ގާނޫނީ މައްސަލަަތައް ފާހަގަކޮށް ރުހުން ނުުލިބުނު ވަޒީރުންގެ ނަންތައް ގެންދަން ގޮވާލާ ގަރާރެއް

އީވާގެ ގަރާރު ގައި ގޮވާލާފައި ވަނީ މިއީ ދިވެހި ދައުލަތާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމުން ގައުމުގެ މަސްލަަހަތު އިސްކޮށް އެކަންކަމާ މެދު އަލުން ވިސްނާ ވަޑައިގެން ގާނޫނު އަސާސީއަށް އިހްތިރާމްކޮށް ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ވަޒީރު ކަމަށް ރުހުން ލިބިވަޑައިނުގެން ތިން ވަޒީރުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވާ ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން އެކަމުގައި ހުރި ގާނޫނީ މައްސަލަތައް ފާހަގަ ކުރައްވާ އެ މައްސަލާ ގައި އަލުން ވިސްނާވަޑައިގެން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރެެއްްވުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

އީވާގެ ގަރާރު ގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ހޯދަން ފޮނުވުމާއި މަޖިލީހުގެ ދައުރު ފާހަގަކޮށް ރައީސް މުއިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ފާހަގަ ކުރުމުން އަލުން އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރައްވާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުވާފައިވާ ކަން ބަޔާން ކޮށްފައިވެއެވެ.

މަޖިލީހުން ރުހުން ނުދިނުމުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވާ ރުހުން ހޯއްދެވުމަށް ފޮނުއްވެވީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. 

އީވާގެ ގަރާރު ގައި ރައީސްގެ އެ ނިންމެވުމަކީ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގަތުމެއްގެ ގޮތުގައި ސިފަ ކުރައްވާ އެއީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފު ނިންމުމެއް ކަން ފާހަގަ ކުރައްވާފައިވެ އެވެ.

މިނިސްޓަރު ހައިދަރު (ކ) މިނިސްޓަރު ޝަހީމް (މ) ބަންޑާރަ ނާއިބު އުޝާމް (ވ) ތިން ބޭފުޅުންނަށް ވެސް ރުހުމެއް ނުދިން

އަދި ޑިސެންބަރު 9، 2010 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބޭ ހާލަތެއް ގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގައި މަގާމުތަކުގައި ދެމި ތިބެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވާކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ގައި މަޖިލީހުން ރުހުން ނުދީފިނަމަ އެ މީހަކު އެ މަގާމަށް ދެން އައްޔަނު ނުކުރެވޭނެ ކަމާއި އައްޔަނު ކޮށްފައިވާނަމަ ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު އެ މީހަކު އެމަގާމުން ވަކިވީ ކަމަށް ބަޔާން ކޮށްފައިވާ ކަން ވެސް ފާހަގަ ކުރައްވާ ރުހުން ނުލިބުނު ތިން ވަޒީރަކު އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު އެއީ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވާ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

އީވާގެ ގަރާރު ގައި ގޮވާލާފައި ވަނީ މިއީ ދިވެހި ދައުލަތާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމުން ގައުމުގެ މަސްލަަހަތު އިސްކޮށް އެކަންކަމާ މެދު އަލުން ވިސްނާ ވަޑައިގެން ގާނޫނު އަސާސީއަށް އިހްތިރާމްކޮށް ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށެވެ.

މި ގަރާރު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށް ބަހުސް ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.