ވާހަކަ

އިންތިހާއަށް ލޯބިވީމާ – 59

"ބައްޕާ... މަންމާ.." ނިއުޝާގެ ދެލޯ ފެެންކަޅިވެއްޖެއެވެ. "ދަރިފުޅާ"އޭ ކިޔާ މޫސަ ކުއްލިއަކަށް ބައްދައިގަތީ ނިއުޝާގެ ގައިގައެވެ.

- އެޕިސޯޑް 59 - 

ނިއުޝާ އާއެކުގައި ފެށިގެން ދިޔަ އައު ޙަޔާތަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު، އުފާވެރި ޙަޔާތަކަށް ވާނެ ކަމުގައި ފަޔާޒް އުއްމީދު ކުރިއެވެ. ނިއުޝާގެ ފަރާތުން ފެނުން ހުރިހާ ކަމަކަށް މާފުދީ، ދިރިއުޅުމުގައި ނިއުޝާއާ އެކުގައި ކުރިއަށް ދިޔުމަކީ ފަޔާޒްގެ އަޒުމެވެ. ފަޔާޒް ބޭނުންވާ ގޮތެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެމީހުންގެ ދަރިފުޅެވެ. އެ ދަރިފުޅު ބޮޑުވެގެން އަންނަން ފަޔާޒް ބޭނުންވީ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯތްބާ އެކުގައެވެ. ވޭތުވެގެން ދިޔަ މާޒީން އިބުރަތް ހާސިިލުކޮށް، ދެމީހުންނަށް ވެސް އުފާވެރި ކަމާއި އެކުގައި ޙަޔާތުގެ ބާކީ ވޭތު ކުރެވޭނެ ކަމުގެ ޔަޤީންކަން ދެމީހުންގެ ވެސް އޮވެއެވެ. ނަމަވެސް ނިއުޝާގެ ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ސަބަބުން، އަދިވެސް ނިއުޝާ ފަސްޖެހެނީއެވެ. އެކަން ފަޔާޒްގެ ކުރިމަތީގައި ދައްކަން ބޭނުން ނުވިޔަސް، ފަޔާޒަށް ހުރިހާ ކަމެއް އެނގޭ ދުވަހުން ނިއުޝާއަށް ފަޔާޒްގެ މާފެއް ނުލިބޭނެއެވެ. އެއީ ނިއުޝާ ޔަޤީން ކުރާ ކަމެކެވެ.

ފެށިގެން ދިޔަ އައު ދުވަހަކީ ނިއުޝާ އާއި ފަޔާޒްގެ ޙަޔާތަށް އައު އުއްމީދުތަކެއް ދިރިގެން ދިޔަ ދުުވަހެކެވެ. ހޮސްޕިޓަލުން ގެއަށް އައިސް، އައު ދުވަހަކަށް އިރު އަރަން ދެން އެދެމީހުން ތިބީ އެކި ވާހަކައިގައެވެ. ރޭ ވެސް ނިއުޝާ މަސައްކަތް ކުރީ އޭނާގެ އެންމެ ބޮޑު ސިއްރު އެގޮތުގައި ވަންހަނާ ކުރާށެވެ. ނަމަވެސް ނިއުޝާ ވަރަށް ފަސްޖެހެއެވެ. ނިއުޝާ އެންމެ ބޮޑަށް ހާސް ވަނީ ހައިކަލްއާ މެދުގައެވެ. ހައިކަލް މިކަމަށް ރިއެކްޓް ކުރާނެ ގޮތެއް ނިއުޝާ އަށް ނޭނގޭތީއެވެ. ކޮންމެ ގޮތެއް ވިޔަސް ނިއުޝާ އާއި ހައިކަލް އަކީ ދެލޯބިވެރިންނެވެ. އެއީ ނިއުޝާ ޤަބޫލު ކުރި ގޮތެވެ. އަދި ނިއުޝާގެ ކުރިމަތީގައި ހައިކަލް ދައްކައިގެން ވެސް އުޅުނީ އެގޮތަށެވެ. މީގެ އިތުރުން ނިއުޝާގެ އެންމެ ބޮޑު ސިއްރު ހައިކަލަށް އެނގޭތީ ނިއުޝާގެ ހިތަށް އެއްވެސް ވަރަކަށް ހަމަޖެހުމެއް ނުލިބެއެވެ.

ނިދާފައި އޮތް ހައިކަލަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ ފެށުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވައި މޫނުގައި ދެއަތް ކާއްތާލަމުން ހައިކަލް އޭނާގެ ފޯނަށް ރަނގަޅަށް ބަލާލިއެވެ. ގުޅަމުން ދަނީ ނިއުޝާ އެވެ. ހައިކަލް ފޯނު ނެގިއެވެ. އަދި ނިދި ރާގެއްގައި "ހަލޯ"އޭ ބުނެލިއެވެ. ޖަވާބުގައި ނިއުޝާ ވާހަކަ ދެއްކީ ވައި އަޑަކުންނެވެ. ބެލެވޭ ގޮތުގައި ނިއުޝާ ވާހަކަދައްކަމުން ދިޔައީ ވަރަށް ސިއްރުންނެވެ.

