އަގީލްގެ ކުއްލި ވަކިވުން، ހިތާމައާ އެކު މުޖްތަމައު ހޭލައްވައިފި

"އިންޝާﷲ، ދަ ފަން އެންޑް ހެޕިނަސް ކޮށް ސަކަރާތް ޖަހާފަ އެންމެނާ އެކީގައި ފަން ކޮށްފައި އުޅުނު އަލީގް ނުފެނިގެން އުޅުނު ހުރިހާ ރައްޓެހިންނަށް ވެސް އެ އަގީލް އިރާދަކުރެެއްވިއްޔާ ނިއު އިޔާއާ އެކު ފެނިގެންދާނެ. ނުފެންނާނީ ދެން އިރާދަކުރެއްވިއްޔާ ތޯޓްސް ތަކުގައި ގެއްލިފައި އިންނަ އަގީލް"

މުހައްމަދު އަގީލް: އަގީލް ވަކިވުމުން އޭނާގެ އާއިލާއާ އެކުވެރީންނަށް ލިބިފައި ވަނީ ފުން ހިތާމައެއް

ހދ. މަކުނުދޫ، ލޮނުވެލި މުހައްމަދު އަގީލަކީ އޭނާގެ އާއިލާއާ ރަހްމަތްތެރީންނާއި ދެކެ ފަރިތަ އެންމެންގެ ނަޒަރު ގައި ނަމޫނާ ޒުވާނަކެވެ. އެއީ މީހުންނަށް އެހީތެރިވެ އަޅާލުމުގައި ނަމޫނާ ދެއްކި ޒުވާނެކެވެ. ވަޒީފާގެ މާހައުލު ގައި މީހުންްނާއި ގުޅިގެން އުޅުނު ވަރަށް އުފާވެރި، އެހާމެ ސަމާސާ ބޮޑު އެކުވެރި އެކެވެ. އުމުރުން 28 އަހަރު ގައި ކުއްލި ގޮތަަކަށް އަގީލް ވަނީ ވަކިވެފައެވެ. އަގީލްގެ ކުއްލި ވަކިވުމާ އެކު އާއިލާ އެކުވެރީންނަށް ލިބިފައިވަނީ ފުން ހިތާމަ އެކެވެ. އެ ހިތާމަ އޮތީ ހަމަ އެކަނި އަގީލް ދަންނަ މީހުންނަށް އެކަންޏެއް ނޫނެވެ. އަގީލްގެ ހާލަތު އެނގޭ ކޮންމެ މީހަކަށް އޭނާގެ ވަކިވުމުން ފުން އަސަރުތަކެއް ވަނީ ކުރުވާފައެވެ. އެ ވަކިވުމުން މުޅި މުޖްތަމައު ވަނީ ހޭލައްވާލާފައެވެ. އެކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ހާމަވެ އެވެ.

އަގީލްއާ ގުޅޭގޮތުން އޭނާގެ އެކުވެރީން ވަރަށް ގިނަ ޝުއޫރުތައް ހާމަކޮށް ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވެ އެވެ. އެންމެންގެ ނަޒަރު ގައިވެސް އެއީ ނަމޫނާ އެކުވެރި އެކެވެ. އެއީ އަމިއްލަ މަަސައްކަތުން ދިރިއުޅެން މަސައްކަތް ކުރި ޒުވާނެކެވެ. އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިވުމުގައި އިސްނެގި ލީޑަރެކެވެ. އެކި ފިކުރުގެ އެކި މީހުންނާއި ގުޅުން ބޭއްވި އެންމެނާ ވެސް ގުޅޭ މީހެކެވެ.

އެކަމަކު ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ އެންމެންގެ އެކުވެރި އަގީލަށް ކުއްލި ބަދަލުތަކެއް އަންނަން ފެށި އެވެ. އެކުވެރީންގެ ވާހަކަތަކުން އެނގުނު ގޮތުގައި ސްޓްރެސްއާ އެންޒައިޓީ އަދި ޑިޕްރެޝަންގެ ޝިކާރައަކަށް ވެ އަގީލްގެ އުފާވެރި / މަޖާ މިޖާޒު މުޅީން ބަދަލުކޮށްލި އެވެ. 

