ކެންސަރުގެ ވޭނީ ދަތުރު: ހީނާގެ ވާހަކަ ކިޔައިދީފި

މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުއްލެވުމާއި މީޑިއާއާ ބޭއްވެވި ގާތް ކަމާއި ވަގުތުން ޖަވާބު ދެއްވުން ފަދަ ކަންކަމުގެ ސަބަބުން ބޮޑު އާލާސްކަންފުޅެއް ގައި އުޅުއްވާ ކަން ނޫސްވެރީންނަށް ވެސް އެނގިފައެއް ނުވެ އެވެ.

ހީނާ ވަލީދު: ހިތްވަރު ގައި ނަމޫނާ އެއް

ދިވެހީންގެ މެދުގައި އެންމެ މަގުބޫލުވި ޓީވީ ހުށައެޅުންތެރީންގެ އެކަކީ ހީނާ ވަލީދެވެ. ހަބަރު ހުށައެޅުމާއި ޓީވީ ޕްރަގްރާމްތައް ގެނެސް ދިނުމުގައި އެއީ ވަރަށް ގިނަ ބައެއްގެ ނަންބަރު ވަން އެވެ. މުނިފޫހިފިލުވުމާއި އެ ނޫން ވެސް ތަފާތު އެތައް ޝޯ ތަކެއް ހުށައަޅައި ދިން މި ހުނަރުވެރިޔާ އަކީ އަދި ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝަހުޝިއްޔަތެކެވެ.

ޓީވީގެ ކެރިއަރު ނިންމާލުމަށް ފަހު ހީނާ ދެން ފެނުނީ ސިޔާސީ މައިދާނުންނެވެ. އެއީ ޕީޕީއެމްގެ އިސް ތަރުޖަމާނެވެ. ކޮންގްރެސް ކޯލިޝަންގެ ވެެސް ތަރުޖަމާނެވެ. އެއީ އެންމެ ހީވާގި ތަރުޖަމާނެވެ. ނޫސްވެރީން މި ފަހުން އެވަރުގެ މީޑިއާ އެކުވެރި ބޭފުޅަކު ނުދެކެ އެވެ.

ޕީޕީއެމްގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވާ ވަރަށް މުހިންމު އެހާމެ ބުރަ މަސްއޫލިއްޔަތެއް އުފުއްލެވީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. ކެންސަރަށް ފަރުވާ ހޯއްދަވާކަން އާންމުންނަށް އެނގުނީ ވެސް ވަރަށް ފަހުން އެކަމަނާ އެކަން ހާމަ ކުރެއްވުމުންނެވެ. މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުއްލެވުމާއި މީޑިއާއާ ބޭއްވެވި ގާތް ކަމާއި ވަގުތުން ޖަވާބު ދެއްވުން ފަދަ ކަންކަމުގެ ސަބަބުން ބޮޑު އާލާސްކަންފުޅެއް ގައި އުޅުއްވާ ކަން ނޫސްވެރީންނަށް ވެސް އެނގިފައެއް ނުވެ އެވެ.

މަަސައްކަތު ގައި ހީވާގި ކަމާއެކު އުޅެނިކޮށް ހީނާގެ ދިރިއުޅުމަށް ކުއްލި ހުއްޓުމެއް ގެނައީ ނުރައްކާތެރި ކެންސަރު ބައްޔެވެ. ކެންސަރު ބަލީން އަރައިގަތުމަށް ގަދަ ހިތްވަރާ އެކު ހީނާ ކުރި ދަތުރު މިއަދު ވަނީ ހިއްސާކޮށްފައެވެ. ދުނިޔޭގެ ކެންސަރުބަލީގެ ދުވަހާއި ދިމާކޮށެވެ. ހީނާ ވިދާޅުވި ގޮތުގައި މިއަދު ކުރެވެނީ ވަރަށް ތަފާތު އިހްސާސްތަކެކެވެ. ކެންސަރުގެ ވޭނީ ދަތުރުގެ ބައެއް ވާހަކަތައް ހިއްސާ ކުރުމުގެ ބޭނުމަކީ މިބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް އެކަމަނާގެ ތަޖްރިބާއިން ހިތްވަރު ދިނުމަށެވެ.

