ސިޔާސީ ބަދަލު ހިފަން މީހުން ހައްޔަރެއް ނުކުރާނަން: ރައީސް

"ބަދަލުހިފުމުގެ ރޫހު އަޅުގަނޑު ނުގެންގުޅޭނެ ކަމަށްވީ ވައުދާއި އެއްގޮތަށް އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް، އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެކަމެއް،"

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސިޔާސީ ބަދަލު ހިފަން މީހުން ހައްޔަރުކޮށް އަދަބު ނުދެއްވާނެ ކަމަށް ވިދާޅުވި --

ސިޔާސީ ގޮތުން ބަދަލު ހިއްޕެވުމުގެ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ނުދެއްވާނެ ކަމަށާ އެކަމަށް ވެވަޑައިގަތް ވައުދު މަތީގެ ދެމި ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ އެމަނިކުފާނު ގާނޫނީ ހުވާ ކުރެއްވި ދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

"ބަދަލުހިފުމުގެ ރޫހު އަޅުގަނޑު ނުގެންގުޅޭނެ ކަމަށްވީ ވައުދާއި އެއްގޮތަށް އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް، އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެކަމެއް. ގައުމަށް ހަމަޖެހުން އަންނަން ޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާ ކުރާނަން،" ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު ރައީސް ދެއްކެވި ވާހަކަ ތަކުރާރުކުރައްވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން ނަމަވެސް ގާނޫނީ ވެރިކަން ކަށަވަރު ކުރައްވައި، އަދުލުވެރިކަމާއި އިންސާފު ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށެވެ. އަދި، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

"އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން. އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނީ --

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

އެ ބިލުގެ އިތުރުން މި ދައުރަށް ސަރުކާރުން ހުށަހަޅާ ބައެއް އިތުރު ބިލް ތަކުގެ ތެރޭގައި، ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއާ ބިލާއި، ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް ހިމެނެ އެވެ.

ސިޔާސީ ބަދަލު ނުހިފާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ނިމިދިޔަ ސަރުކާރު ތަކުގައި ސިޔާސީ ލީޑަރުން ބަންދުކޮށް ޖަލު އަދަބުތައް ދީފައިވެ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޖަލަށް ލާފަ އެވެ. އެމަނިކުފާނު އަދިވެސް ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.