ހިޔާ ފްލެޓުގެ ނިވަލަށް ވަދެ، ފްލެޓުން ކުރީ ވައްކަން

ރައީސް ސޯލިހުގެ ސަރުކާރުން ބުނީ ހިޔާ ފްލެޓު ބެހީ ގޯސްކޮށެވެ. އަދި މުޅިން ދެއްކީ އެ ފްލެޓުގެ މައްސަލަ ތަކެވެ. އެ މައްސަލަތަކުގެ ވާހަކަ ދައްކަމުން ފަހުން ހުޅުވާލި ފްލެޓުތައް ވަނީ ނުހައްގުން ބަހާލާފަ އެވެ.

ފްލެޓްގެ މައްސަލަތައް އޭސީސީން ތަހުގީގުކޮށް ބެލި އިރު ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައި

މިހާތަނަށް ފްލެޓް ބަހާލި ގޮތުގެ އެންމެ ބޮޑު "ވައްކަމެއް" ގެ ގޮތުގައި އެމްޑީޕީން ސިފަ ކުރަމުން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 7،000 ފްލެޓު ދިން ގޮތެވެ. ވެރި ކަމަށް އައުމަށް ވެސް އެމްޑީޕީގެ ވެރިކަން ފަށައިގަންނަން ވެސް ސަރުކާރުގައި ތިބެގެން ވެސް އަބަދު ދެއްކީ އެ ވާހަކައެކެވެ. 

އެ ފްލެޓަށް ފޯމްލާން ކިޔޫ ހަދައިގެން ރައްޔިތުން ތިބި ގޮތާއި އެކަން ކުރި ގޮތުގެ ނުރަނގަޅު ވާހަކަ ދެއްކި އެވެ. އެ ވާހަކަތަކުގެ މަންޒަރު ސަރުކާރުން ބޭނުންވާ ގޮތަށް ދައްކަމުން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވަމުން ދިޔައީ އެ ސަރުކާރުން ފްލެޓު ދޭނީ ވަރަށް މޮޅަށެވެ. އެކަމަށް ހަދާނީ މޮޅު ސިސްޓަމެކެވެ. މިހާތަނަށް ރާއްޖެ ނުދެކޭ ފަދަ ފުރިހަމަ ނިޒާމެކެވެ. 

އެކަަމަކު އެ ވާހަކައަށް ފަހު މިނިސްޓަރު އަސްލަމް ގެއްލުނީ އެވެ. ދެން ފްލެޓުގެ ކަމެއްގައި އަސްލަމެއް ނުފެނުނެވެ. އޭގެ ފަހުން ފްލެޓު ދިނުމުގައި ހުންނެވީ ފްލެޓު ކޮމެޓީގެ ރައީސް އަދި ހައުސިން މިނިސްޓްރީގެ ނައިބް އަކްރަމް ކަމާލުއްދީނެވެ. އެހެންވެ އެންމެން ވެސް ގުޅަމުން ދިޔައީ ސީދާ އަކުރަމަށެވެ. ހާއްސަކޮށް އިންތިހާބުގެ އެންމެ ހޫނު ގަދަވި ވަގުތު ފްލެޓުތައް ދެމުން ދިޔައިރު އަކްރަމްގެ ފޯނު އޮތީ ތާއަބަދު ރިންގުވޭވެ އެވެ. މިކަމުގައި އުޅުއްވަމުން އަކްރަމް ވެސް ތަކުރާރުކޮށް ވިދާޅުވީ ފްލެޓް ދޭ ސިސްޓަމްގެ މޮޅު ވާހަކަ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ދޭ އެންމެ އިންސާފުވެރި ފްލެޓަށް ވާނެ ކަމަށް މުޅި މީޑިއާ ކޮންޓްރޯލް ކޮށްގެން ވެރިކަން ކުރި ސޯލިހުގެ ސަރުކާރުން ބުނަމުން ދިޔަ އެވެ. 

4000 ފްލެޓަށް ކުރިމަތިލި މީހުން

  •  ފްލެޓަށް އެދި- 20،697 ފޯމު
  •  ޝަރުތު ހަމަވާ - 18،167 ފޯމު
  •  ތިން ކޮޓަރީގެ 2،712 ފްލެޓް
  •  ދެ ކޮޓަރީގެ 1،188 ފްލެޓް

ނަތީޖާއަކީ - ގިނަ ބަޔަކު އެކަން ގަބޫލުކޮށް އެތައް ހާސް ބަޔަކު ހިޔާ ފްލެޓުގެ ހިތި ފިލުވަން ގެދޮރުވެރިޔާ ފްލެޓަށް ފޯމު ލުމެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ފުނިޖެހި އިޖުތިމާއީ  މައްސަލަތަކުން ތަތްތެޅިފައި އޮތް ވެރިރަށް މާލޭގެ އެތައް ހާސް ބަޔަކު ފޯމު ލުމުން ފުރަތަމަ ލިބުނީ އުފާވެރި ޖަވާބެކެވެ. ގިނަ ބަޔަކު ފްލެޓު ލިސްޓުގައި އަޅައިގަތެވެ. 

އޭރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ އެފްޑީސީ ކުންފުނިން ދިޔައީ 4،000 މި ފްލެޓު އަޅަމުންނެވެ. މި ލިސްޓަށް ފޯމުލީ ގިނަ ބަޔަކަ ދެވަނަ ފަހަރަށް ލިބުނު ޖަވާބަކީ ތިޔައީ ފްލެޓު ލިބެން ޖެހޭ މީހެކެވެ. އޭރު އޮތީ އިންތިހާބު ފެށެން ހަފުތާއަކަށްވުރެ ކުޑަތަން ވެފަ އެވެ. އެކަމަކު އެންމެ ފަހުން ނެރުނު ފައިނަލް ލިސްޓާއެކު ފްލެޓު ލިބެން ޖެހޭ އެތައް ބަޔަކު އެކަމުން މަހުރޫމް ވެގެން އުންމީދު ފެނަށްވި އެވެ. 

އެ ދުވަހަށްފަހު މި ލިސްޓުން ފެންނަމުން ދިޔައީ ބާރުގަދަ މެންބަރުންގެ ރައްރަށުގެ މީހުންނާއި ލަގްޒަރީ ފްލެޓު ހުރީ މަހުޖަނުންގެ ދަރިންނާއި ފްލެޓު ދޭ ކުންފުނީގެ އެމްޑީ ސަލްފިއްޔާ ފަދަ ނަންތަކެވެ. މިއާއެކު ފްލެޓު ދެނީ ބޭއިންސާފުކޮށް ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށި އެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ ފްލެޓު ލިސްޓުން އެ އޮތީ ވައްކަން ކޮށްފަ އެވެ. "ކަލޭމެން ހިޔާ ފްލެޓު ބަހާލީ ނުހައްގުން" ކަމަށް ބުނެ ހިޔާ ފްލެޓުގެ ހިޔަލުގައި ތިބެ ގެދޮރުވެރިޔާ ފްލެޓުން ވެސް ތިޔަ ކުރީ ބޮޑު ވައްކަމެވެ. 

މި ވާހަކަ ކެކި އުތުރުރި އަރައި އެމްޑީޕީން ކޮންޓްރޯލް ކުރާ ރައްޔިތުން މަޖިލީހުގެ ތެރެެއަށް ވެސް ފަހުން ވެރިކަން ބަދަލުވީ ފަހުން ވަނެވެ. އެ ހޫނުގަނޑާއެކު ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ އަޑުގަދަކޮށް ފުލުހުން ވައްދައިގެން މައިތިރި ކުރާ ހިސާބަށް ކަންކަން ދިޔަ އެވެ. އެކަމަކު ސަރުކާރުން ދިޔައީ މި ލިސްޓަމް ދިފާއު ކުރަން ޑިފެންސަށް ކުޅެމުންނެވެ. މިއީ އޮޓަމެޓިކުން ޕޮއިންޓް ދޭ ސިސްޓަމެއް ކަމަށާ މިއީ މޮޅު އެއްޗެއް ކަމަށް ބުނަމުންނެވެ. 

މި ސިސްޓަމުން ފްލެޓު ދޭން ކޮންމެހެން ފްލެޓަށް ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ލާޒިމް ނޫން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އެ ހުރިހާ މައުލޫމާތެއް ސަރުކާރުގައި ހުރިކަމަށް ބުނެ ފޮނި ކެނޑި އެވެ. އެކަމަކު މި ފްލެޓު ލިސްޓަށް ހުށަހެޅި ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ދިޔަކަން ފާހަގަވީ ފަހުންނެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ދާންވެސް ހައުސިން މިނިސްޓްރީން ވަކި ލިސްޓެއް ގެންގުޅުނެވެ. މި ލިސްޓުގައި އޮތީ ވަކި ޕާޓީއެއްގައި ނެތް މީހުންނާއި އެމްޑީޕީގެ އިސް ސަފުގައި ތިބި ބަޔަކާއި އާއިލާތައް ކަމަށް ތުހުމަތު ކުރެވެ އެވެ. ވަކި ޕާޓީއެއްގައި ނެތް މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ދިޔަ ސަބަބަކީ އެމީހުންނަށް މެސެޖެއް ދިނުމެވެ. މެސެޖަކީ ކުރިމަތިީގައި އޮތީ ވޯޓެކެވެ. ރައީސް ސޯލިހު ނުހޮވައިފިނަމަ ފްލެޓެއް ނުލިބޭނެ އެވެ. 

