ޖަމީލްގެ ސުވާލެއް: ދުނިޔޭގެ ފެންވަރުގެ ތަމްރީން ހެދީ މަގާމަށްޓަކާ ޝަހީދުވާންތޯ؟

"ހީއެއް ނުކުރަން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ހެދީ މަގާމަށްޓަކައި ޝަހީދުވާން ކަމަކަށް،" އަސްކަރީ ގިނަ ތަމްރީންތަކެއް ހައްދަވާފައިވާ އިހްސާނަށް އަމާޒު ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު

ދުނިޔޭގެ ފެންވަރުގެ ތަމްރީން ހެއްދެވީ މަގާމަށްޓަކައި ޝަހީދުވާން ކަމަށް ހީފުޅުނުުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖަމީލްގެ ފާޑު ވިދާޅުވުން މިނިސްޓަރު އިހްސާނަށް އަމާޒު ކުރެއްވީ ރައީސް ޔާމީނަށް ލުއި ދިނުމާއި ގުޅޭ ސުވާލަށް ވަކި ހައިސިއްޔަތެއްގެ ވަކި މީހަކަށް ވާތީ ޖަލަށް ކޮށްފައި އޮންނަ ހުކުމަކަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ އިސް ވަކީލަކަށް ހުންނެވި އަދި މިވަގުތު އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް ހުންނެވި ޖަމީލް ވިދާޅުވި ގޮތުގައި މިނިސްޓަރު އިހްސާން ވެވަޑައިގެންނެވީ ކާންދޭ އަތުގައި ދަތް އަޅުއްވާ ބޭފުޅަކަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ތަމްރީން ހެއްދެވީ މަގާމަށްޓަކައި ޝަހީދުވާން ކަމަށް ހީފުޅުނުުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ހީއެއް ނުކުރަން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ހެދީ މަގާމަށްޓަކައި ޝަހީދުވާން ކަމަކަށް،" އަސްކަރީ ގިނަ ތަމްރީންތަކެއް ހައްދަވާ ދިވެހި އަސްކަރިއްޔާއަށް ހިދުމަތް ކުރުމުގެ ދިގު ރެކޯޑެއް އޮތް އިހްސާނަށް އަމާޒު ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

އިހްސާން ވަނީ އޭނާގެ އެކުވެރި ކާނަލް މުހައްމަދު ނާޒިމް އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމުގެ މަސައްކަތު ގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ޕާޓީ ދޫކޮށްލައްވާ ޕީޕީއެމާއި ގުޅިވަޑައިގަތެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އޭރު ޕީޕީއެމް / ޕީއެންސީން ކުރި މަސައްކަތު ގައި އިސް ދައުރެއް އަދާ ކުރެއްވި އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ލުޔެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު އިހްސާން ވިދާޅުވީ އެހެން ވަކި މީހަކު ވެގެން ހާއްސަ އުސޫލެއްގެ ދަށުން ލުޔެއް ނުދެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ހުންނެވީ 11 އަހަރަށް ޖަލަށް ލާފަ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ގޭ ބަންދެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ލުޔެއް ދޭން ފެންނަ ހާލަތެއްގައި އުސޫލުގެ ތެރެއިން ލުއި ދޭނެ ކަމަށެވެ. މިސާލަކަށް އެއީ ބޭސް ފަރުވާގެ ކަމަކަށް ނުވަތަ ހާއްސަ އެހެން ހާލަތެއްގައި ނަމަ އެކަމަކަށް ރިއާޔަތްކޮށް ފިޔަވަޅެއް އަޅާނެ ކަމަށެވެ.

"ވަކި ބޭފުޅަކަށް ވީތީވެ ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ސިޔާސަތެއް، އެއީ ގާނޫނާ ގަވާއިދުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިދޭ ބާރެއް ނޫން. އަޅުގަނޑުމެން ސަރުކާރުން ނުކުރާނެ ކަމަކީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އެމީހަކާ ދޭތެރޭ އަމަލެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ ކޯޓުތަކަށް އަތްބޭނުމާއި ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށް ކުރީން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވާ ކަމަށެވެ. ގާނޫނުން ލިބިދޭ ރައްކާތެރިކަމާ ހިމާޔަތް ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.

"އުސޫލެއްގެ ގޮތުން ޖަލަށް ކޮށްފަ އޮންނަ ހުކުމަކަށް ލުޔެއް ނުދެވޭ އަޅުގަނޑުމެންނަކަށް. ދެން ހުކުމް ލުއިކޮށްދެވޭން މި އިންނަކީ ކްލިމެންސީ ބޯޑާ، ޕެރޯލް ބޯޑާ، ރައީސުލްޖުމްހޫރިއްޔާގެ މައާފާ،" އިހްސާން އިތުރަށް ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ނުފޯރުވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެމަނިކުފާނުގެ އިސްތިއުނާފު ނިމި ހުކުމްގެ މަޖިލީސް ނުބޭއްވި ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ. މިއީ އާންމު އުސޫލުން ކަން ހިނގާ ގޮތެއް ނޫނެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ދުވަސްވަރު ރައީސް ޔާމީންގެ މައްސަލަ ހިންގުން ލަސްވާ ކަމަށް ބުނެ އޭރުގެ ސަރުކާރަށް ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވި ބޭފުޅުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.