މިދިޔަ ފަސް އަހަރު 40 އަހަރާ ނުބައްދަލު އަދަދަށް ފައިސާ ޖާޕުކުރި

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަށް ބިލިއަން ރުފިޔާ ޗާޕު ކުރުމުގެ ނަތީޖާއަކީ އިގްތިސޯދަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގައި

މިދިޔަ ފަސް އަހަރު 40 އަހަރާ ނުބައްދަލު އަދަދަކަށް ފައިސާ ޗާޕުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި ކަމަށެވެ. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި މިވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި. ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ގައިރު ޒިންމާދާރުކަމާއެކު މަނިޓައިޒްކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން. މިގޮތުން 31 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވުނު. އަދި އިގްތިސޯދީ ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ޤައުމުގެ ތަރައްގީއާ ކުރިމަގަށް ސަރުކާރުން ކުރާ ތަސައްވުރާ އުންމީދު ހަގީގަތަކަށް ހެދޭނީ މާލީގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލައިގެން ކަމަށާ ދިވެހިތާރީހުގައި މީން ޒަމާނަކު ގައުމު ނުދަރާވަރަށް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ދައުލަތް އޮތީ ދަރާފައި ކަމަށެވެ.

" ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފަ،" ރައީސް ވިދާޅުވި އެވެ.

ހަވާލުވިއިރު ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރު ސަރުކާރު ކުންފުނިތަކުގެ ދަރަނި އެހާ ބޮޑު ކަމަށާ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ އޮތީ އެންމެ ދެތިން ކުންފުނި ކަމަށެވެ.

" ކުންފުނިތަކުގެ އިދާރީ ހިންގުމާ މުވައްޒަފުންނަށް ކުރާ ހޭދަވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައި. އާމުދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ. ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާ ވެސް ވަނީ ނަގައި މާރުކޮށްލާފައި. މިއީ އަދި، މިދިޔަ 11 ވަރަކަށް ހަފުތާ އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު އަންދާޒާކުރި މިންވަރަށްވުރެވެސް ފިސްކަލް އަދި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށް ކަމަށާ ހަފްތާ 14 ގެ މަގުޗާޓުގައި ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތްކުރާނެގޮތުގެ ޕްލޭނެއް ވަނީ އެކުލަވާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނީ ރޭވުންތެރިކަމާއެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާއަށް އެންމެ ހިރާސްތައް ކުޑަވާގޮތަށް. ކުރިއަށް އޮތް ދެ އަހަރަކީ ދަރަނި އަނބުރާ ދައްކަން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރުކަމުގައިވާތީ، އެންމެ އިސްކަންދޭނީ، ދަރަނި އަނބުރާދައްކަންޖެހޭ ޝެޑިއުލާ އެއްގޮތަށް ދެއްކޭނެކަން ކަށަވަރުކުރަން. މި މަސައްކަތާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުން،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.