މަސް ދުވަހުން ހުރިހާ ކައުންސިލަކާ ބައްދަލު ކުރާނަން: ރައީސް

"އަޅުގަނޑަށް ވެސް މާދަމާ ނޫން އަނެއް ދުވަހު މިތާންގަ ކަޑަ ޖަހާފަ ކަންތައްތަކެއް ނަމެއްގަ ފެށިދާނެ އިންތިހާބު ކުރިއަށް އޮތީމަ. އެގޮތަކަށް ނުކުރާނަން. ހަގީގީ މާނައިގަ ރައްޔިތުންނަށް ކަންކަން ވާގޮތަށް ކޮށްދޭނީ، އިހުލާސްތެރިކަމާއެކު،"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކިނބިދޫ ކައުންސިލާ ބައްދަލުކުރައްވަނީ: މަސް ދުވަސް ތެރޭ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ހުރިހާ ރަށެއްގެ ކައުންސިލަކާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. ކިނބިދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ އިގްތިސޯދީ އަނދަވަޅަކަށް ގައުމު ވެއްޓިފައިވާ މި ދަނޑިވަޅުގައި ރަށްރަށުގައި ހިންގަން ހުރި ތަރައްގީގެ މަޝްރޫއުތައް ޕްލޭން ކޮށްގެން ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށެވެ. އެކަންކަން ދެނެގަނެވޭނީ ކައުންސިލްތަކާ މަޝްވަރާ ކޮށްގެން ކަމަށް ވިދާޅުވި އެވެ.

ތ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ރައީސް ވަނީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލުކޮށްފަ އެވެ. ރައީސް ތަކުރާރުކޮށް ހުރިހާ ކައުންސިލެއްގެ އަރިހުން ވެސް އެދިވަޑައިގެންނެވީ އެރަށަކަށް ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތައް ތަރުތީބުން ރާވާލުމަށްފަހު ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން އެކަންކަން ކުރިއަށް ގެންދިއުމަށެވެ.

ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ކައުންސިލްތައް ކައިރިއަށް އަމިއްލަފުޅަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާ ރާއްޖޭން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން އެއް މަސް ތެރޭ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާނެ ކަމަށެވެ.

"ކުރީގަ ވެސް އަޅުގަނޑު މާލޭގަ މޭޔަރަކަށް ހުރިއިރު މަސައްކަތް ކުރީ ހަމަ އިފެކްޓިވްލީ ރައްޔިތުންގެ ގާތަށް ގޮސް، ލަފްޒީ މާނަިއގަ ހަމަ ރައްޔިތުންގެ ގާތުން މަސައްކަތް ކުރީ. ހަމަ އެގޮތަށް މިހާރު ވެސް މަސައްކަތް ކުރަން ބޭނުންވަނީ. އަޅުގަނޑު ހުންނަ ތަނަށް އޮފީހަށް ކައުންސިލް ގެންނާކަށް ނޫން ބޭނުމީ. ކައުންސިލް އޮތް ތަނަށް އަޅުގަނޑު ދާން ބޭނުމީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސް ދުވަހުން ހުރިހާ ރަށަކަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް އެކި ރަށްރަށަށް ވަޑައިގަތުމުން ކައިރި ރަށްރަށުގެ ކައުންސިލްތައް އެރަށަކަށް އައިސް ބައްދަލު ކުރާނީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެސް މާދަމާ ނޫން އަނެއް ދުވަހު މިތާންގަ ކަޑަ ޖަހާފަ ކަންތައްތަކެއް ނަމެއްގަ ފެށިދާނެ އިންތިހާބު ކުރިއަށް އޮތީމަ. އެގޮތަކަށް ނުކުރާނަން. ހަގީގީ މާނައިގަ ރައްޔިތުންނަށް ކަންކަން ވާގޮތަށް ކޮށްދޭނީ، އިހުލާސްތެރިކަމާއެކު،" ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަބު ބަޔާން ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ކުރިއަށް އިތް ދެ ހަފްތާ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބު ކޮށްލަން ރައީސް ވަނީ ކައުންސިލްތަކުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ އެގޮތަށް ދެންނެވީ އިގްތިސޯދު ރަގަޅު ކުރަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އޭގެ ސަބަބުން މަޝްރޫއުތައް އެއްފަހަރާ ފަށައިނުގަނެވޭނެ ކަމަށާއި، ނަމަވެސް މުހިންމު ކަންކަން އަވަސް ކޮށްލަން އޭރުން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.