ސޮއިކޮށްފިން، މެއި 10ގެ ފަހުން އިންޑިއާ ސިފައިން ނުތިބޭނެކަން އެއީ ޔަގީން ކަމެއް

"މެއި 10ގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސް ނިންމާނެ. އެއީ ޔަގީން ކަމެއް މިހާރު އިރާދަކުރެއްވިއްޔާ. ލިޔެކިޔުމަށް ތިރިވެ ސޮއިކޮށްފައި މިހާރު އެ އޮތީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

މެއި 10ގެ ފަހުން ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަން އެއީ ޔަގީން ކަމެއް ކަމަށާ އެގޮތަށް އިންޑިއާ ސަރުކާރާ އެކު މިހާރު އެއްބަސްވެ ސޮއިވެސް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމަން އިންޑިއާ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް މި މަހުގެ ދެވަަނަ ދުވަހު ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ނަމަވެސް ދެ ގައުމުގެ މެދުގައި ދެ ބުރެއްގެ މަތީން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ނިންމީ މެއި މަހުގެ 10 ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް މުޅީން ނިންމާށެވެ.

އެއީ ދެ ބުރަކަށް ބަހާލައިގެންނެވެ.

  •  މާޗް 10 ވަނަ ދުވަހުގެ ކުރީން ސިފައިންގެ އެއް ޓީމު ގެންދިއުން
  •  އޭގެ ދެ މަސް ހަަމަވުމުގެ ކުރީން ދެން ތިބި ހުރިހާ ސިފައިން ގެންދިއުން

އިންޑިއާ ސަރުކާރުން ވެސް ވަނީ ޑޯނިއާއާ ހެލްކޮޕްޓަރު ދުއްވަން ރާއްޖޭގައި ގާއިމުވެ ތިބި ސިފައިން ގެންދާނެ ކަން ހާމަކޮށް ފައެވެ. ނަމަވެސް އިންޑިއާގެ ކުޅަދާނަ ޓެކްނީޝަނުންގެ ޓީމަކުން ހެލްކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރާނެ ކަމަށް ބުންޏެވެ.

އިންޑިއާ ސިފައިން ބާލަން އެއްބަސްވި ކަމަށް ދެ ގައުމުން ހާމަކުރި ނަމަވެސް އެއްބަސްވުން އެކުލަވާލާ ސޮއި ކުރި ކަމަކަށް ނުބުނެ އެވެ.

އައްޑޫ ސިޓީގައި މިރޭ އޮތް ޖަލްސާ ގައި ރައީސް މުއިއްޒު ވިދާޅުވީ މާޗް 10 ވަނަ ދުވަހު އިންޑިއާ ސިފައިންގެ އެއް ޓީމު ގެންދާނެ ކަމަށެވެ. އަދި މެއި 10ގެ ނިޔަލަށް ހުރިހާ ސިފައިން ގެންގޮސް މުޅީން ނިންމާނެ ކަމަށެވެ. އެއީ ޔަގީން ކަމެއް ކަމަށް ވިދާޅުވަމުން ރައީސް ވަނީ އެކަމަށް އެއްބަސްވެ ލިޔެކިޔުން އެކުލަވާލާ ސޮއި ވެސް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

"މެއި 10ގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސް ނިންމާނެ. އެއީ ޔަގީން ކަމެއް މިހާރު އިރާދަކުރެއްވިއްޔާ. ލިޔެކިޔުމަށް ތިރިވެ ސޮއިކޮށްފައި މިހާރު އެ އޮތީ،"

ރައީސް ވިދާޅުވީ ސަރަހައްދީ ސުލްހަވެރި ކަމާއި ހަމަޖެހުން އޮންނަން އެދޭ ބަޔަކު ގައުމުތަކުން ޑިމޮކްރެެޓިކް އުސޫލުން ނިންމާ ކޮންމެ ނިންމުމަކަށް އިހްތިރާމް ކުރާނެ ކަމަށެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުންނުވާ ކަން ނިންމީ ދިވެހީން ކަމަށާ އެކަމަށް އިންޑިއާ އިން ވެސް އިހްތިރާމް ކުރާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތުގައި މިވަރުގެ ބޮޑު ކާމިޔާބެއް ހޯދުނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން އެ މަސައްކަތް ކުރުމުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.