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސަމާލު ކަމަށް މީގެ ކުރިން ގެނެސްފައިވެ އެވެ.  މިކަން ގެންނަން އޭސީސީގެ ރައީސަށް ފްލެޓުގެ ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ މިދުއަމް ޝައުދު 1، ނޮވެމްބަރުގައި ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ފްލެޓަށް 13،000 މީހުން ކުރިމަތިލިއިރު މީގެތެރޭން 4،000 މީހުން ހޮވި އުސޫލެއް ހައުސިން މިނިސްޓްރީން ބުނެފައެއް ނެތެވެ. މިކަން ކޮށްފައިވަނީ ވެސް އިންތިގާލީ މަރުހަލާގެ ފަހު ދުވަސްކޮޅު ކަމަށް ވުމާއެކު މިކަން އެންމެ އިންސާފުވެރިކޮށް ނުކުރެވޭނެ ކަމަށް އޭނާގެ ސިޓީގައި ބުނެފައިވެ އެވެ. މިިކަމަކީ ފްލެޓު ލިބޭނެ ކަމަށް ބުނި މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް އޭނާގެ ސިޓީގައި ބުނެފައިވެ އެވެ. 

ފްލެޓު ވައްކަން - މަޖިލިސް މެންބަރުންގެ ދޫފުޅުން

ފްލެޓުވެ މި ބޮޑު ވައްކަމުގެ ވާހަކަ މަޖިލީހުގައި ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި ދައްކާފައި އެބަހުއްޓެވެ. މިކަމުގައި އެންމެ އިސްކޮށް ތިއްބެވީ ޑިމޮކްރެޓުންނެވެ. އަދި ފަހުން އެމްޑީޕީ މަޖިލިސް މެންބަރުންގެ މި ވާހަކަފުޅު ދެއްކެވި އެވެ. މީގެ އެއް ބޭފުޅަކީ އެމްޑީޕީގެ "ބޮޑު އަޑެއް" ގެ ގޮތުގައި އޭރު ފާހަގަވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް މަޝްހޫރު "އަނދުން ހުސެއިން" އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)

އަނދުން ހުސެއިން ވިދާޅުވެފައިވާ ގޮތުގައި ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް ދެވޭނެ ކަމަށް ކަނޑައެޅީ ފުރަތަމަ 4،000 ފްލެޓު ދެވޭނެ ކަމަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

"އެއީ އަޅުގަނޑުމެންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު، ނޫނީ މިނިސްޓަރަކު ފްލެޓް ދެއްވި ނަމަވެސް. އަޅުގަނޑުގެ ދާއިރާގެ ޖެހިގެން ހުރި ގެއަށް ލިބިފަ އަނެއް ގެއަށް ނުލިބުނީމަ އަޅުގަނޑު ދެނެއް ނުޖެހޭ ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް،" ހުސެއިން ވިދާޅުވި އެވެ. "މިކަމުން އަޅުގަނޑުމެންނަށް ސިފަވީ ތިމަންނަމެންނަށް ހުށަހެޅި ހުރިހާ އެޕްލިކޭޝަންގައި މައުލޫމާތުގެ ތެދު ދޮގު ބަލާނެ ވަގުތެއް ނެތޭ. ތިމަންމަމެނަކަށް ނުލިބުނޭ. ސަރުކާރެއް އަންނަނީ ފަސް އަހަރަށްވުރެ އެންމެ ދުވަހެއް ވެސް މަދަކުން ނޫން،" 

