"މަޖިލީސް ހިންގާނެ ގޮތް އެހެން ބަޔަކަށް ނުބުނެވޭނެ، ކޯޓްގެ ނިންމުމާމެދު ކަންބޮޑުވޭ"

އަސްލަމް ވަނީ މި މައްސަލައިގައި މަޖިލީހުން އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން މެމްބަރުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން މިވަގުތު މަޖިލީހުގެ އަދަދީ 87 ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: ސުޕްރީމް ކޯޓުގެ އަމުރާމެދު ކަންބޮޑުވާކަމަށް ވަނީ ވިދާޅުވެފައި --

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމުން، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި، އެ އަމުރާމެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް މަޖިލީސް ފްލޯއަށް ރިޔާސަތުން ހުޅުވާލައިފި އެވެ.

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރައީސް އަޒުލު ކުރެވޭ ގޮތް ފަސޭހަކޮށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފަ އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށެވެ. އެހެންކަމުން، އިސްތިއުފާ ދެއްވި ހަތް މެމްބަރުންނާ ނުލައި މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.

ނަމަވެސް އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި، އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދި ބަންޑާރަނައިބްގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ގޮތެއް ނިންމަންދެން އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ. މިއީ އާންމު މަސްލަހަތަށްޓަކައި ވަގުތީ އަމުރެއް ނެރެން ޖެހޭ ހާލަތެއް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ނިންމުންތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކެއް ލިބިދީފައިވާ ކަމަށެވެ. އޭގެ މިސާލުތަކެއް ވެސް ވިދާޅުވެ ދެއްވި އެވެ.

އަސްލަމް ވިދާޅުވީ މީގެ ކުރިން ވެސް މަޖިލީހުގެ ނިންމުންތަކާމެދު ކޯޓުން ގޮތް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ހިލާފް އަދި ބާތިލް މާއްދާތަކެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒްތަކާ ބާރުތަކާ ބެހޭ މާއްދާތަކެއް ވެސް ބާތިލްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

"ނަމަވެސް އެ މައްސަލަތަކުގައި މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ ހިލާފް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި މިވަނީ މައްސަލަ ބައްލަވާ ނިންމެވުމަށްފަހު. އެހެންކަމުން މިހާރު ނިންމަވާފައި މިވާ ކޯޓް އަމުރާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުންވަނީ، މި ކޯޓް އަމުރު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު، މި މައްސަލަ ބެއްލެވުމެއް ނެތި އަދި ގާނޫނުއަސާސީއާ ހިފާލްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ކޯޓް އަމުރެއް ލިބިފަވާތީ އަޅުގަނޑުމެން ކަންބޮޑުވަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ މި މައްސަލައިގައި މަޖިލީހުން އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން މެމްބަރުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. ނަމަވެސް ވިދާޅުވީ، ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން މިވަގުތު މަޖިލީހުގެ އަދަދީ 87 ކަމަށް ވެސް ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލުމުން ބައެއް މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރު އޮއްވައި، ބަހުސް ކޮށްގެން މަޖިލީސް މެމްބަރުންގެ އަދަދު ކަނޑައަޅަން ހުޅުވާލީތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވެފައި ވަނީ އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް ބާރަކަށް ވެސް މަޖިލީސް ހިންގާނެ ގޮތެއް ނުބުނެވޭނެ ކަމަށެވެ.

"މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން. އެއީ ގާނޫނުއަސާސީން ވަރަށް ސާފުކޮށް މަޖިލީހުގެ މައްޗަށް ލިބިދީފަވާ ބާރެއް. އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން މަޖިލީސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ނިންމަވާ ގޮތެއްގެ މަތިން،" އަސްލަމް ވިދާޅުވި އެވެ.

މި މައްސަލައަށް މިހާރު މަޖިލީހުގައި ދަނީ ބަހުސް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.