އަގީލްގެ ފޭސްބުކް އައިޑީ ބަލާލުމުން އެކަމުގައި އޭނާ އުފުލި ވޭނާއި ހިތްދަތިކަން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެ އެވެ. އެކަމަކު އެންމެ ފަހު ވަގުތާއި ހަމައަށް ވެސް އުންމީދު ގެއްލުވާލާ ނުލާ ވަރަށް ހިތްވަރާ އެކު މަސައްކަތް ކުރިކަން އެނގެ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު ދެނީ މި އަހަރު ފެށުމުގެ ގޮތުން އޭނާ ކަނޑައެޅި ވަރުގަދަ އަޒުމެވެ.

"އަލްހަމްދުﷲ. އިރާދަކުރެއްވިއްޔާ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. ނިއު އިޔާ -- އާ އަހަރުގެ ރިސޮލިއުޝަން އަކީ ޓް ބީ ސްޓްރޯންގް އެންޑް ޓް ބީ އަ ބެޓާ ވާޝަން އޮފް މީ. އިންޝާﷲ، ދަ ފަން އެންޑް ހެޕިނަސް ކޮށް ސަކަރާތް ޖަހާފަ އެންމެނާ އެކީގައި ފަން ކޮށްފައި އުޅުނު އަލީގް ނުފެނިގެން އުޅުނު ހުރިހާ ރައްޓެހިންނަށް ވެސް އެ އަގީލް އިރާދަކުރެެއްވިއްޔާ ނިއު އިޔާއާ އެކު ފެނިގެންދާނެ. ނުފެންނާނީ ދެން އިރާދަކުރެއްވިއްޔާ ތޯޓްސް ތަކުގައި ގެއްލިފައި އިންނަ އަގީލް،" ނިމިގެންދިޔަ 2023 ވަނަ އަހަރަކީ ހިތްދަތި އަހަރެއްކަން ސިފަކޮށް އަހަރުގެ ފަހު ދުވަހު އަގީލް ލިޔެފައިވާ ސްޓޭސަސް އެއްގައި ވެ އެވެ.

މުހައްމަދު އަގީލް: އަގީލްް އަކީ މީހުންނަށް އެހީތެރިވުމަށް އިސްނެގި ޒުވާނެއް

ނަމަވެސް ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ ގަދަ ހިތްވަރާ އެކު އަގީލް ކުރި މަސައްކަތުން އެ ބަލިމަޑުން އަރައިގަނެވޭ ގޮތެއް ނުވި އެވެ. އެކަން އަގީލްގެ އެންމެ ފަހުގެ ވާހަކަތަކުން ސާފުކޮށް ބުނެ ދެ އެވެ.

ވަކިވުމުގެ ވަގުތުތަކެއް ކުރީން އެންމެ ފަހުން އޭނާ މުޅީންހެން ޝެއާ ކޮށްފައި ވަނީ ސްޓެރްސްއާ އެންޒައިޓީ އަދި ޑިޕްރެޝަނާއި ގުޅޭ ތަފާތު ސްޓޭޓަސްތަކެވެ. އެ ކަންކަމަކީ ބަހަނާ އެއް ނޫން ކަމާއި ނުރައްކާތެރި ވޭން ހުރި ބައްޔެއް ކަމުގައި ބުނެ ދިނެވެ. އެފަދަ މީހުން ބާކީ ނުކޮށް އެހީތެރިވުމަށް އެދުނެވެ. އެހީތެރިވެ ނުދެވޭނަމަ ފާޑު ކިޔާ ބާކީކޮށް އެކަހެރި ކޮށްލުމުގެ ބަދަލުގައި އެއްޗެއް ނުބުނެ ހުރުމަށެވެ.

