ދެ ވަޒީރުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވި މައްސަލައެއް މަޖިލީހަށް

ހިސާން ވިދާޅުވީ އެ ރިޕޯޓް އާންމު ކުރުމުން އާންމުންގެ ޝަކުވާ ބޮޑުވުމާއެކު މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް އިން ރިޕޯޓް ޑިލީޓް ކޮށްލާފައިވާ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން: ވަޒީފާއާ ބެހޭ ގާނޫނާ ސަރުކާރުން ހިލާފުވެފައިވާ ކަމަށް ބަޔާންކޮށް މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅާފައި --

ބިދޭސީންގެ މައްސަލައިގައި ވަޒީފާއާ ބެހޭ ގާނޫނާ ދެ މިނިސްޓަރަކު ހިލާފުވެފައިވާ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ. ހިސާންގެ މައްސަލައިގައި ބަޔާންކޮށްފައި ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމާއި ކޯޓާ ދޫކުރުމާއި ވަޒީފާ އަދާކުރަން ހުއްދަ ދިނުމާއި ވޯކް ޕާމިޓް ދިނުމުގެ އިހުތިޔާރު، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމާ ގުޅޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ކުރީން އެކަން ބެލެހެއްޓީ ހޯމްލޭން މިނިސްޓްރީން ނަމަވެސް، މި ސަރުކާރު އައިސް އެ މެންޑޭޓް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަޒީފާއާ ބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އޮތީ މި މިނިސްޓްރީއަށް ކަމަށެވެ. ކަން އެހެން އޮއްވާ ގާނޫނުން އެ މިނިސްޓްރީއަށް ދީފައިވާ ގާނޫނީ ބާރު އެހެން މިނިސްޓްރީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ނުދެވޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ އެ ގާނޫނާ ހިލާފަށް ޑިސެމްބަރު 17، 2023 ގައި، ރާއްޖެއަށް އަންސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ވަޒީފާ އަދާކުރަން ރާއްޖެ ގެނެވޭނެ ކަމަށާއި، ބަންގްލަދޭޝް ފިޔަވައި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސަން ސަރުކާރުން ހަމަޖައްސާފައިވާ ބަޔާންކޮށް ހޯމްލޭންޑް މިނިސްޓްރީން އިއުލާނެއް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނާ ހިލާފަށް މި ދެ މިނިސްޓްރީން އަމަލުކޮށްފައިވާ ކަމަށާއި، އިކޮނޮމިކް މިނިސްޓްރީން ވެސް މި މައްސަލައިގައި ގާނޫނާ ހިލާފުވެފައިވާކަމަށް ހިސާން ވިދާޅުވި އެވެ.

އެގޮތުން، ސަރުކާރުން އެންމެ ފަހުން އާންމުކޮށްފައިވާ ފޮރިން ލޭބާ ސްޓެޓިސްޓިކް ރިޕޯޓުގައި، މިވަގުތު 139،220 ބަންގްލަދޭޝް އެކްޓިވް ވޯކް ޕާމިޓް ހޯލްޑާސް ތިބި ކަމަށް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވެ އެވެ. އެއް ގައުމަކުން އެންމެ ގިނައިން ވަޒީފާ އަދާކުރެވޭނީ އެއްލައްކަ މީހުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ހިސާން ވިދާޅުވީ، އެ ރިޕޯޓް އާންމު ކުރުމުން އާންމުންގެ ޝަކުވާ ބޮޑުވުމާއެކު މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް އިން ރިޕޯޓް ޑިލީޓް ކޮށްލާފައިވާ ކަމަށެވެ. އެ ރިޕޯޓް ޑިލީޓްކޮށްލީ ނުނިޔަތެއް އޮވެގެން ކަން ހާމަވާ ކަމަށެވެ.

"ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކު ގާނޫނުއަސާސީއާ ގާނޫނަށް ތަބާވާން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް އޮތުމާ ހިލާފަށް އިސްވެ ދެންނެވުނު މިނިސްޓަރުން އަމަލުކޮށްފައިވޭ،" ހިސާން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.

މި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ. އަދި މިހާރު ދަނީ ބަހުސް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.