ޖަމީލް މަގާމުން ވަކި ކުރުމުން ޔާމީނަށް ރައްދުކުރި ބަސްތައް އަބްދުއްރަހީމް ހަނދާން ކޮށްދީފި

އެ އިންޓަވިއުގައި ޖަމީލް ވިދާޅުވެފައި ވަނީ ޔާމީނަކީ ކޮރަޕްޓް ބޭފުޅެއް ކަމަށާއި، އެމްއެމްޕީއާރްސީ ވައްކަމުގެ ހުރިހާ ޒިންމާއެއް ނަންގަންވަން ޖެހޭނީ އެމަނިކުފާނު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އެ މަގާމުން ވަކި ކުރުމުން ދެއްކެވި ވާހަކަފުޅު، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ހަނދާން ކޮށްދެއްވައިފި އެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ ނައިބު ރައީސް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ. ޖަމީލް މަގާމުން ވަކިކޮށްފައި ވަނީ އޭރުގެ މަޖިލީހުގެ 78 މެމްބަރުންގެ ވޯޓުންނެވެ.

މަގާމުން ވަކި ކުރެއްވުމުން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީނާ ދެކޮޅަށް ޖަމީލު ވަނީ އެތައް ވާހަކައެއް ދައްކަވާފަ އެވެ. 

"ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަންފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނައިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅު،" ޖަމީލްގެ އޭރުގެ އިންޓައިވިއުއެއްގެ ވީޑިއޯއަކާއެކު އަބްދުއްރަހީމް އެކްސްގައި މިއަދު ލިޔުއްވާފައިވެ އެވެ.

އެ އިންޓަވިއުގައި ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަކީ ކޮރަޕްޓް ބޭފުޅެއް ކަމަށާއި، އެމްއެމްޕީއާރްސީ ވައްކަމުގެ ހުރިހާ ޒިންމާއެއް ނަންގަންވަން ޖެހޭނީ އެމަނިކުފާނު ކަމަށެވެ.

"ކޮންމެ ދަނޑުވެރިޔަކަށް 8000 ރުފިޔާ، ކޮންމެ މަސްވެރިޔަކަށް 10،000 ރުފިޔާ ދޭން ވައުދުވި. މިކަންތައް ކުރާނެ ހަމައެކަނި ގޮތަކީ ދިވެހި ގައުމުގެ ރައުސުލްމާލު ކަމަށްވާ ފަޅު ރަށްތަކާއި ގިރިތައް ބޮޑު ކުރުމެއް ނެތި، އަދި ގައުމު ބޭރުގެ ފަރާތްތަކަށް ވިއްކައިގެން ކަމަށް ވިދާޅެއް ނުވޭ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ރައީސް ޔާމީން ރާއްޖެއަށް ބާރުމިނެއްގެ ގެނެސްދީފަ ވަނީ ފަސާދައާ ކޮރަޕްޝަން، ވައްކަމާ އަނިޔާވެރިކަން. ތާރީހު ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް،" ކުރީގެ ވީޑިއޯގައި ޖަމީލް ވިދާޅުވެ އެވެ.

އިތުރަށް ވިދާޅުވީ؛ "ވެރިކަމުގެ ފުރަތަމަ ހާފު ނިމިގެން މިދިޔައީ ގައުމު ނުދެކޭ ފަދަ ކޮރަޕްޝަން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގައިގެން،. އެއީ އިކޮނޮމިކް ކައުންސިލްގެ ދަށުން ހިންގާ ތަނެއް. ރައީސް ޔާމީނަކީ އިކޮނޮމިކް ކައުންސިލްގެ ރައީސް، ރައީސް ޔާމީން މިކަމުގެ ސީދާ ޒިންމާ ނަގަން ޖެހޭނެ،"

އޭރު ރައީސް ޔާމީނާ ދެކޮޅަށް އެތައް ވާހަކަތަކެއް ދެއްކެވި ނަމަވެސް، ފަހުން އަނެއްކާވެސް ޖަމީލް ވަނީ އެމަނިކުފާނާ ގުޅިވަޑައިގެންފަ އެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޯޓުގައި ހުށަހެޅި މައްސަލަތަކުގައި ވެސް އިސް ވަކީލެއްގެ ގޮތުގައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ރައީސް ޔާމީނާއެކު މައްސަލަ ޖެހިވަޑައިގަތުމުން ވެސް ޖަމީލް ހުންނެވީ ރައީސް ޔާމީނާ އެކު އެވެ.

ކޮމެންޓް

1
450
ޖުހާ
2 months ago

ތަފާތެއް ނެތެއްނު. ޖަމީލު ކުރިން އެއްޗެހި ކިޔާފަ މިހާރު ސަނާ ކިޔަނީ. އަދުރޭ ކުރިން ސަނާ ކިޔާފަ މިހާރު އެއްޗެހި ކިޔަނީ. އެއް ކޫޑި އަނެއް ކޫޑިއާ ދިމާއަށް ކޫޑިއެކޭ ގޮވަނީ. އަދުރޭއާއި ޖަމީލާ އެއްވެސް ތަފާތެއް ނެތް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.