"ހައިކަލް.. ހައިކަލްއަށް ވެސް އެނގޭނެ ފަޔާޒް ޖަލުން ދޫކޮށްލައިފިކަން. އަދި ފަޔާޒްގެ އެއްވެސް ކުށެއް ނެތްކަން ވެސް. އަހަރެންނަށް ވިސްނުނީ މުޅިން ނުބައިކޮށް. މިހާރު އަހަންނާ ފަޔާޒްއާ ގުޅިއްޖެ.. ދެމީހުން އެއްކޮށް އުޅެން ބޭނުންވޭ. އަހަރެން ވެސް ބޭނުން ވަނީ ފަޔާޒް. ރޭގަ ވެސް ހަމަ ނޭވާ ނުލެވޭ. ބިރުގަންނަ ވަރުން. ޖެހިލުންވާ ވަރުން.. އަހަރެންގެ ހަމައެކަނި ކަންބޮޑު ވުމަކީ ހައިކަލް. އާދޭސް ކޮށްފަ ބުނަން! އަހަރެންގެ ނަން ތި ހިތުން މުޅި އުމުރަށް ފުހެލާ! އަހަރެން ދެއްކި ވާހަކަތަކާ އެކުގަ. އެކަކަށް ވެސް އެއިން އެއްވެސް ކަމެއް ނާންގާތި!" ނިއުޝާ ވާހަކަދެއްކީ އަނގަ މަތީގައި އަތް އަޅައިގެން ހުރެ ވަރަށް މަޑުމަޑުންނެވެ. ނިއުޝާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ކިޔާލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. ހައިކަލަށް އެއްވެސް އެއްޗެއް ބުނަން ފުރުސަތެއް ނުދެއެވެ. ހައިކަލަށް ދެން ލިބިގެން ދިޔައީ މެސެޖެކެވެ. މެސެޖުގައި އޮތީ "ފަޔާ އެބަ އުޅޭ ގޭގަ! އަހަރެންނަށް އިތުރަށް ވާހަކަދެއްކޭކަށް ނެތް! އަހަރެން ހައިކަލްގެ ނަންބަރު މި ބްލޮކް ކޮށްލީ. ހެޔޮނުވާނެ. އަހަރެންނަށް ދެރައެއް ނުދޭތީ!" މިހެންނެވެ.

މެސުޖު ކިޔާލުމާއި އެކުގައި ހައިކަލަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނިއުޝާގެ އަމިއްލަ އެދުން ބޮޑުކަން ހިތަށް އަރާފައި ހައިކަލް މުޅިން ހައިރާން ވިއެވެ. ހުރިހާ ކަމެއް އިސްލާހުވެ އައު ޙަޔާތެއް ނިއުޝާ ފަށަން ބޭނުންވީ ފަޔާޒަށް އޮޅުވާލައިގެންނެވެ. ފަޔާޒް ކަހަލަ ރަނގަޅު މީހަކަށް އެހާ އަނިޔާ ތަކެއް ލިބެން އެއްވެސް ހައްޤެއް ނޫނެވެ. ނިއުޝާ ހައިކަލަށް ކުރި އިތުބާރު ނަގާލެވުމުން އެކަމާ ހައިކަލް ދެރަވެއެވެ. ނަމަވެސް އެކަން ސިއްރުކޮށްގެން ހުރުމަކީ އަދި މާ ނުުބައި ކަމެއްގެ ގޮތުގައި ހައިކަލަށް ވިސްނެެއެވެ. ހައިކަލް ލަސް ނުކޮށް ގުޅީ ނާޝިދަށެވެ. އަދި ނިއުޝާ ދެއްކި ވާހަކަތައް ނާޝިދަށް ހިއްސާ ކުރިއެވެ.

މެންދުރުގެ ކެއުމަށް ފަޔާޒް އިންސާފު ކުރަމުން ގެންދިޔައީ ނިއުޝާއާ އެކުގައެވެ. ފަޔާޒްގެ މޫނުމަތިން ފެންނަނީ އިންތިހާއަށް އުފާވެރިކަމެވެ. މިއިން ދުވަހެއްގައި ވެސް ފަޔާޒްގެ ޙަޔާތަށް ހިތާމަވެރި ކަމެއް އައިސްފައިވާހެން ހީވެސް ނުވެއެވެ. ފަޔާޒްގެ މި އުފާވެރިކަމަށް ނަގަން އުޅޭ ބިޔަ ރާޅުގެ އެއްވެސް ހިލަމެއް ފަޔާޒަކަށް ރޭކާއެއް ނުލައެވެ. މީ ކުޑަ ހިނދުކޮޅެއްގެ އުފާވެރިކަމެއްކަން ފަޔާޒަށް އެއްވެސް ވަރަކަށް ނުވިސްނެއެވެ. ޚިޔާލަށް ވެސް ނުގެނެވުނެވެ. ނިއުޝާ އާއި ފަޔާޒް އެކެއް އަނެކަކުގެ އަނގަޔަށް ކާއެއްޗެހި ލަމުން ގެންދިޔައެވެ. ކުއްލިއަކަށް ނިއުޝާ އާއި ފަޔާޒަށް ގޭގެ ދޮރަށް ބަލައިލެވުނީ މީހަކު ޓަކި ދިން އަޑަށެވެ. ނިއުޝާ ކޮޅަށް ތެދުވިއެވެ. އަދި ހިނގައިގަތީ ދޮރު ހުޅުވާށެވެ. ދޮރު ހުޅުވާލުމާއި އެކުގައި ނިއުޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަނގަ ހުޅުވުން ގޮތަށް ލައްޕަން ވެސް ނިއުޝާއަކަށް ނޭނގުނެވެ.

ދޮރު ކުރިމަތީގައި ހުރީ މޫސަ އާއި ރޫމާ އެވެ. އިސްދަށަށް ޖަހައިގެން ރޫމާ ހުރި އިރު، ކުށްވެރިއެއް ފަދައިން މޫސަ ބަލަން ހުރީ ނިއުޝާ އަށެވެ. އެވަގުތު ދޮރު ކުރިމައްޗަށް ފަޔާޒް ވެސް އަތުވެއްޖެއެވެ.

"ބައްޕާ... މަންމާ.." ނިއުޝާގެ ދެލޯ ފެެންކަޅިވެއްޖެއެވެ. "ދަރިފުޅާ"އޭ ކިޔާ މޫސަ ކުއްލިއަކަށް ބައްދައިގަތީ ނިއުޝާގެ ގައިގައެވެ.

