ސަރުކާރު ހިންގާ ކޮންްގްރެސް ޕާޓީގެ ނާއިބު ރައީސްގެ މަގާމު ގައި ހުންނެވި ޝުޖާއު އަކީ މިވަގުތު ސިޔާސީ މައިދާނުން ފެންނަން ހުރި އެންމެ ވަރުގަދަ ޒުވާން ސިޔާސީ ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރެއްވުމަށް ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ފޯމް ހުށައަޅުއްވައިފި އެވެ.
ޝުޖާއު ކުރިމަތިލައްވަނީ ތިލަދުންމަތީ އުތުރުގެ ބާރަށު ދާއިރާ އަށެވެ. ޝުޖާއު ވަނީ 18 ވަނަ މަޖިލީހު ގައި ވެސް ބާރަށު ދާއިރާގެ މެންބަރު ކަން ކުރައްވާފައެވެ. އެ ފަހަރުގެ އިންތިހާބު ގައި މުޅި ރާއްޖެ އިން އެންމެ ގިނަ ވޯޓުން މަޖިލީހަށް އިންތިހާބު ވި ދެ މެންބަރުންގެ ތެރޭގައި ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.
ވިހިވަނަ މަޖިލީހު ގައި ބާރަށު ދާއިރާއަށް ކުރިމަތިލެއްވުމަށް ޝުޖާއު މިއަދު ވަނީ ފޯމް ހުށައަޅުއްވާފައެވެ. ޝުޖާއު ފޯމް ހުށައަޅުއްވަން ވަޑައިގެންނެވީ ބާރަށު ދާއިރާގައި ހިމެނޭ ހަތަރު ރަށް --- ބާރަށާއި އުތީމާއި މުރައިދޫ އަދި ތަކަންދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު އެވެ.
ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަވާ ޝުޖާއު އަކީ ހިނގަމުން މިދާ މާލެ ސިޓީ ކައުންސިލްގެ މި ދައުރު ގައި ހުޅުމާލެ ތަމްްސީލު ކުރައްވާ ކައުންސިލަރެވެ.
ސަރުކާރު ހިންގާ ކޮންްގްރެސް ޕާޓީގެ ނާއިބު ރައީސްގެ މަގާމު ގައި ހުންނެވި ޝުޖާއު އަކީ މިވަގުތު ސިޔާސީ މައިދާނުން ފެންނަން ހުރި އެންމެ ވަރުގަދަ ޒުވާން ސިޔާސީ ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހިންގެވި ކެމްޕެއިން ގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި އެވެ.
އަދި ޕީޕީއެމާއި ޕީއެންސީގެ ހަރަކާތްތައް ވަރުގަދަކޮށް ހިންގާ އެ ދެ ޕާޓީ ބަދަހިކޮށް ބޭއްވުމުގައި ދެ ޕާޓީގެ ލީޑާޝިޕްގައި ހުންނަވާ އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ.
ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނާ ވެސް ވަރަށް ގުޅުން ބޮޑު ޝުޖާއުގެ މަޖިލީސް ކެމްޕެއިން ވަރަށް އަވަހަށް ރަސްމީކޮށް ފައްޓަވާނެ އެވެ.