ސިޓީތަކުގެ ހުރިހާ މަގެއް ހަދަނީ، ފުވައްމުލަކަށް ބޮޑެތި މަޝްރޫއުތަކެއް

ރައީސް ވިދާޅުވީ ދެވަނަ ފިޔަވައްސާ އެކު މަގު ހެދުމުގެ މަަސައްކަތް ނިންމާ ނުލާނެ ކަމަށެވެ. އަދި ވިދާޅުވީ މި ފަސް އަހަރުތެރޭ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް ހަދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ހުރިހާ ސިޓީތަކުގެ ހުރިހާ މަގުތަކެއް މި ވެރިކަމުގެ ފަސް އަހަރުތެރޭ ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 50 މަގެއް ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެވަނަ ފިޔަވައްސާ އެކު މަގު ހެދުމުގެ މަަސައްކަތް ނިންމާ ނުލާނެ ކަމަށެވެ. އަދި ވިދާޅުވީ މި ފަސް އަހަރުތެރޭ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް ހަދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދެން ހުރި ހުރިހާ ރަށެއްގެ މައި މަގުތައް ހަދާނެ ކަމަށެވެ. އެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށާ އެ މަސައްކަތް ކުރާނެ ގޮތްތައް ރާވަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ މަގުތައް ހެދުމަށް އެވަރުގެ ސަމާލު ކަމެއް ދެއްވަނީ އެކަމުން ފަރުދީ ދިރިއުޅުމަށް ފަސޭހަވެ ތަރައްގީއާ ކުރިއެރުން ލިބޭ ކަމަކަށް އެކަން ވެގެން ދާނެތީ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ފުވައްމުލަކު ސިޓީއަށް ކޮށްދޭން ނިންމާފައިވާ މުހިންމު ވަރަށް ގިނަ މަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެވެ.

  •  ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލަކަށް ފުވައްމުލަކު ހޮސްޕިޓަލް ބަދަލުކުރުން
  •  ބަނދަރުގެ މަސައްކަތް އަވަހަށް ފެށުން
  •  ފުވައްމުލަކު ސިޓީ އެއާޕޯޓްގެ ރަންވޭ ބޮޑު ކުުރުމުގެ މަަސައްކަތް
  •  އޮފީސް ކޮންޕްލެކްސް ބިލްޑިންއެއް އެޅުމުގެ މަސައްކަތް
  •  އިކޯ ޓޫރިޒަމަށް މަގު ފަހިކޮށްދިނުން
  •  ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުން

ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅާނެ އެވެ.

އެއީ 12.7 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.

އެ މަަސައްކަތް ކުރާނީ އެމްޓީސީސީ އިންނެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 255.2 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި 50 މަގުގެ މަސައްކަތް މުޅީން ނިންމަން ޖެހެ އެވެ.

ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރު އެވެ. އެ މަސައްކަތުގެ ދަށުން ފުވައްމުލަކު ސިޓީގެ ގިނަ މަގުތަކުގައި ވަނީ ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާފައެވެ. ޖުމްލަ 31 މަގެއް ގައި ތާރު އަޅާ ވަނީ ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.