"ދަރިފުޅާ! ބައްޕަގެ ލޯބިވާ ރަންގަނޑާ.. ޖަވާހިރާ.. ބައްޕައަށް މާފު ކުރޭ! ބައްޕައަށް ހުރިހާ ކަމެއް އެނގިއްޖެ! ދަރިފުޅޭ ކިޔައިގެން މީހަކު ދެއްކި ވާހަކަތަކަކަށް ބައްޕަ ހެއްލުނީ... ދަރިފުޅުގެ އުފަލަށް ބައްޕަމެންނަށް ހުރަސް އެޅުނީ.. އެކަމު މިއަދު ދަރިފުޅު ތި ސާބިތު ކޮށްދިނީ، ފަޔާޒް ވަރުގެ ހެޔޮލަފާ ސޯލިހު ދަރިއެއް މިދުނިޔޭގަ ނެތްކަން.." ނިއުޝާގެ ގައިގައި ބައްދައިގަނެގެން ހުރެ މޫސަ ވާހަކަދައްކަމުން ދިޔައެވެ. ފަޔާޒް މަޑުމަޑުން އައިސް މޫސަގެ ކޮނޑުގައި ފިރުމަން ފެށިއެވެ.

"ބައްޕާ.. ދެރަ ނުވޭ! އަހަރެންގެ ހިތް ބައްޕައަށް ވަރަށް ސާފު.." ފަޔާޒްގެ ދެއަތުން މޫސަގެ ކޮނޑުގައި ފިރުމަމުން ބުނެލިއެވެ.

"ދަރިފުޅާ! ނިއުޝާ! ބައްޕައަށް މާފު ކުރޭ!" މޫސަގެ ދެލޮލުން ފެންނަނީ އިންތިހާއަށް ހިތްދަތިކަމެވެ. މޫސަގެ ލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަ ތިކި، ނިއުޝާ އޭނާގެ ކަނާ އަތުން ފޮހެލަ ދިނެވެ. އަދި ނިއުޝާ ހިނިތުން ވެލިއެވެ.

"ބައްޕާ! އަހަރެން ބައްޕަ ދެކެ އަދި މަންމަ ދެކެ ވެސް ވަރަށް ލޯބިވޭ! ތި ދެމީހުންނާ ދޭތެރޭ އަހަރެންގެ ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް.." ނިއުޝާ ވަރަށް ލޯތްބާއެކުގައި މޫސަގެ ގައިގައި އޮޅުލައިގަތެވެ. އަދި ހިނިތުންވެ ހުރެ ރޫމާއަށް ބަލައިލިއެވެ.

މެންދުރު ފަހު 3 ޖަހަން ގާތް ވަނީއެވެ. އަދިވެސް ރޫމާ އާއި މޫސަ ހުރީ ނިއުޝާ އާއި ފަޔާޒްގެ ގާތުގައެވެ. އެމީހުންގެ މާމަ ދަރިއާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގައެވެ. އެމީހުންގެ ހަޔާތަށް ބޮޑު ތޫފާނެއް ނަގައިފިކަން އެތަނުން އެކަކަށް ވެސް ނޭނގެއެވެ. ފަޔާޒްގެ ގޭގެ ދޮރު މަތީގައި ހައިކަލް އާއި ނާޝިދު މަޑުކޮށްލައިގެން އެހުރީ ހުރިހާ ވާހަކައެއް ފަޔާޒަށް ކިޔާ ދިނުމުގެ ބޭނުމުގައެވެ. ފަޔާޒް ޖެހިފައިވާ މަޅިން ސަލާމަތް ކުރުމަށެވެ. ނާޝިދު އެ ގޭގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ދޮރު ހުޅުވީ ފަޔާޒެެވެ.

"އަސްތާ! ނާޝިދު.. އަވަހަށް ވަދޭ!" ފަޔާޒް ހިނިތުންވެލަމުން މަރުޙަބާ ކިޔެވެ. ނާޝިދުގެ ފަހަތުން ހައިކަލް ވެސް ވަނެވެ.

"މިއުޅެނީ ނިއުޝާގެ މަންމަ އާއި ބައްޕަ ވެސް އައިސްގެން.. ކުޑަ މީހާގެ ގާތުގަ އެމީހުން އެބަ އުޅޭ!" ފަޔާޒް އުފާވެފައިވާ މިންވަރު އެއްވެސް ޝައްކެތް ނެތް މިންވަރަށް ނާޝިދަށް އެބަ އިޙްސާސް ކުރެވެއެވެ. ނަމަވެސް އެކަމުގައި ނާޝިދުގެ އެއްވެސް ފަރުވާލެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް، މިއަދު ފަޔާޒަށް އެލިބެނީ ކެހިވެރި ލޯތްބެއްގެ އުފާތަކެކެވެ. އޮޅުވާލުމެއްގެ ތެރެއިން ލިބެން ނުޖެހޭ އުފާތަކެކެވެ. ވަގުތާ ޙާލަތުގެ ގޮތުން މިއީ މާބޮޑަށް ވެސް ރަނގަޅު ދަނޑިވަޅެއް ކަމުގައި ނާޝިދަށް ދެކެވުނެވެ. އެއީ ނިއުޝާގެ މައިންބަފައިން ވެސް ތިބުމާ އެކުގައެވެ.

"ފަޔާޒް.. އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ދައްކާލަން.. މިއީ ވަރަށް ސީރިއަސް ކަމެއް ފަޔާޒް! އަހަރެންނަށް މިވާހަކަ ނުދައްކާ ދެން ނުހުރެވޭނެ! އަހަރެން އެދެން ނިއުޝާ މިތަނަށް ގެންނަން. ނިއުޝާގެ މައިންބަފައިން ވެސް.." ނާޝިދުގެ މޫނުމަތިން ފެނުން ސީރިއަސް ކަމުން ފަޔާޒް ހައިރާން ވިއެވެ. އެތައް ސުވާލެއް ހިތުގައި ބިންވަޅު ނެގުނެވެ.

