ރައީސް އެ ވިދާޅުވީ އިގްތިސޯދު ވައްޓާލާފައިވާ އަނދަވަޅުގެ ފުންކަން

ރައީސް ވިދާޅުވީ ފައިސާ ޗާޕު ކޮށްގެން ފައިސާ ދިނުމަކީ ފަސޭހަކެއް ކަމަށް، އެކަމަކު އެކަން ކޮށްފިނަމަ 10 އަހަރުތެރޭވެސް އެކަކުން އަރައި ނުގަނެވޭނެ ކަމަށް، އެކަން ނުކޮށް އިގްތިސޯދު ހަމައަށް އަޅުއްވާނެ ކަމަށް

ރައިސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ރައީސް އޮފީސް

ރައީސް ފަރެސްމާތޮޑާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައި އެއް ލަފުޒެއް ތަކުރާރު ކުރެއްވި އެވެ. އެއީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އާއްމުންނަށް ދަރާ، ދައުލަތުން ނުދީ 9 ބިލިއަން ރުފިޔާ އޮތް ވާހަކަ އެވެ. މިކަމުގެ ސަބަބުން އިގްތިސޯދީ ހަރަކާތް ހުއްޓިފައި އޮތް ވާހަކަ އެވެ. އޭގެފަހުން ކުރުކޮށް ވިދާޅުދެއްވީ ރާއްޖޭގެ އިގްތިސޯދު ވައްޓާލާފައި އޮތް ފުން އަނދަވަޅާއި އެ ވަޅުގެ ބިރުވެރި މަންޒަރެކެވެ. އެކަމުގެ "މެގްނެޓިއުޑް" ނުވަތަ ބުރަކަން ހުރި މިންވަރެވެ. 

"މިއީ މުޅިރާއްޖެ އަށް ދޫކޮށްލާފަ އޮތް. އަޅުގަނޑުމެންގެ އަތްމައްޗަށް ވާރުތަވެފައި ހާލަތު އޮތް ހާލަތު. ފައިސާ ޗާޕުކޮށްގެން މި ފައިސާ ދެވިދާނެ. އެކަމަކު އީޒީ [ފަސޭހަ ގޮތް] ނަގައިފިނަމަ ކުރިއަށް އޮތް 10 އަހަރު ތެރޭގަ އިވެސް ރާއްޖެއަށް އަރައެއް ނުގަނެވޭނެ. މިއީ ހަގީގަތަކީ،" ރައީސް ސޯލިހުގެ ސަރުކާރުން އަށް ބިލިއަން ޗާޕުކޮށް އިގްތިސޯދަށް ދޫކުރުމުގެ ނުކުންނަމުންދާ މައްސަތަކުގެ މައްޗަށް އަލި އަޅުވައި ލައްވަމުން ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް ކަމަށާ އެކަމަކު މި ސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށެވެ. 

"ފައިސާ ޗާޕުކޮށްގެން އިގްތިސޯދު ހައްތަހާ އަނދަވަޅަކަށް ވެއްޓޭނީ. ދުވަހު ސަަލާމަތް ނުވާނެ. އެހެންވެ އެކަމެއް ނުކުރާން ކެމްޕޭންގައި ނިންމި ނިންމުމެއް މިއީ. ރައްޔިތުންގެ ހައްގުގައި ހުއްޓާލީ އެކަން. އޭގެކުރީގެ ފަސް އަހަރު ފައިސާ ޗާޕު ކުރި 40 އަހަރު ފައިސާ ޗާޕު ނުކުރާ ވަރަށް. ވަރަށް ގައިރު ޒިންމާދާރުކަމެއް. އެކަން ކުރީގަ ފައިސާގެ އަގު ވެއްޓުނީ،" މުއިއްޒު ވިދާޅުވި އެވެ. 

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާ އަމިއްލަ ކުންފުނި ތަކަށް ދޭން ހުރި ފައިސާ ނުވަ ބިލިއަން ރުފިޔާ އަށް އަރާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިވަރަށް ދަރަނި ހުރިއިރު ލޯނު ދައްކަން ހަދާފައިވާ ފަންޑޔު ސޮވްރިން ފަންޑް (އެސްޑީއެފް) ގައި ހުރި ޑޮލަރު ނަގައި މާރުކޮށްފައިވާ ކަމަށެވެ.

