ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ނިންމައިފި

ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑަ ނާޅާ ހިނދަކު އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދެއްވާފައިވާ ހަތް މެމްބަރުންނާއެކު މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ސުޕްރީމް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރަން ނިންމައިފި އެވެ.

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހު ކޮށްފަ އެވެ. 

ނަމަވެސް އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި، އެ އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްލާހަށް އަމަލު ކުރުން މަޑުޖައްސާލަން މަޖިލީހުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ނިންމުމާމެދު ގޮތެއް ނިންމަން ހުށަހަޅާފަ އެވެ. ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑަ ނާޅާ ހިނދަކު އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައަށް ގޮތެއް ނިންމަން ހުޅުވާލުމުން، ގަވާއިދަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 45 މެމްބަރުންގެ ވޯޓުންނެވެ.

އެގޮތަށް ފާސްވުމާއެކު، މަޖިލީހުގެ ޖުމްލަ މެމްބަރުން އަދަދަކީ 80 ކަމަށް އަސްލަމް ވަނީ އިއުލާނު ކުރައްވާފަ އެވެ. 

މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ މަޖިލީހުގެ ޖުމްލަ އަދަދަކީ 87 ކަމަށް ބަލައިގެންނެވެ. އެގޮތަށް ބެލީ ކޯޓު އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް އަސްލަމް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަމާ ނުރުހުންވެ، އެމްޑީޕީ މެމްބަރުން ވަނީ އަސްލަމްއަށް ފާޑުކިޔައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.