"ކިހިނެއްވީ އަނެއްކާ؟" ފަޔާޒް ވަރަށް އުނދަގުލުން އަހާލިއެވެ.

"ހުރިހާ ވާހަކައެއް ކިޔާދޭން މިއުޅެނީ.. އެޔަށްފަހު ގޮތް ނިންމާނީ ފަޔާޒް... އެމީހުން ގެނެސްދީ!" ނާޝިދުގެ އެދުމަށް ފަޔާޒް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ވަރަށް ބޮޑު ހާސް ކަމެއްގެ ތެރޭގަ ހުރެގެންނެވެ. ފަޔާޒް އާއި އެކުގައި ނިއުޝާ އާއި އޭނާގެ މައިންބަފައިން ސިޓިންގރޫމަށް ނުކުތެވެ. ނިއުޝާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީީ ހައިކަލް އެވެ. ނިއުޝާއަށް ހުއްޓުން އެރުނެވެ.

"އަހަރެން ބޭނުންވޭ ތި އެންމެންނަށް ހުރިހާ ވާހަކައެއް ކިޔާދޭން.. މިއީ ތި އެންމެންނަށް އެނގެން ޖެހޭ ކަންކަން.. ޚާއްސަކޮށް ފަޔާޒްއަށް.." ނާޝިދުގެ ވާހަކަ ފެށުމާ އެކުގައި ނިއުޝާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ފަޔާޒް ހުރީ ވާނުވާއެއްގައެވެ. ނާޝިދު ދައްކަން އުޅެނީ ކޮން ވާހަކައެއް ބާއޭ ހިތަށް އަރާފައެވެ. މޫސަ އާއި ރޫމާގެ ސަމާލުކަން ވެސް ހުއްޓިފައި ވަނީ ނާޝިދަށެވެ. ހައިކަލް ހުރީ އިސްދަށަށް ޖަހައިގެންނެވެ.

"ފަޔާޒަށް ޖަލަށް ލާން ޖެހުން އެންމެ ބޮޑު އެއް ސަބަބަކީ އެކަމަށް ނިއުޝާ އެއްބާރުލުން ދިނުން... އަހަރެން އިތުރަށް އެވާހަކަ ދައްކާކަށް ނެތިން.. އެކަން ވީގޮތް ވަރަށް ރަނގަޅަށް ފަޔާޒަށް އެނގޭނެ.. އަހަރެން ދެކެނީ ފަޔާޒް އެކަމަށް މާފު ވެސް ދީފި ކަމަށް... އަދި އަލުން ނިއުޝާއާ އެކުގައި ޙަޔާތެއް ފަށަން ނިންމައިފި ކަމަށް.. ފަޔާޒް.. އަހަރެން އަބަދުވެސް ބަލާނީ ފަޔާޒްގެ އުފާވެރި ކަމަށް.. ފަޔާޒަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ވިޔަކަ އަހަރެން ނުދޭނަން.." ނާޝިދު ވާހަކަދައްކަމުން ދިޔައީ ފަޔާޒްގެ ކުރިމަތީގައި ހުއްޓިގެން ހުރެގެންނެވެ.

"އެކަމު ފަޔާޒް... އެހަރަ އަންހެނާ.. މަކަރުވެރި ހީލަތްތެރި އަންހެނެއް އެއީ.." ނާޝިދުގެ އަތުން އޭނާ އިޝާރާތް ކޮށްލީ ނިއުޝާއަށެވެ. ނިއުޝާއަށް ހީވީ އޭނާގެ ފައިދަށަށް ލޮލުމެއް އަރައިގެން ދިޔަހެންނެވެ. ހިތުގެ ތެރޭގައި ހީވީ ބޮޑު ހައިޖާނެއް އުފެދުންހެންނެވެ. ނިއުޝާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. އިންތިހާއަށް ދެރަވެއްޖެއެވެ. ނިއުޝާއަށް ބަލައިލެވުނީ ހައިކަލްއާ ދިމާލަށެވެ. އޭރުވެސް ހައިކަލް ހުރީ އިސްދަށަށް ޖަހައިގެންނެވެ. ރޫމާ އާއި މޫސައަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

"ނާޝިދު!" ފަޔާޒް ހިތްހަމަ ނުޖެހުނެވެ. ފަޔާޒްގެ އަނގަ ބައްދުކޮށްލީ ދެން ވެސް ނާޝިދެވެ.

"ފަޔާޒް.. ފަޔާޒަށް ތިއޮތީ ވަރަށް ބޮޑަށް އޮޅިފަ... ފަޔާޒް.. ހިތްވަރު ކުރާތި! އަހަރެން ވަރަށް ކުރުކޮށް ބުނެލާނަން! ނިއުޝާގެ ދަރިފުޅަކީ ފަޔާޒްގެ ދަރިއެއް ނޫން.. ނިއުޝާ އޮޅުވާލައިގެން އުޅެނީ.. އެއީ މަކަރުވެރިި ހީލަތްތެރިއެއް..." ނާޝިދުގެ ވާއަތް ފަޔާޒްގެ ކޮނޑުގައި ޖައްސާލަމުން ނާޝިދު ބުނި ވާހަކައިން މުޅި ތަނަށް ހީވީ ހޮނު ގުގުރިއެއް އެޅިހެންނެވެ. މޫސަ އާއި ރޫމައަށް ހީވީ ދުނިޔެ ހުއްޓުމަކަށް އައި ހެންނެވެ. ފަޔާޒަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. ނިއުޝާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ނިއުޝާގެ ޙަޔާތަށް އައި އުފާވެރިކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔައީއެވެ.