"އެކަމަކު، އަޅުގަނޑުމެން ކުރިއަށް އޮރް ދެ އަހަރު ދައްކަން ހުރި ބޮޑެތި ލޯނުތަކަށް ޑޮލަރު ޖަމާ ކުރަމުން މިދަނީ. މިކަން އޮތް ހާލަތު އެނގިތިބެ  އަޅުގަނޑުމެން [މި ސަރުކާރުން ވެރިކަމާ] ހަވާލުވީ. ރައްޔިތުންނަށް އެޖެންޑާ އެނގިގެން ރައްޔިތުން ބަލައިގަތީމަ." މުއިއްޒު ވިދާޅުވި އެވެ. 

"މި ސަރުކާރުގެ ތިން މަސް ތެރޭ ފައިސާ ޗާޕު ކުރުން ހުއްޓާލައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކުންފުނިތަކަށްދީ ދައްކައިފި، އާއްމު ފަރުދުންގެ އެތައް ކުންފުނިތަކަށް ދައްކައިފިން. މިނިސްޓަރީތަކުން ދައްކަން ހުރި ފައިސާ ވެސް އެދަނީ ދައްކަމުން." 

އިގްތިސޯދީ އިސްލާހީ އެޖެންޑެއް، ހަރަދު ކުޑަކުރުން

ރައީސް ވިދާޅުވެ ދެއްވީ ހަރަދު ކުޑަކުރުމާއި ސަބްސިޑީ އެންމެ ބޭނުންވާ މީހުންނަށް ދިނުމުގެ އިތުރުން އާސަންދަ އިސްލާހު ކުރުމާއި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. 

"މިކަމުގައި ކުރެވެން އޮތް ހުރިހާކަމެއް މި ކުރަނީ ރައްޔިތުންގެ ހައްގުގައި. އާސަންދަ އެންމެ ބޭނުންވާ މީހުންނަށް މިކަން ބައްޓަންވާނެ ގޮތް ހަދައި، މިފަދަ އެތައްކަމެއް ކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކާއި ވުޒާރާތަކަށްވެސް ވާނީ އަންގާފަ ބޭނުންވާ ހަރަދުތައް ނޫނީ ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ. 

ރައީސްގެ ވާހަކަފުޅު ކުރުކޮށް

  •  އަށް ބިލިއަން ޗާޕު ކުރުމުގެ ވޭން ބޮޑު
  •  ޖުމްލަ ދަރަނި 120 ބިލިއަން ރުފިޔާގައި
  •  އާއްމުންނަށް ނުދީ 9 ބިލިއަން ހުރި
  •  ލޯނު ދައްކަން ފަންޑުގައި ޑޮލަރެއް ނެތް
  •  ފައިސާ ޗާޕު ކުރުން ފަސޭހަ، ނުކުރާނެ ގެއްލުން ބޮޑު

އުންމީދީ ވާހަކަފުޅެއް - ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސޯދަށް ކޮންމެހެން ބޭނުންވާ "ޕޮޒިޓިވް" ކަންތަތަކެއް ކުރިއަށް ހުރިކަމަށް ވިދާޅުވި އެވެ. އެއީ ސަރުކާރުން ފަށާ އިގްތިސޯދީ ބޮޑެތި މަސައްކަތްތަކުގެ ސަބް- ކޮންޓްރެކްޓަރުންގެ ގޮތުގައި ނަގާނީ ދިވެހި ކުންފުނިތަކަށް ހަވާލު ކުރަން ސަރުކާރުން ނިންމާފައިވުމެވެ. 

"އިގްތިސޯދު ފުޅާ ކުރަން ގިނަ ކަންކަން މިދަނީ ކުރަމުން. ބޮޑު އެއާޕޯޓް ނިންމަނީ. ނުނިމި ހުރި ރިސޯޓްތައް ނިންމޭނެ ގޮތްތައް ހެދުމާއި ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ހެދުމާއި އެކަމަށް ހާއްސަ އޮތޯރިޓީއެއް ހަދާފަ. އެސްއީޒެޑް ގާނޫނު ތަންފީޒު ކުރަން ފަށާފަ، އެ ޕްރޮޕޯސަލްތައް ސަރުކާރަށް ދަނީ ލިބެމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.