ޝަރުއީ ދާއިރާ ހިނގަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި: ރައީސް

"އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން،"

ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށާ ސާބިތު ކަމާއެކު އެހެން ވިދާޅުވާން ކެެެރިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި ދައުރު ފެށުމުގެ ޖަލްސާ ގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާ ޝަރުއީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.

ހާއްސަކޮށް ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމު ގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވައިކުރުމަށްފަހު ގައުމާ މުހާތަބު ކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ދަންނަވާނެ ކަން ފާހަގަ ކުރައްވާ ރައީސް މިއަދު ވެސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހިފަހައްޓާނީ އެ އުސޫލު ކަމަށެވެ.

"ބަދަލުހިފުމުގެ ރޫހް އަޅުގަނޑު ނުގެންގުޅޭނެ ކަމަށްވީ ވައުދާއި އެއްގޮތަށް އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެ ކަމެއް. ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން،"

ނަމަވެސް ރައީސް ވިދާޅުވީ ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށާ އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށެވެ.

ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ތަކުރާރު ކުރައްވާ ރައީސް ވަނީ އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން،"

ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް މަޖިލީހަށް ސަރުކާރުން އެ ބިލް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މި ބިލް ހިމެނޭހެން މި ފެށޭ މަޖިލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ ތަފްސީލް ރައީސް ދެއްވި އެވެ. ރައީސް ވިދާޅުވީ ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ބިލާއި ޕްރިވެންޓިވް ހެލްތް ކެއާ ބިލާއި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހުށައަޅުއްވާނެ ކަމަށެވެ. މީގެ އިތުރުން ޓްރެވެލް އެޖެންސީއާބެހޭ ބިލާއި ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އާބަން ޕްލޭނިންއާ ބެހޭ ބިލް އަދި އާބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލުވެސް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ކޮޕީރައިޓާއިގުޅޭ ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް ބިލަކާއި ކޮންވޭޔަންސިން އާއި ބެހޭ ބައިތައް ހިމަނައިގެން ބިމާބެހޭ ގާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅަން ގަސްދުކުރައްވާ ކަމަަށާ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގަަނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް ވެސް މަޖިލީހުގައި މިހާރު އެދިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.