"ނިއުޝާ! ތެދަށް ކިޔާދީ! އެެހެން ނޫނީ އަހަރެން ކިޔާދޭން ވީތަ؟؟" ނާޝިދު ބަލައިލީ ނިއުޝާއަށެވެ. އެހިސާބުން ނިއުޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ނިއުޝާގެ ހަރަކާތްތަކުން ކަމެއް ގޯސްކޮށް ހިނގާކަށް ފަޔާޒަށް ޔަޤީން ކުރެވުނެވެ. ފަޔާޒްގެ މުޅި މޫނުމަތި މިލައި މޯޅި ވެއްޖެއެވެ. ނިއުޝާއަށް ފަޔާޒް ބަލައިލީ ހިތް ފަޅައިގެންދާ ވަރުވެފައި ހުރެގެންނެވެ.

"ނިއު.. ނިއުޝާ.." ފަޔާޒް ގޮސް ހުއްޓުނީ ނިއުޝާގެ ކުރިމަތީގައެވެ. ނިއުޝާ ގެންދިޔައީ ރޮމުންނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ.

"އަޅެ އެންމެ ފަހަރަކު ވެސް އަހަންނަށް ތެދެއް ހަދާލަދީބަލަ! ނާޝިދު އެދެއްކި ވާހަކައިގަ ޙަޤީޤަތެއް ވޭތަ؟ އެއީ އަހަރެންގެ ލެޔެއް ނޫންތަ؟ އަހަރެންގެ ދަރިއެއް ނޫންތަ؟" ފަޔާޒްގެ އަޑު ދިޔައީ ތުރުުތުރު އަޅަމުންނެވެ.

ނިއުޝާ ގިސްލަގިސްލާފައި ރޮނީއެވެ.

"ހެޔޮނުވާނެ! ޖަވާބެއް ބޭނުން.. އެއީ ތެދެއްތަ؟" ފަޔާޒް އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ނިއުޝާ އިސްދަށަށް ޖަަހައިގެން ހުރެ އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯޖަހައިލީ ވަރަށް އުނދަގުލުންނެވެ. އެއާއި އެކު ފަޔާޒްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެން ދިޔައެވެ. ފަޔާޒަށް ހީވީ ހަތަރު ފަރާތުން ދުނިޔެ އައިސް އޭނާ ބައްދާލިހެންނެވެ. ބޮލުގައި އަތް އަޅާލަމުން ފަޔާޒް ތިރިވެލިއެވެ. އަޑުން އަޑު ނަގާ ފަޔާޒް ފެށީ ރޯން ށެވެ. އަންހެނެއް ފަދައިންނެވެ. ނާޝިދު ގޮސް ފަޔާޒްގެ ގާތުގައި އިށީންދެގެން، ފަޔާޒްގެ ގައިގައި ހިފަހައްޓައިގެން އިނެވެ. މޫސައަށް ލިބުން ޝޮކުން އޭނާ ހުރީ ހުއްޓުން އަރާފައެވެ. ރޫމާ މޫސަގެ ގައިގައި ބައްދައިގަނެގެން ހުރެ ރޮނީއެވެ.

"އަހަންނަށް މާފު ކުރޭ!" ގިސްލާ ރޮމުން ނިއުޝާ ވާހަކަދެއްކޭތޯ މަސައްކަތް ކުރަން ފެށިއެެވެ.

"އަހަރެން މީ ފަޔާޒަށް ޙައްޤު މީހެއް ނޫން. އަހަރެން ކަހަލަ ވިޔާނުދާ މީހަކާ ފަޔާޒް އަކާ ނުގުޅޭ.. އަހަރެން އަބަދުވެސް އިސްކުރީ ފަޔާޒް ކުރިމަތީގައި އަމިއްލަ އެދުން.. އަހަރެން ބަނޑުގަ.." ނިއުޝާއަށް ރޮވޭ ވަރުން ވާހަކަ ކުރިއަށް ގެންދަން ވެސް އޭނާއަށް އުނދަގޫވެއެވެ. އަނެއްކާ ވެސް ނިއުޝާ ވާހަކަ ކުރިއަށް ގެންދިޔައެެވެ.

"އަހަރެން ފަޔާއާ ކައިވެނިި ކުރީ އަހަރެން ބަލިވެ އިނީމަ.. ފަޔާ ދެކެ ލޯބިން އެއް ނޫން.. އެކަމު ފަޔާގެ ފަރާތުން ލިބުން ލޯބީގެ ސަބަބުން އަހަރެންނަށް ފަޔާ ދެކެ ލޯބި ވެވުން.. އަހަރެންގެ މައިންބަފައިންގެ އަގު ހިފަހައްޓަން ވެގެން... އަހަރެން އެންމެ ލޯބިވާ މައިންބަފައިންނާ ދެކޮޅަށް އަހަރެން ފަޔާއާ ކައިވެނި ކުރީ... އެދެމީހުންނަށް އަހަރެން ބަލިވެ އިންކަން އެނގުމުން ކުރާނެ އަސަރު އިޙްސާސް ވާތީ.. ފަޔާ.. އަހަރެން ފަޔާ ދެކެ އިންތިހާއަށް ލޯބި ވިން.. އެކަމު އޭރު ފަޔާ އުޅުނީ މަސްތެއްގަ.. އަބަދުވެސް އިސްލާހުވެފަ އެނބުރި ދަނީ އެ މަސްތުގެ ތެރެއަށް.. އެ ހިސާބުން އަހަންނާ ދިމާ ވަނީ މާއިޒް. ސަމާ ގެ މިހާރުގެ ފިރިމީހާއާ.. އަހަރެންގެ ދަރިފުޅުގެ ބައްޕަ އަކީ މާއިޒް.. ސަމާގެ ފިރިމީހާ.." ނިއުޝާ މޫނުމަތީގައި އަތް އަޅާ ކުރިއަށް ވުރެ ބާރަށް ރޯން ފެށިއެވެ. ނިއުޝާގެ ވާހަކައިން ފަޔާޒަށް ކުރި އަސަރުވީ އިިތުރެވެ. މޫސަ އާއި ރޫމާއަށް ލިބުން ކުއްލި ޝޮކުން އެދެމީހުން ތިބީ ހިތް ރޫޅޭ ވަރުވެފައެވެ.

