ރައީސްގެ ވައުދު ފޮތް އޮންލައިން ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބަލަައިލުމުގެ އިތުރުން، މުޅި ފޮތް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގައި ދެއްކެވި ވާހަކަފުޅު ތަކުގެ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކޮށްފި އެވެ.

"ދިވެހީންގެރާއްޖެ" ޝިއާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ 53 ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި ހުރިހާ ސިޓީތަކަށް ޒިޔާރަތް ކުރައްވާފައެވެ. ތަފާތު އެކި ޖަލްސާތަކާއި އިވެންޓްތަކުގައި 205 ފަހަރު ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ރިޔާސީ އިންތިހާބު ގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި ވެވަޑައިގަންނަވާ ހުރިހާ ވައުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިއުކުރައްވައި އާންމު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. 1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތު ގައި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވައުދުތައް ވަކީން ފާހަގަ ކޮށްދެއްވާފައިވެ އެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި އިންތިހާބު ގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކޮށް ޝާއިއު ކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ ދިވެހި ގައުމުގެ އެންމެ މަތީވެރިއަކު، ގައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބަލަައިލުމުގެ އިތުރުން، މުޅި ފޮތް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މިފޮތް ޗާޕުކޮށް މި މަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށާ ސްކޫލް މަދަރުސާތަކަށާ ލައިބްރަރީތަކަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.