60 ޕަސެންޓް މީހުންނަށް "ވަގު" ފްލެޓް

ވެރިކަން ބަދަލުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހައުސިން ކަންކަމާ ހަވާލުވި ޑރ. އަލީ ހައިދަރު މި ފްލެޓުގެ ވާހަކަ ފުރަތަަމަ ދެއްކެވި ދުވަހު އއކަން ކޮށްފައި ހުރި ގޮތުގެ ކޮންމެވެސް ވަރެއްގެ ތަސްވީރެއް ދެއްވި އެވެ. އެ ދުވަހު މިނިސްޓަރު ވަނީ ފްލެޓު މައްސަލަ އޭސީސީ އިން ބަލަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު މި ލިސްޓުން ފްލެޓު ދިން ގޮތް ފޮރުވަން ހައުސިން ވަޒީރަށް ރުހުން ނުދޭނެ ސަބަބެއް ހޯދި އެވެ. މައިގަނޑު ސަބަބަކީ އެމްޑީޕީ ވެރިން ފްލެޓު ބެހުމުގައި ކޮށްފައިވާ "ވައްކަން" ފޮރުވުމެވެ. އެންމެ ފަހުން މި ފްލެޓުގެ ކަންކަން ހާމަވެގެން ގޮސްފައި މިވަނީ ފްލެޓު ދިން ގޮތް ބަލައި އޭސީސީ އިން އާއްމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. 

އޭސީސީން ޖުމްލަ 4،048 ފޯމެއް ބަލާފައިވެ އެވެ. ތަހުގީގަށް ބެލި ފޯމްތަކުގެ ތެރޭން 60 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވެ އެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ. އަދި މައްސަލަ ހުރީ 19.7 ޕަސެންޓް ފޯމުގަ އެވެ. މި ފޯމްތަކާއެކު މި ލިސްޓުން ފްލެޓު ހައްގުވަނީ އެންމެ 20 ޕަސެންޓު މީހުންނެވެ. މާނައަކީ ފްލެޓު ލިސްޓުގެ 80 ޕަސެންޓު މީހުންނަށް ފްލެޓު ދީފައިވަނީ ބަލަންވާ ވަރަށް ނުބަލަ އެވެ. 

އޭސީސީން ފާހަގަކުރި ކަންކަން

  •  ޕޮއިންޓް ދިންއިރު އިތުރަށް ޕޮއިންޓް ދީފައިވޭ
  •  ދޮގު މައުލޫމާތު ހުށަހެޅި ނަމަވެސް ބެލިފައެއް ނެތް
  •  ޕޮއިންޓް ދިނުން ކުރިއަށް ގެންގޮސްފައި ވަނީ ހަމައެއް ނެތި
  •  ގިނަ ބައެއްގެ ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަ ކޮށްފައިވޭ

އިހުމާލުވި ބަޔަކަށް އަދަބު ލިބެން ޖެހޭ

މި ގޮތަށް ކޮންމެ ފަހަރަކު ފްލެޓު ދޫކުރަން އިއުލާނުކޮށް އިންތިހާބާ ދިމާކޮށް ފްލެޓު ބަހާލާކަން އެނގިތިބެ މިކަން ކުރާ ބަޔަކަށް ފިޔަވަޅެއް ނޭޅުމަކީ އިންސާފެއް ނޫނެވެ. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި މިކަމަށް އިހުމާލުވި މީހުންގެ މައްޗަށް ފިޔަވަޅު އެޅެން ޖެހެ އެވެ. އެ މީހުން ޒިންމާ ކުރުވެން ޖެހެ އެވެ. އެހެންނޫނީ އަނެއްކާ ކުރި އަށް ހުރި ފްލެޓުތައް ވެސް މިހާރު ވެރިކަމުގައި ތިބި ބަޔަކަށް ބަހާލަން ފުރުސަތު ފަހިވާނެ އެވެ. މި ލިސްޓުގެ 60 ޕަސެންޓް މީހުންނަށް ނުހައްގު ފްލެޓެއް ދިނުމަކީ އޮޅިގެންވާނެ ކަމެއް ނޫނެވެ. މި މައްސަލަ މަޖިލީހުން ބަލަން ޖެހެ އެވެ. މި ލިސްޓަށް އަލުން ފްލެޓު ދޭއިރު ފަރުވާތެރިވެ ފާރަވެރިވާން ޖެހެ އެވެ. 

ކޮންމެ ފަހަރަކު ރައްޔިތުންނަކީ މި ފްލެޓު ފޯމެއް ހިފައިގެން ދެކޮޅަށް ހިނގަން ތިބޭ ބަޔަކަށް ވެގެން ނުވާނެ އެވެ. އެކަމަކު އަދިވެސް ފެނިގެން މިދަނީ އެކަމެވެ. މިފަހަރު ފެނިގެން ދިޔައީ ހިޔާފްލެޓުގެ ނިވަލުގައި ތިބެ މި ފްލެޓުން ވައްކަން ކުރި ތަނެވެ. 

ކޮމެންޓް

1
450
ސައީދު
2 months ago

އަކްރަމަކީ މިނިސްޓަރގެ ނައިބެއް ނޫން، ސްޓޭޓް މިނިސްޓަރ އިސްލާހުކޮށްލައްވާ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.