"އަޅުގަނޑަށް ކެންސަރު ޖެހުނުކަން އެނގުނީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް މަސްކުރިންނެވެ. އެކަން އެނގުނު ވަގުތު އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ މާޔޫސްވިއެވެ. ނަމަވެސް ހެއްދެވި ފަރާތަށް ހުރިހާކަމެއް ވަކީލުކޮށް ފަރުވާއަށް އަވަސްވެގަތީއެވެ. އޭރު މިކަމަކީ ކިހާވަރެއްގެ ވޭންހުރި ކަމެއްކަން އަޅުގަނޑަށް ކުޑަކޮށްވެސް ނޭނގެއެވެ" 

ހީނާ ވިދާޅުވި ގޮތުގައި ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހެދިބޮޑުވަމުންދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލްތައް އައެވެ. މުޅި ހަށިގަނޑު އެއްކޮށް ދުޅަވެ ކާއެއްޗެހީގެ ރަހަ ބަދަލުވެ, ނުކެވި، ބޮލުގެ އިސްތަށިތައްވެސް އިސާހިތަކު ހިނގައްޖެއެވެ.

މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި އެހާމެ ރިއްސައެވެ. އަމިއްލަ ނަފްސާމެދު ދެކުނު ގޮތް ބަދަލުވިއެވެ. ސެލްފްކޮންފިޑެންސް މަޑުމަޑުން ދާން ފެށި ކަހަލައެވެ. ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެންނެވެ. 

މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުއްމީދުގައެވެ. ކީމޯއަށްފަހު ރޭޑިއޭޝަންގައި އެއްމަސްދުވަސް ހޭދަކުރި އެވެ. ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަންއަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހަ އެއް ނޫނެވެ.

"އެހެން ނަމަވެސް އަޅުގަނޑުގެ އަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމަށެވެ. ބައެއް ދުވަސްދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއް ދުވަހު މަސައްކަތަށް ނުކުންނަނީއެވެ. ބަލިވިޔަސް ގައިގަ ވަރުނެތަސް ހަރަކާތްތެރިވުން އިތުރު ކުރީއެވެ. ބައްޔާމެދު ޕޮޒިޓިވްކޮށް ވިސްނަން ފެށީމެވެ. ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކިކަހަލަ ނެގެޓިވް ޚިޔާލުތަކާއި ފިކުރުތަކުން ދުރަށްދިއުމަށް ހިތާ ސިކުނޑިއާ ދެކޮޅަށް މަސައްކަތްކުރީއެވެ. އަޅުގަނޑު ތަހައްމަލް ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާއެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފެށީމެވެ"

ހީނާ ވަނީ ކެންސަރުގެ ވޭން ތަހަންމަލު ކުރަމުންދާ ކޮންމެ މީހަކަަށް ހާއްސަ މެސެޖެއް ދީފައެވެ.

"މާތް ﷲގެ ހެޔޮ ރަޙްމަތުން މިއަދު މިބަލިން ރަނގަޅުވުމަށް ކުރެވޭ ފަރުވާއާއެކު އަޅުގަނޑުގެ މެސެޖަކީ މިއީއެވެ. ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. ވޭންދެނިވި ކަމެކެވެ. ބިރުވެރި ކަމެކެވެ. މާދަމާވެސް ވާނެގޮތެއް ނޭނގޭ ކަމެކެވެ. އެހެނަސް އުއްމީދު ކަނޑާނުލާށެވެ. ކެތްތެރިވާށެއެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރާށެވެ. ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަން ކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މިއިހްސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރާށެވެ. ބަލިތަކަށް ޝިފާ ދެއްވަނީ ﷲއެވެ،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.