އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނާއި ޕީއެންއެފްގެ ވެރީންނަށް

"އެންމެ ފުރަތަމަ ގައުމޭ ވިދާޅުވަމުން ދެން ނިކުމެވަޑައިގެން ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ކުރިއެރުމަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރާނަމަ އެއީއެއް އެންމެ ފުރަތަަމަ ގައުމު ޝިއާރު ގެންގުޅެން އަދި އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން،"

ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އެންމެ ފުރަތަމަ ގައުމޭ ވިދާޅުވުމަށް ފަހު ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ކުރިއެރުމަށް ހުރަސް އަޅާނަމަ އެއީ އެފަދަ ޝިއާރެއް ގެންގުޅެން އެންމެ ރަނގަޅު ބައެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އިސް ބޭފުޅުންނަށް އަބްދުއްރަހީމް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

"އެންމެ ފުރަތަމަ ގައުމު" ޝިއާރަކީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ޝިއާރެކެވެ.

ވޭމަންޑޫ ގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެންމެ ފުރަތަމަ ގައުމު ޝިއާރު ގެންގުޅޭ ބަޔަކު، ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ގައުމަށް ހެޔޮ އެދިގެން ކަންކަން ކުރާނަމަ އެކަންކަމަށް ތަރުހީބު ދޭނެ ކަމަށެވެ. ނަމަވެސް އެއާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އެއީ އެފަދަ ޝިއާރެއް ގެންގުޅެން ރަނގަޅު ބައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ގައުމޭ ވިދާޅުވަމުން ދެން ނިކުމެވަޑައިގެން ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ކުރިއެރުމަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރާނަމަ އެއީއެއް އެންމެ ފުރަތަަމަ ގައުމު ޝިއާރު ގެންގުޅެން އަދި އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން،"

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ގެނައީ ރައްޔިތުން ކަމަށާ ރައްޔިތުން އެމަނިކުފާނަށް ވޯޓް ދިނީ އުންމީދު ތަކެއް އޮތުމުން ކަމަށެވެ. އެހެން ކަމުން ހަމައެކަނި ވަކި ސިޔާސީ ވިސްނުމުގައި އެ ބައެއްގެ އަމިއްލަ މަސައްކަތަށް މަސައްކަތް ކުރުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

"ތިމާގެ އަމިއްލަ މަސްލަހަތަށް، ތިމާގެ އަމިއްލަ ކުރިއެރުމަށް، ތިމާގެ އަމިއްލަ ސިޔާސީ މުސްތަގުބަލު ބިނާ ކުރުމަށް ހަމަ އެކަނި ވިސްނައިގެން މަސަައްކަތް ކުރުމަކީ އެއީ ގައުމަށް ހެޔޮ އެދިވަޑައިގެން މަސައްކަތް ކުރުމެއް ނޫން،" ރައީސް ޔާމީނާއި ޕީއެންއެފްގެ ވެރީންނަށް އަމާޒު ކުރައްވާ ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުވެ އަބްދުއްރަހީމް މިރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ފާޑު ވިދާޅުވެފައިވާތީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އަބްދުއްރަހީމް ވަނީ ރިޔާސީ ބަޔާނަކީ ކިހިނެތް އޮންނަ އެއްޗެއްކަން ވެސް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ތަސައްވުރު ފުރިހަމަ ވާނީ މަޖިލީސް ލިބިގެން

އަބްދުއްރަހީމް ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ސަރުކާރަށް މެޖޯރިޓީ ދިނުމުގެ މުހިންމު ކަން ވެސް ފާހަގަ ކުރައްވާފައެވެ. ވިދާޅުވީ ދިވެހީންގެ ރާއްޖެ ހޯދުމަށް ފެށި މަސައްކަތް އަދި ނުނިމޭ ކަމަށާ އެ މަސައްކަތުން އަދި ހާސިލުވީ 50 ޕަސެންޓް ކަމަށެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ ދަތުރު ކާމިޔާބު ކުރެވިގެން ނޫނީ ރައީސް މުުއިއްޒުގެ ތަސައްވުރު ފުރިހަަމަ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"ރައްޔިތުން ބޭނުންވި ރާއްޖެއަށް ރައްޔިތުންގެ ނައު ގޮނޑުކޮށްފި. އެހެން ނަމަވެސް ރައްޔިތުން ބޭނުންވި ދިވެހީންގެ ރާއްޖެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި ބިނާ ކުރެވޭކަށް ނެތް. ބިނާކުރެވެން ނެތީ އެއީ އެކަމަށް އެންމެ ބޭނުންވާ ބައި އަދި ފުރިހަަމަ ކުރެވިފައި ނުވާތީ. އަޅުގަނޑު ދަންނަވަން މި އުޅެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.