އިންޑިއާ ސިފައިން ގެންގޮސް ދެން ފޮނުވާނީ ޓެކްނިކަލް މީހުން ފޮނުވަނީ

ސިފައިންގެ ބަދަލު ގައި އެ އޮޕަރޭޝަން ކުރިއަށް ގެންދާނީ އިންޑިއާ އިން ފޮނުވާ ޓެކްނިކަލް މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. އެއީ ވަރަށް ގާބިލް ޓީމަކަށް ވާނެ ކަމަށް ބުންޏެވެ.

އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލްކޮޕްޓަރު

އިންޑިއާ އިން ހަދިޔާކުރި ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ރާއްޖެ ފައިބާ -- ގާއިމުވެ ތިބި އިންޑިއާ ސިފައިން ގެންގޮސް އެ ގައުމުގެ ޓެކްނިކަލް މީހުން އެ އުޅަނދުތަކުގެ އޮޕަރޭޝަންތައް ފޮނުވަން ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

މިއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދާނެ ކަން މިހާ ސާފުކޮށް އެ ގައުމުން ހާމަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އެ ގައުމުން އެކަމަށް އެއްބަސްވެފައިވާ ކަން ހާމަކޮށްފައި ވަނީ މުޅިން ވެސް ދިވެހި ސަރުކާރުންނެވެ. ދެ ގައުމުގެ އިސްވެރީންގެ މެދުގައި މިހާރު ފެށިފައިވާ މަޝްވަރާތަކުގެ ދެ ބައްދަލްވުމެއް މިހާތަނަށް ބޭއްވިފައިވާއިރު ފުރަތަަމަ ބައްދަލްވުމު ގައި އިންޑިއާ އިން ވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ގެންދަން އެއްބަސްވެފައެވެ.

އަދި ދެވަނަ ބައްދަލްވުމުގައި ދެ ބުރެއްގެ މަތީން ސިފައިން ގެންދަން ނިންމާ އެކަމުގެ ތާރީހުތަކެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދެ ބައްދަލްވުމުގެ ތަފްސީލް ހާމަކޮށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ދެ ބަޔާނު ގައި ވެސް އެފަދަ ވާހަކައެއް ނެތެވެ. އިންޑިއާ ސިފައިން ގެންދިއުމުގެ ވާހަކަ އެއް ވެސް ނެތެވެ.

މި ތަފްސީލްތައް ހާމަކުރީ ފޮރިން މިނިސްޓްރީން އާންމުކުރި ދެ ބަޔާނު ގައެވެ.

ނަމަވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ވިދާޅުވި ގޮތުގައި ހެލްކޮޕްޓަރާއި ޑްރޯން އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން ވަނީ ނިންމާފައެވެ. އަދި އޭގެ ބަދަލު ގައި އެ އޮޕަރޭޝަން ކުރިއަށް ގެންދާނީ އިންޑިއާ އިން ފޮނުވާ ޓެކްނިކަލް މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ. އެއީ ވަރަށް ގާބިލް ޓީމަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

  •  މާޗް 10 ވަނަ ދުވަހުގެ ކުރީން ސިފައިންގެ އެއް ޓީމު ފައިބައިގެން ދާނެ
  •  އޭގެ ދެ މަސް ހަަމަވުމުގެ ކުރީން ދެން ތިބި ހުރިހާ ސިފައިން ގެންދާނެ

އެންމެ ފަހުން އޮތް ބައްދަލްވުމުގައި އިންޑިއާ އެއްބަސްވީ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ދެ ބުރެއްގެ މަތީން ރާއްޖެއިން ގެންދިއުމަށެވެ. އެއީ ރާއްޖޭގެ ތިން ސަރަހައްދެއް ގައި ގާއިމުވެ ތިބި ސިފައިންނެވެ. އިންޑިއާ ސިފައިން ތިބީ އުތުރުން ހަނިމާދޫގަ އާއި ދެކުނުން ލ އަތޮޅު ގައި އަދި މާލެ ސަރަހައްދު ގައި އުތުރުތިލަފަޅު ގައި ކަމަށް ބުނެ އެވެ.

އެގޮތުން ދެ ސަރަހައްދެއް ގައި ތިބި ސިފައިންގެ ފުރަތަމަ ޓީމު މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެންގޮސް ނިންމަން އިންޑިއާ އެއްބަސްވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އޭގެ ދެ މަސް ދުވަސް ފަހުން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދެން ތިބި ސިފައިން ގެންގޮސް ނިންމާން އެއްބަސް ވެފައިވާ ކަމަށެވެ.

ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތު އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ދެތީން ރޭ ކުރީން ވެސް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތު ގައި ދެމި ހުންނެވީ ސާބިތު ކަމާ އެކު ކަމަށް ވިދާޅުވި އެވެ. އަދި މިހާތަނަށް ހޯއްދެވި ކާމިޔާބީ ފާހަގަ ކުރެއްވި އެވެ.

އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތް މިހާރު ހިނގަމުންދާ ގޮތާ މެދު ވަރަށް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ސުވާލު އުފައްދާ މީހުން ބުނާ ގޮތުން ބަދަލުވާނީ ހަމަ އެކަނި އިންޑިއާ ސިފައިން ލައިގެން ތިބި ޔުނީފޯމެވެ. ޔުނީފޯމް ބޭލުމަށް ފަހު "ގާބިލް ޓެކްނިކަލް" މީހުންގެ ގޮތުގައި ވެސް އަންނާނީ ސިފައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.