"އެގްރިމެންޓްގައި ސޮއި ކުރިޔަސް، ޝަރުތު ހަމަނުވާ މީހުންގެ ފޯމު އޮޓޯއިން ބާތިލުވާނެ"

"ނުހައްގުން އެއްވެސް އެއްޗެއް ލިބެންޏާ ރަގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބެންވާނެ،" ހައިދަރު ވިދާޅުވި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު

ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އޮޓޯއިން ބާތިލުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގަށްފަހު 59.6 ޕަސެންޓް މީހުންގެ ޝަރުތު ހަމަވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކުރީ ސަރުކާރުން ވަނީ ފްލެޓް ލިބުނު މީހުންނާއެކު އެގްރިމެންޓްތަކުގައި ސޮއިކުރަން ވެސް ފަށާފަ އެވެ. ނަމަވެސް އޭސީސީ އިން އެކަން ވަނީ ހުއްޓުވާފަ އެވެ. އޭސީސީން ފަހުން ވަނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހޯދުމަށްފަހު މައްސަލަ ތަހުގީގުކޮށްފަ އެވެ.

އޭސީސީގެ ތަހުގީގުން ހާމަކުރި މައުލޫމާތުތަކާއެކު އާންމުންގެ ކަންބޮޑުވުންތައް ހުރުމުން މިނިސްޓަރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރިކައާއި ތަރައްގީގެ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ. މި މައްސަލައިގައި އެގްރިމެންޓް ހަދާފައިވާ މީހުންގެ އެގްރިމެންޓްތައް ބާތިލު ކުރާނީތޯ މެމްބަރުން ވަނީ މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ، ފޯމު ހުށަހަޅާއިރު ވެސް، ދޮގު މައުލޫމާތާއި ޝަރުތު ހަމަނުވާނަމަ އެގްރިމެންޓް ބާތިލުވާނެ ކަމަށް ބަޔާންކުރާ އިގުރާރެއްގައި ހުށަހަޅާ ފަރާތްތަކުން ސޮއި ކުރާނެ ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އެމީހުންގެ އެގްރިމެންޓް ބާތިލުވާނެ ކަމަށް ވިދާޅުވި އެވެ.

"އެޕްލައި ކުރާއިރު، އެޕްލިކޭޝަންގަ ވެސް އެގްރިމެންޓްގަ ވެސް އެބަ އޮވޭ، މައުމޫމާތު ސައްހަ ނޫން ކަމަށްވަންޏާ އެގްނރިމެންޓް ބާތިލު ވާނެ ކަމަށް. އެ ހިސާބުން އަޅުގަނޑަށް ހީވަނީ އެގްރިމެންޓް ބާތިލު ވަނީހެން. ޝަރުތު ހަމަނުވާ ކަމަށްވަންޏާ ވެސް އެގްނރިމެންޓް ހަމަ ބާތިލުވާނެ. ދޮގު މައުލޫމާތު ހުރިކަމަށްވަންޏާ ވެސް އެގްރިމެންޓް ބާތިލުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެއްބަސްވުމެއްގެ ދަށުން މުދަލެއް ދިނުމަށްފަހު ޝަރުއީ ކޯޓަކަށް ނުގޮސް މިނިސްޓްރީއަށް އެ އެއްބަސްވުން ބާތިލުކުރެވޭނެތޯ މެމްބަރުން ތަކުރާރުކޮށް ސުވާލުކުރި އެވެ. މިނިސްޓަރު ފަހުން ވިދާޅުވެފައި ވަނީ އެކަމަށް އެއްޗެއް ދެންނެވޭނީ ގާނޫނީ ލަފަޔަކާއެކުގައި ކަމަށެވެ.

ނަމަވެސް، ޝަރުތު ހަމަނުވާ މީހަކަށް ފްލެޓް ދޫކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށާއި، އެކަން ރަގަޅު ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނުހައްގުން އެއްވެސް އެއްޗެއް ލިބެންޏާ ރަގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބެންވާނެ،" ހައިދަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ފޯމުތަކުގައި ދޮގު މައުލޫމާތުތައް ހުރި ކަމަށް އޭސީސީ އިން ލަފަޔެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ގޮތް ނިންމާނީ މިނިސްޓްރީން ކަމަށެވެ. އެއީ ރަގަޅު ލަފަޔެއް ނަމަ ކުރިއަށް ދާނީ އެޔާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޭސީސީ އިން ހިންގި ތަހުގީގުން އެނގޭ ގޮތުގައި، ފްލެޓް ލިސްޓުގައި ޝަރުތު ހަމަވަނީ އެންމެ 20 ޕަސެންޓް މީހުންނެވެ. އެމީހުންނަށް ފްލެޓް ދިނުމުގެ ކަންކަން އަންނަ ހަފްތާ ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރިއަށް ގެންދާނީ މިނިވަން ކޮމެޓީއަކުން ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ހުސޭނު
5 months ago

އެންމެ ފަހުން ގޮސް މުައިއްޒު ވެރިކަމަށް އަރަން ދެެެއްކި ހުރިހާ ވާހަކައެއް މިއޮއް ނިމިގެން ދިޔައީ.. ކަލޭމެންނަށް ހަމަ ހަޖަމެއްނުވި ދޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.