އިންޑިއާ ސިފަައިން ބޭލުމުގެ މަސައްކަތް ކުރަނީ ރީތި ގޮތުގައި، ރުންކުރެއް ނުވާނަން: ރައީސް

"ރުންކުރު އުސޫލު ބޭނުން ކޮށްގެނެއް ކަންކަން ހާސިލެއް ނުވާނެ. ވަރަށް ފަސޭހަ ވާނެ ދުރުގައި ހުރެގެން ގޮތް ކަން. ގޮތް ފާޑު ކިޔަން. އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް،"

މިރޭގެ ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވަނީ ރީތި ގޮތުގައި ކަމަށާ ރުންކުރު އުސޫލު ބޭނުން ކޮށްގެނެއް ކަންކަން ހާސިލު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ތ އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅު ގައި ވޭމަންޑޫ އަށް ވަޑަައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހީން އެދޭ ގޮތް ނޫން ކަމަށެވެ. އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަން ރިޔާސީ އިންތިހާބުން ބުނެދީފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ކަން ޔަގީން ކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހު ފައްޓަވާފައިވާ ކަމަށެވެ.

އެކަން ކުރައްވަމުން ގެންދަވަނީ އޮންނަ ރީތި ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެ ނޫން ގޮތެއް ހިޔާރު ކޮށްގެނެއް ވާނެ މޮޅެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިންޑިއާ ސިފައިން ބޭލުމަށް ކުރެވޭ މަސައްކަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަނީ އެ މަސައްކަތުގައި ކާމިޔާބު ލިބެމުންދާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދުރުގައި ތިބެގެން ކަންކަމަށް ފާޑު ކިޔަން ވަރަށް ފަސޭހަ ވާނެ ކަމަށާ ފާޑުކިޔަސް އެމަނިކުފާނު ކަންކަން ކުރައްވާނީ އޮންނަ އުސޫލުތަކާއި ހަމައިގެ ތެރެއިން ކަމަށެވެ.

"ރުންކުރު އުސޫލު ބޭނުން ކޮށްގެނެއް ކަންކަން ހާސިލެއް ނުވާނެ. ވަރަށް ފަސޭހަ ވާނެ ދުރުގައި ހުރެގެން ގޮތް ކަން. ގޮތް ފާޑު ކިޔަން. އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް،"

އެމަނިކުފާނު ވިދާޅުވީ ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތު އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެ މަސައްކަތު ގައި ދެމި ހުންނެވީ ސާބިތު ކަމާ އެކު ކަމަށް ވިދާޅުވި އެވެ. އަދި މިހާތަނަށް ހޯއްދެވި ކާމިޔާބީ ފާހަގަ ކުރެއްވި އެވެ.

  •  މާޗް 10 ވަނަ ދުވަހުގެ ކުރީން ސިފައިންގެ އެއް ޓީމު ފައިބައިގެން ދާނެ
  •  އޭގެ ދެ މަސް ހަަމަވުމުގެ ކުރީން ދެން ތިބި ހުރިހާ ސިފައިން ގެންދާނެ

ރައީސް ވިދާޅުވީ މިއީ ރީތިކޮށް ވާހަކަ ދައްކައިގެން ދިވެހީންނަކީ ސުލްހައަށް ލޯބިކުރާ އަމިއްލަ ވަންތަ ބައެއްކަން ވިސްނައިދީގެން ހާސިލު ކުރެވުނު ކަންކަން ކަމަށެވެ. އެ މަސައްކަތް ކުރައްވާތީ ގޮންޖެހުން ހުރިކަން ވެސް ފާހަގަ ކުރެއްވި އެވެ. އެ ގޮތުން މިިހާރު ދިމާވެފައިވާ ބައެއް ކަންކަމަކީ އިންޑިއާ ސިފައިން ބާލަން މަސައްކަތް ފެށުމުން ދިމާވި ކަންކަން ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައެއް ނުގެންނެވި އެވެ.

"އަޅުގަނޑު އެކަމާ [އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތާ] ނޫޅުނުނަމަ މިހާރު މިދިމާ އެއްވެސް ކަމެއް ނާންނާނެ ނޫންތޯ. ވިސްނެވީމަ އެނގޭނެ މިކަން،" މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ. 

މިރޭގެ ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ

ކަނޑުން ގެއްލުނު ބައި ހޯދާނެ

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދިވެހީންގެ ކަނޑު ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ވެސް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާފައިވާ ކަމަށެވެ. އެއީ ގޮންޖެހުން ބޮޑު މަަސައްކަތެއް ކަމުން އެކަމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތަށް ބޭރާއި ރާއްޖެއިން މާހިރުން ހޯދާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އިތުބާރާ ޔަގީން ކަމާއެކު ރައީސް ވިދާޅުވީ ކަނޑު ހޯދުމުގެ މަަސައްކަތް ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އަޅުގަނޑަށް ރައްޔިތުން ހަވާލު ކުރާ ޒިންމާއެއްގައި އެންމެ އިއްޗެއް ވެސް ފަހަތަށް ޖެހޭނެ މީހެއް ނޫން،"

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ އަޑި ސާވޭ ހަދާ މެޕް ކުރުމަށް އިންޑިއާއާ ހަވާލުކޮށްފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުޥެ ދިވެހިންގެ ކަނޑުގެ ސާވޭ ހަދާ މެޕް ކޮށް އެހެން ބަޔަކު ގެންގުޅުމަކީ ގަބޫލު ކުރެއްވޭނެ ކަންކަން ނޫން ކަމަށާ ދިވެހި ކަނޑުތަކުގެ މައުލޫމާތަކީ އެހެން ގައުމެއްގެ މިލްކަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ކަނޑުގެ އަޑި ސްކޭންކޮށް މެޕްކޮށް ހަދައިގެން ގެންގޮސް އަދި އެ އަޅުގަނޑުމެން ލާރިދީގެން ގަނެ މިއީ ކޮން ސަކަރާތެއްތޯ. މިހެން ހަދާފައި އޮތް އެއްބަސްވުމެއް ވީމަ އަޅުގަނޑުމެން ބޭނުން ނުވީ އާ ކުރަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.