"ހުއްޓާލާ! ހުއްޓާލާ! ދެން ހެޔޮ.. ފުދިއްޖެ! ފުދިއްޖެ! އަހަރެން މުޅިން ބާކީ ވެއްޖެ! އަހަރެން މުޅިން ބާކީ ވެއްޖެ! އަހަރެންގެ ހުރިހާ އުފާތަކެއް ވިއްސި ވިހާލި ވެއްޖެ!" ފަޔާޒް އެހެން ބުނެ ރޮމުން ގެއިން ނުކުންނަން ދުއްވައިގަތެވެ. އެވަގުތަކީ މާލެއަށް ބޯކޮށް ވާރޭ އޮއްސައިގަތް ވަގުތެވެ. ފަޔާޒްގެ ފަހަތުން ނާޝިދު އާއި ހައިކަލް ވެސް އަވަސް ހިނގުމެއްގައި އެގެއިން ނުކުތެވެ.

މޫސަ ލަސް ހިނގުމެއްގައި ހިނގާފައި ގޮސް ހުއްޓުނީ ނިއުޝާގެ ކުރިމަތީގައެވެ.

"ދަރިފުޅު ކީއްވެ ތިވަރު ކަމެއް ސިއްރު ކުރީ.. ބައްޕަމެންނަށްޓަކާ ވިޔަސް، އެހެން މީހެއްގެ ދިރިއުޅުން ތި ހަލާކު ކޮށްލީނު؟ އެހެން ހަދަން ނުވާނެއްނު؟" މޫސަގެ އަޑު ވަނީ ރާޅުވެފައެވެ. އެއްވެސް އޮމާން ކަމެއް އެ އަޑުގައި ނެތެވެ.

"ބައްޕާ! އަހަރެން މުޅިން އެކަނި ވެއްޖެ.. އަހަންނަށް މާފު ކުރޭ! އަހަރެންމީ އެހާ ގޯސް މީހެއް ނޫން ބައްޕާ! އަހަރެން ބޭނުން އިސްލާހު ވާން.. އަހަރެން ބޭނުން ރަނގަޅު މީހަކަށް ވާން.. ބައްޕާ.. އަހަންނަށް މާފު ކުރޭ!" ނިއުޝާ ރޮމުން ދެއްކި ވާހަކައިން މޫސައަށް ވަނީ ބުނެދޭން ނޭނގޭ ފަދަ ހިތާމައެއް ލިބިގެން ގޮސްފައެވެ. މޫސަ މަޑުމަޑުން އޭނާގެ ގަޔާ ނިއުޝާ ގާތް ކޮށްލިއެވެ. އަދި ވަރަށް ބާރަށް ނިއުޝާގެ ގައިގައި ބައްދައިގަތެވެ.

***

ހަފުތާއެއް ފަހެވެ. ނާޝިދުގެ މަސައްކަތުން ފަޔާޒް ހަމައަކަށް އެޅުވޭތޯ ނާޝިދު ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. ވެގެން ދިޔަ ހުރިހާ ގޮތެއް ވަރަށް ތަފުސީލުކޮށް ނާޝިދު ވަނީ ފަޔާޒަށް ކިޔާދީފައެވެ. ނާޝިދު ފަޔާޒަށް ވިސްނާ ދިނީ ފަޔާޒް އަކީ ރޯން އެކަނި ވެގެން އިންނަން ޖެހޭނެ މީހެއް ނޫން ކަމުގައެވެ. އެޔަށްވުރެ ފަޔާޒަށް އުފާވެރިކަން ހައްޤު ކަމަށެވެ. ފަޔާޒްގެ ދިރިއުޅުން ކުރިއަށް އަދި އޮތީ ކަމަށެވެ. މިއީ ފަޔާޒް އިތުރަށް ހިތްވަރު ލައިގެން ކަށިން ހިތްވަރު ދައްކަން ޖެހޭނެ ވަގުތު ކަމުގައެވެ. ނާޝިދު ހީކުރި ވަރާ ބަލާފަ ފަޔާޒްގެ ހިތްވަރު ގަދައެވެ. ދިރިއުޅުމުގައި ކުރީން ވެސް ފަޔާޒް ވަނީ އެ ހިތްވަރު ދައްކާފައެވެ. މިފަހަރު ވެސް ފަޔާޒް ހަމައަކަށް އެޅެން އުނދަގުލެއް ނުވިއެވެ. އެެތެރެ ހަށިން ކިތަންމެ ވޭނެއް އެޅިޔަސް، ބޭރު ފުށުން ފަޔާޒް މަސައްކަތް ކުރަނީ އަބަދުވެސް އޭނާ "އޯކޭ"ކަން ދައްކާށެވެ.

ރިޝްފާގެ މަރުގެ ޝަރީއަތް ނިމެންދެން މާއިޒް އާއި ސަމާ ހުރީ ޖަލު ބަންދުގައެވެ. މާއިޒްގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދިޔައީ އޭނާގެ ދަރީންގެ މަންމަ ޝިފާއެވެ. މާއިޒްގެ ލޯޔަރުގެ ފަރާތުން ވެސް ޝިފާއަށް މައުލޫމާތު ލިބެއެވެ. އެންމެ ފަހުން ޝިފާ ބޭނުންވީ މާއިޒްއާ ދިމާކުރަން ޖަލަށް ދިޔުމަށެވެ. އެ ގޮތަށް އެކަން ޖަލުން ހަމަޖެއްސުމުން ޝިފާ ޖަލަށް ދިޔައެވެ.

"ޝިފާ.." މާއިޒް ބަލައިލީ ޝިފާއަށެވެ. އެތައް ދުވަހަކަށް ފަހު، ޝިފާ ފެނުމުން މާއިޒްގެ މޫނުމަތިން ފެނުނީ ގިލަންވެރިކަމެވެ. އޭނާ މިއަދު ޝިފާ ބީވުމުން ހިތާމަ ކުރާކަން އެމޫނު މަތިން ފެންނަމުން ދިޔައެވެ.

