ހައްގުވާ މީހުންނަށް ފްލެޓް ދޭން ގޮވާލާ މަޖިލީހަށް

އީވާ ވިދާޅުވީ މާލޭގައި ދުވަހަކު ވެސް ދިރިނޫޅޭ މީހުންނަށް ފްލެޓް ދޫކޮށްފައިވާ ކަން އެނގެން އެބަހުރި ކަމަށާއި، އެ މައްސަލަތައް ހުއްޓަސް ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ނުލިބި ލަސްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ: މައްސަލަ ނުޖެހޭ ފްލެޓްތައް ދޭން ގޮވާލާ ވަނީ މައްސަލައެއް ހުށަހަޅާފައި

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފްލެޓް ލިސްޓުގައި މައްސަލަ ނުޖެހޭ މީހުންނަށް ފްލެޓްތައް ދޫކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ކުރީ ސަރުކާރުގައި ގޯސްތައް ހަދާފައި ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ތަހުގީގުން، މައްސަލަ ނުޖެހޭ ބަޔަކު ތިބި ކަމަށާއި، އެމީހުންނަށް ހައްގުވާ ފްލެޓްތައް ދިނުން އަވަސްކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

އަދި، މައްސަލަ ޖެހިފައިވާ ފޯމުތަކުގެ މައްސަލަ ބެލުން އަވަސްކޮށް، އަވަހަށް ހުރިހާ ފްލެޓްތައް ދޭން ވެސް ވަނީ ގޮވާލައްވާފަ އެވެ.

"މިހާރު އަޅުގަނޑުމެންނަށް މިއިވޭ ވާހަކައަކީ ޝަރުތު ހަމައެއް ނުވެއޭ. ނުވަތަ ހާލަތު ބަޔާންކޮށްފައި އޮތީ ގޯސްކޮށްނޭ. ފުރަތަމަ ދޫކުއިރި އިރުވެސް ޝަރުތު ތަކެއްގެ މިންގަނޑު ނުވަތަ ހާލަތު ބެލުމުގެ މިންގަނޑު ނެތިއްޔާ ދެން އެފޯމްތައް ހުށަހެޅި ރައްޔިތުންގެ ބޮލަކަށް މިހާރު ކަނޑައެއް ނުލެވޭނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މާލޭގައި ދުވަހަކު ވެސް ދިރިނޫޅޭ މީހުންނަށް ފްލެޓް ދޫކޮށްފައިވާ ކަން އެނގެން އެބަހުރި ކަމަށާއި، އެ މައްސަލަތައް ހުއްޓަސް ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ނުލިބި ލަސްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައަށް އެމްޑީޕީ މެމްބަރުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރުން އަހުމަދު ސަލީމް ވިދާޅުވީ ފްލެޓް ލިބުނު މީހުންނަށް ލިބުނު އުފާވެރިކަން، ހިތްދަތި ކަމަކަށް ސަރުކާރުން ބަދަލުކޮށްލައިފި ކަމަށެވެ.

ސަލީމް ވަނީ އޭސީސީ އިން ކުރަމުންދާ މަސައްކަތަށް ވެސް ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ އޭސީސީ އިން އަމަލުކޮށްފައި ވަނީ މެންޑޭޓްގެ ތެރެއިން ނޫން ކަމަށެވެ.

"ފްލެޓް ލިބިފައިވާ ފަރާތްތަކަށް މިހާރުގެ ސަރުކާރުން ހަގީގަތުގަ ކުރަމުންދާ ކަމަކީ ޓޯޗާ ކުރުން. މިކަން މިހިނދުން މިހިނދަށް ހުއްޓާލަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ ކިތަންމެ ރަގަޅަށް މި މައުލޫގައި ވާހަކަ ދެއްކެވި ނަމަވެސް މިއަދު މި މަޖިލީހުން މި ފެންނަ މަންޒަރު އަޅުގަނޑު ވަރަށް ކަންބޮޑުވޭ. މި މައްސަލައިގައި ވޯޓް ދެއްވަން ސަރުކާރުގެ އެންމެ މެމްބަރަކު ވެސް މިތަނަށް ވަޑައިނުގަންނަވާ،" ސަލީމް ވިދާޅުވި އެވެ.

އޭސީސީ އިން ހާމަކުރި ގޮތުގައި، 4000 ފްލެޓް ދީފައިވާ 59.6 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންނެވެ. އެ ލިސްޓުގައި ޝަރުތު ހަމަވުމާއެކު އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ކަމަށެވެ. އަދި ޝަރުތު ފުރިހަމަ ވިޔަސް 19.7 ޕަސެންޓް ފޯމުގައި އެކި މައްސަލަތައް ހުރި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.