީކޯ ފްރެންޑްލީ އެއާޕޯޓަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއާޕޯޓާ އެކު ފްލައިން ސްކޫލެއް ވެސް އެ އަތޮޅަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ތައިލެންޑް ކުންފުނިން 12 ޓޫރިސްޓް ރިސޯޓް ތަރައްގީ ކޮށް 2،408 އެނދު ހިދުމަތަށް ނެރޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ވެސް އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ ހުވަދޫއަތޮޅުގައި ކުރިއަށް ގެންދާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުގެ ޑީޓެއިލްތަކަށް ފަހު މަދު ހަފްތާތަކެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުން ގާއިމު ކުރާނެ ކަމަށެވެ.

"ގިނަ ވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާނެ،" ރައީސް ވިދާޅުވި އެވެ.

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ 400 - 600 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހުށައަޅާފައިވާ މައިގަނޑު މަސައްކަތްތަކަކީ؛

  •  ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުން
  •  ގދ އަތޮޅުގައި ޓޫރިޒަމް ސިނާއަތް ތަަރައްގީ ކުރުން
  •  އެހެނިހެން އިގްތިސާދީ ކަންކަމަށް އިންވެސްޓް ކުރުން
  •  އިވެންސްޓްމަންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމު ކުރުން

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި އެއާޕޯޓް ތަރައްގީ ކުރަނީ ސީޕްލޭން ޓާމިނަލަކާ ވެސް އެކު ސީޕްލޭން ހަބެއް ގާއިމު ކުރެވޭނެ އެވެ. އަދި ވިދާޅުވީ އެންމެ ބޮޑެތި ބޯޓް ފަހަރަށް ޖެއްސޭނެ ރަންވޭއެއް ތިނަދޫ ފަޅުގައި ތަރައްގީ ކުރާނެ ކަމަށެވެ. އަދި ޕްރިމިއާ ފްލައިން ސުކޫލެއް ގާއިމު ކުރުމާއި ފްލައިޓްތަކަށް ސާވިސް ދިނުމަށް އެމްއާރްއޯ އަކާއި ކާގޯގެ ހިދުމަތް ލިބޭ ވަސީލަތްތައް ގާއިމު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފިއުލް ފާމެއް ވެސް ގާއިމު ކުރާނެ އެވެ.

"މީގެ އިތުރުން އެއާ އެންބިއުލާންސްގެ ހިދުމަތާއި ޑިކޮމްޕްރެޝަން ޗެމްބާ ފަދަ ވަސީލަތްތައް ވެސް މި ތަނުގައި ގާއިމުވެފައި ހުންނާނެ،" ވަޒީރު މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.