"އަހަރެންގެ ލޯޔަރު ބުނި ޝިފާ ވަރަށް ހެލްޕް ވެއޭ.. އަަހަރެން ޝިފާއާ މެދުގަ ކަންތައް ކުރީ ކިހާ ގޯސްކޮށް.. އަހަރެން ޝިފާއަށް ކިހާ ހިތްދަތިކަމެއް ދިނިން.. އެކަމު މިއަދު ވެސް ޝިފާ ތިހުރީ އަހަރެން ހާލުގަ ޖެހުނީމަ އަހަރެންގެ ގާތުގަ.. އަހަންނަށް މާފު ކުރޭ!" މާއިޒް މަޑުމަޑުން ޝިފާގެ އަތުގައި ހިފާލިއެވެ. ހަމަ އެބާރު މިނުގައި ޝިފާގެ އަތުން މާއިޒްގެ އަތް އޭނާ ފޮޅާލިއެވެ.

"ހެލްޕް ވެއޭ؟ މާއިޒްގެ ގާތުގައޭ؟ ބަލަ މާއިޒް ތިހުރީ މޮޔަވެފަތަ؟ އަހަރެން މާއިޒްއަށް ދުވަހަކު ވެސް.. ދުވަހަކުވެސް... މާފެއް ނުކުރާނަން.. ދުވަހަކުވެސް ދުވަހަކުވެސް އަހަރެންގެ ހިތް މާއިޒަށް ހެވެއް ނުވާނެ.. އަހަރެން މިކަމުގަ މިއުޅެނީ ކަލޭގެ ވިޔާނުދާކަން ވަރަށް ގާތުން އެނގިލަން.. މާއިޒަށް ހެޔޮ އެދިގެނެއް ނޫން މިއުޅެނީ.. ސާފު ވެއްޖެތަ؟ އަހަރެން އެޅި ކަރުނަ.. އަހަރެންގެ ހިތުގާ ޖެއްސި ވަރު.. އަހަރެންގެ ދަރީން ނިކަމެތިކޮށްލި ގޮތް އަހަރެެން ކިހިނެއް ހަދާނެތޭނީ.. ބުނެބަލަ! ތިހާ ޖާހިލު.. ނުލަފާ ޝައިތޯނެއް އަހަރެން ޙަޔާތުގަ ވެސް ނުދެކެން.. އަހަރެން މިތަނަށް މިއައީ ކަލޭއަށް އެއްޗެއް ވިސްނާދޭން.. ކަލޭ ތީ އަހަރެން ދުވަހަކުވެސް ރުހުމުގެ ލޮލަކުން ނުބަލާނެ މީހެއް... އަހަރެންގެ ހިތް އަބަދަށް ކަލެއަށް ހަރާން ވާނެ.. އަހަރެންނަށް ދިން ނިކަމެތިކަމުގެ ބަދަލު މާތްﷲ ކަލެއަށް މިއަދު ތި ދައްކަވަނީ.. އަހަރެން މިއަދު އުފާވޭ! ކަލޭ ކަހަލަ ޖާހިލެއްގެ ކިބައިން ސަލާމަތްވެވުނީމަ.." ހިތަށް އައި ހުރިހާ އެއްޗެއް ކިޔާލުމަށްފަހު މާއިޒްއާ ފުރަގަސް ދީ ޝިފާ އެތަނުން ނުކުންނަށް އަޅަން އެޅި ފުރަތަމަ ފިޔަވަޅުން އޭނާ ހުއްޓުން އެރިއެވެ. ޝިފާގެ ކުރިމަތީގައި ހުރީ ފަޔާޒެވެ. ނާޝިދުގެ އެހީތެރިކަމާ އެކުގައި ޖަލުގައި އެ ތަނަށް ވަދެވޭނެ ގޮތް ފަޔާޒަށް ހަމަޖެއްސީއެވެ.

"ތީ ކާކު؟" ޝިފާ ހައިރާން ވިއެވެ.

"މީ ފަޔާޒް.. މާއިޒަށް އެނގޭ ދޯ؟" ފަޔާޒްގެ ސުވާލާ އެކުގައި ޝިފާ ފަހަތަށް އެނބުރި ބަލައިލީ މާއިޒަށެވެ.

"އަހަރެން މިތަނަށް މިއައީ ތި ދެމީހުންނަށް ޚަބަރެއް ދޭން.. ޝިފާ ތީ މާއިޒްގެ ކުރީގެ އަންހެނުން ވީމަ.. ޝިފާއަށް ވެސް މިކަން އެނގެން އެބަ ޖެހޭ.." ފަޔާޒް ފުން ނޭވާއެއް ލިއެވެ.

"މާއިޒް.. އަހަރެން ނިއުޝާ ވަރިކޮށްލައިފިން.. ތެދަށް ބުނަންޏާ އަހަރެންނާ ނިއުޝާ މެދުގަ ކުރެވިފައިވަނީ ކައިވެންޏެއް ވެސް ނޫން.. ޙަލާލު ކައިވެންޏެއް ނޫން.. ނިއުޝާ އަހަންނާ ކައިވެނި ކުރީ މާއިޒްގެ ދަރިއަކަށް ބަލިވެ އިނދެގެން.. އެއީ ޝިފާއާ ކައިވެނިކޮށްގެން ހުރެ ވީކަމެއް.." މާއިޒްގެ ވާހަކައިން ޝިފާއަށް ރުޅިވެރި ގޮތަކަށް ބަލައިލެވުނީ މާއިޒަށެވެ. މާއިޒަށް ލިބުނީ ހައިރާން ކަމެކެވެ. ބުނާނެ އެއްޗެއް ނޭނގި އޭނަ އަނގަ ބަންދުވިއެވެ.

