އެމްޑީޕީ ޕްރައިމަރީ: 109 ކެންޑިޑޭޓުން ބަލިވި، އެންމެނަށް ފެނުނީ ރޮޒައިނާ

ރޮޒައިނާ ހުންނެވީ އެ ފާޑުކިޔުންތަކުން ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. ނާކާމިޔާބާ އެކު އެކަމަނާ އެދިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވަން އިތުރު ހިތްވަރަކާ އެެކު އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރުން މަސައްކަތް ކުރާށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: ދެން އަންނަ މަޖިލީހުން އެކަމަނާ ނުފެންނާނެ

އިދިކޮޅު މައި ޕާޓީ -- އެމްޑީޕީގެ ޓިކެޓް ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަ ކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ކަނޑައަޅާ ނިމިފައެވެ. ތިން ހަތަރު ދާއިރާއަކަށް ފިޔަވާ ދެން ހުރި ހުރިހާ ދާއިރާ އަކަށް ވާނެ ކުރާނެ ކެންޑިޑޭޓުން އިއްޔެ އޮތް އެ ޕާޓީގެ މަޖިލީސް ޕްރައިމަރީ ގައި ވަނީ ކަނޑައަޅާފައެވެ.

އެމްޑީޕީގެ މަޖިލީސް ޓިކެޓަށް ހުޅުވާލުމުން ވަރަށް ގިނަ މެންބަރުން ކުރިމަތިލި އެވެ. އެއް މެންބަރަކު ކުރިމަތިލީ ދާއިރާތަކަށް ޕްރައިމަރީ އެއް ނެތި ޓިކެޓް ދޭން ނިންމި އެވެ. އެ ގޮތުން ޖުމްލަ 48 ދާއިރާ އަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުން ޕްރައިމަރީ އެއް ނެތި އެ މެންބަރުންނަށް ޓިކެޓް ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިނގަމުން މިދާ މަޖިލީހުގެ 19 މެންބަރަކު ހިމެނެ އެވެ.

ޕްރައިމަރީ ބާއްވަން ޖެހުނީ 40 ދާއިރާ އެއްގައެވެ. ޕްރައިމަރީ ގައި 149 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެ ތެރޭގައި މިހާރު އޮތް މަޖިލީހުގައި ހިމެނޭ 11 މެންބަރަކު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން 8 ބޭފުޅަކު ވަނީ އާ ދައުރަށް އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. ތިން މެންބަރަކަށް ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތެވެ. އެއީ؛

  •  ރޮޒައިނާ އާދަމް - ފޭދޫ އުތުރު ދާއިރާ
  •  ހުސައިން ގާސިމް - ކެޔޮދޫ ދާއިރާ
  •  އިބްރާހިމް ޝަރީފް - ކެލާ ދާއިރާ

މި ތިން މެންބަރުން ހިމެނޭހެން ޖުމްލަ 109 ކެންޑިޑޭޓަކަށް އިންތިހާބު ގައި ނާކާމިޔާބީއާާ ކުރިމަތިލާން ޖެހުނެވެ. ބައެއް ކެންޑިޑޭޓުންނަށް ވަރަށް ލަދުވެތި ނަތީޖާ އަކުންނެވެ.

ބައެއް ކެންޑިޑޭޓުންނަށް ދެތީން ވޯޓް ވެސް ލިބިފައިވެ އެވެ. ނަމަވެސް އެންމެން ދައްކަނީ އެންމެ ކެންޑިޑޭޓަކު އިންތިހާބުން ބަލިވީ ވާހަކަ އެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. އެކަމަނާގެ އެ ނާކާމިޔާބީއަށް ވަރަށް ގިނަ ބަޔަކު އުފާކޮށް އެކި ސްޓޭޓަސްތައް ލިޔެފައި ހުއްޓެވެ. ވަރަށް ގިނަ ބަޔަކު އެކަމަނާއަށް ފުރައްސާރަ ކޮށްފައިވެސް ވެ އެވެ.

އިއްޔެގެ ވޯޓް ގައި ރޮޒައިނާ ބަލިވީ ވަރަށް ލަދުވެތި ނަތީޖާ އަކުން ނޫނެވެ. ރޮޒައިނާ ވަނީ 221 ވޯޓް ހޯއްދަވާފައެވެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަހްމަދު ޝަރީފަށް ލިބިފައި ވަނީ 251 ވޯޓެވެ. ރޮޒައިނާ ބަލިވީ 30 ވޯޓުންނެވެ. އެ ދާއިރާއަށް ދެން ކުރިމަތިލި އަހްމަދު ހަމްޒާ ވެސް ވަނީ 206 ވޯޓް ހޯދާފައެވެ. 

ހަގީގަތުގައި އިއްޔެގެ ޕްރައިމަރީ ގައި އެންމެ ވާދަވެރި އެއް ދާއިރާ އަކީ މިއީ އެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ވަރުގަދަ / ރަނގަޅު ފައިޓެއް ދީފައިވެ އެވެ. އެކަށީގެންވާ ރަނގަޅު އަދަދެއްގެ ވޯޓް ވެސް ހޯދާފައިވެ އެވެ. 

ނަަމަވެސް 109 ކެންޑިޑޭޓުންގެ ތެރެއިން ހަމައެކަނި ރޮޒައިނާގެ ވާހަކަ އެންމެން ދެއްކުމުގައި އޮތީ ކޮން ސަބަބެއް ހެއްޔެވެ. ބައެއް މީހުންގެ ފާޑުކިޔުންތަކާއި އެ މީހުންގެ ޖަހާފައިވާ ސްޓޭޓަސްތަކުން ފާޑުކިޔުން އެކަމަނާއަށް އަމާޒުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވާދަވެރީންނަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އަދި ހުންނަވާ ގޮތެއް އެންމެ ބޮޑަށް ދިފާއު ކުރައްވާ މެންބަރުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވާތީ ކަަމަށް ބެލެވެ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ނަޝީދަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވީ ރޮޒައިނާ އެވެ.

އެހެން ކަމުން އިއްޔެގެ ނަތީޖާއާ އެކު ޑިމޮކްރެޓުން އުފާކުރި އެވެ. ރައީސް ޔާމީނާއި ރައީސް މުއިއްޒަށް ވެސް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް މެންބަރަކީ ރޮޒައިނާ އެވެ. ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބުވުމުން ޕީޕީއެމާއި ޕީއެންސީ އަދި ރައީސް ޔާމީންގެ ސަޕޯޓަރުން އުފާކުރީ އެ ސަބަބާއި ގުޅިގެންނެވެ.

އަނެއްކޮޅުން އެކަމަނާއަކީ އެމްޑީޕީގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަންހެން ލީޑަރެވެ. އެއީ އަންހެނުންގެ ގޮފީގެ ރައީސާ އެވެ. އެފަދަ މަގާމެއް ގައި ހުންނަވާ އިންތިހާބަކުން ބަލިވެވަޑައިގަތުމުން ވެސް ފާޑުކިޔުން އަމާޒުވާނެ އެވެ. ނަމަވެސް ރޮޒައިނާ ހުންނެވީ އެ ފާޑުކިޔުންތަކުން ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. ނާކާމިޔާބާ އެކު އެކަމަނާ އެދިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވަން އިތުރު ހިތްވަރަކާ އެެކު އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރުން މަސައްކަތް ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.