އެކުވެރީންނާއި ގާތް މީހުންނަށް އަގީލްގެ ހާލަތު ރަނގަޅަށް ވަޒަން ކުރެވުނީ މި ހިސާބުންނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެެއްޖެ އެވެ. މާ ބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެ އެވެ. ބައެއް އެކުވެރީންގެ ވާހަކަތަކުން އެ ހާލަތުގެ ވާހަކަ ކިޔައިދޭން އަގީލް ހުރީ ވަރަށް ބޮޑަށް ބޭނުންވެފައި ކަން އެނގެ އެވެ.

އަގީލްއަށް އައި ބަދަލު ފެނި މެސެޖު ކުރި އޭނާގެ އެކުވެރީންގެ ކިބައިން ބައްދަލުކޮށްލަން އެދޭ ކަމަށް ބުނެ ޖަވާބު ދީފައިވެ އެވެ. ބައްދަލްވުމުން ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަަމަވެސް ކަމުގެ ސީރިއަސް ކަމާއި ހާލަތު ވަޒަން ކުރަން ނޭންގި އެ ބައްދަލްވުމަށް ވަގުތު ނުދެވި ވަނިކޮށް އަގީލް ވަކިވެ ދިޔައީ އެވެ.

މުހައްމަދު އަގީލް: މަންތާ ގައި ގިނަ ދުވަސްތަކަކު މަސައްކަތް ކޮށްފައިވޭ

މަންތާ އެއާ ގައި ހީވަގި ކަމާ އެކު މަސައްކަތް ކުރި އަގީލް އެ ކުންފުނިން ވަކިވީ ނޮވެންބަރު 16، 2023 ގައެވެ. ބައެއް އެކުވެރީން ބުނި ގޮތުގައި ވަޒީފާއާ ދުރަށް ދިއުމުގައި ވެސް ނަފްސާނީ ބަލީގެ ދައުރު ބޮޑެވެ.

އަގީލްގެ މި ހާލަތުން މިއަދު މުޅި ދިވެހި މުޖްތަމައު ވަނީ ހޭލައްވާލަފައެވެ. އޭނާ ނުދަންނަ ކިތަންމެ ބަޔަކަށް އެ ވަކިވުމުން އަސަރު ކުރުވައިފި އެވެ. މި މުޖްތަމައު ގައި ތިބި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ ހާލަތާމެދު ވިސްނާން މަޖުބޫރު ކުރުވައިފި އެވެ. ވަކިވެ ދިއުމުގެ ކުރީން އެފަދަ މީހުންނަށް އަޅާލާ އެހީތެރިވެ އޯގާތެރިވާން ޖެހޭ ކަމުގެ މެސެޖާ އެކު އެތައް ބަޔަކު ވަނީ އެ މީހުންގެ ޝުއޫރުތައް ބަންޑުން ކޮށްލާފައެވެ.

ނަފްސާނީ މައްސަލަތަކާއި ނަފްސާނީ ބަލީގެ ޝިކާރަ އަކަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ވެދާނެ އެވެ. އެއީ އެ މީހެއްގެ އަމަލުތަކުގެ ސަބަބުން މެދުވެރިވާ ކަމެއް ނޫނެވެ. އެފަދަ މީހުންނަށް އަޅާލާ އޯގާތެރިވެ އެ މީހުންގެ ވާހަކަތައް އަޑުއަހާ މަގު ދައްކައިދީފިނަަމަ އެކަންކަމުން އަރައިގަނެވޭނެ އެވެ. އެއީ ސައިންސްގެ އަލީ ގައި މިއަދު ހޯދިފައިވާ ހަގީގަތްތަކެވެ.

މިއަދު އެންމެން ދައްކަނީ މި ވާހަކަތަކެވެ. އަގީލްގެ ކުއްލި ވަކިވުމުން ގާތް މީހުންނާއި އެކުވެރީން އަދި މުޅި މުޖްތަމައުގެ ރޮއްވާލައިފި އެވެ. އެއާއެކު ހޭލައްވާލައިފި ވެސް މެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.