"އެވާހަކަ އަންގާލަން ބޭނުންވީ.." ފަޔާޒްގެ ވާހަކަ އިވިފައި އައި ރުޅިން ޝިފާ އެތަނުން ނުކުތީ ހަރުކޮށް ހިނގާފައެވެ. ފަޔާޒް ވެސް ޝިފާގެ ފަހަތުން ހިނގައިގަތެވެ. އެދެމީހުން އެތަނުން ނުކުމެ ވަކިން ބައްދަލުކޮށް ފަޔާޒް ހުރިހާ ވާހަކައެއް ޝިފާއަށް ކިޔާދިނެވެ.

***

ދުވަސްތައް ފައްވަމުން ދެއެވެ. ދުވަހަކަށް ފަހު ދުވަހެކެވެ. ނިއުޝާ އޭނާގެ ދިރިއުޅުން ބަދަލު ކުރީ އޭނާގެ ބައްޕަގެ ގެއަށެވެ. ނިއުޝާއަށް އޭނާގެ ބައްޕަ އާއީ ރޫމާގެ ފުރިހަމަ އެހީތެރިކަން ލިބެއެެވެ. ކުރެވުނު ކުށްފާފައިން ތަޢުބާވެ ނިއުޝާ މިހާރު އޭނާގެ އުޅުން ވަރަށް ބޮޑަށް އިސްލާހު ކޮށްފައެވެ. ނިއުޝާގެ ދަރިފުޅަށް ފުރިހަމަ ލޯބި ދީގެން އެއީ ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުވާނެ ދަރިއަކަށް ހެދުން އެއީ ނިއުޝާގެ އެންމެ ބޮޑު ލަޑުދަނޑިއެވެ. ނިއުޝާ އިސްލާހުވެ، ހެދުން އެޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ދީނީ ކަންކަމަށް ފަރުވާތެރިވެ، މާތްﷲއަށް ކުށްތަންވެ، އެކަލާނގެއަށް ތަބާވާ ފުރިހަމަ ސޯލިހު އަންހެކަނަށް ނިއުޝާ ވުމަށް އޭނާ ގެންދިޔައީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ކޮންމެވެސް ދުވަހަކުން ފަޔާޒްގެ މާފު ލިބޭނެ ކަމުގައި ނިއުޝާ އުއްމީދު ކުރެއެވެ.

މާއިޒްގެ މައްޗަށް ރިޝްފާ މަރާލި ކަމުގެ ދަޢުވާ ސާބިތުވެ އޭނާއަށް މުޅި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. ސަމާ ރާވައިގެން ހިންގި ހުރިހާ ކަމެއް އޭނާގެ މައްޗަށް ސާބިތުވީ ސަމާގެ އަމިއްލަ އިއުތިރާފުންނެެވެ. އަދި އެކަމުގައި ބައިވެރި މީހުންނަށް ހައްޤު އަދަބު ލިބިގެން ދިޔައެވެ. ސަމާއަށް އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ދިރިއުޅުމުގެ ޒުވާން ދުވަސްތައް ޖަލުގެ ތޭރިތަކުގެ ތަކުގެ ތެރޭގައި ހޭދަކޮށްލަން ސަމާއަށް ޖެހުނީއެވެ. މައްސަލަ ތަހުޤީޤީ މަރުހަލާގެ ތެރޭގައި މާއިޒް ވަނީ ސަމާ ވަރިކޮށްފައެވެ. ސަމާ އެންމެ ދެރަ ވަނީ އޭނާގެ މަންމަ އަށް ކުރާނެ އަސަރު ހިތަށް އަރާފައެވެ. އެފަކީރުގެ މައިލަގޮނޑިއަށް ކެތްވާނެ ބާއޭ އަބަދުވެސް ސަމާގެ ހިތަށް އަރައެވެ. އެ ޚިޔާލުތަކުގައި 15 އަހަރު ސަމާއަށް ދުނިޔޭގައި އުޅެވޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ސަމާއަކަށް ނެތެވެ.

*****************

1 އަހަރު ފަހެވެ.

ފަޔާޒް އޭނާގެ ގެއަށް އައިސް ވަތް އިރު މުޅި ގޭތެެރެއިން ފެންނަނީ ކަޅު އަނދިރި ކަމެވެ. އެއްވެސް އަލިކަމެއް ގޭތެރޭގައި ނެތެވެ.

"ލަވް... ލަވް.." ފަޔާޒް މަޑުމަޑުން އެހެން ގޮވަމުން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ގޭތެރެ އަލިވެގެން ދިޔައެވެ.

"ސަޕްރައިޒް.." ފަޔާޒަށް ދެލޯ ބޮޑުކޮށްލެވުމާއި އެކުގައި އުފަލުން ހޭން ފެށުނެވެ. ފަޔާޒްގެ ކުރިމަތީގައި ކޭކެ ހިފައިގެން އޭނާގެ އަންހެނުން ހުއްޓެވެ. ކޭކުގައި ލިޔެފައި ވަނީ " ހެލޯ ބައްޕީ" މިހެންނެވެ.

"އަހަރެން ބައްޕަ އަކަށް ވަނީތަ؟" ފަޔާޒަށް ލިބުން އުފަލެއްގެ ސަބަބުން އޭނާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ.

"ޔެސް ޔެސް.." ފަޔާޒްގެ އަންހެނުން ހެވި ދިލިފައި ހުރެ އޭނާގެ އަތުގައި އޮތް ޓެސްޓް ކިޓް ދައްކާލިއެވެ.

"އަލްހަމްދުލިﷲ" ފަޔާޒް އުފަލުން ގޮސް އެނާގެ އަންހެނުން ކަމަށްވާ ޝިފާ އުރާލިއެވެ.

****

ޝިފާ އާއި ފަޔާޒް ޖަލުން ދިމާވުން ވެގެން ދިޔައީ އެމީހުންގެ ޙަޔާތުގައި ގެއްލިގެން ގޮސްފައިވާ "ލޯބި" އަލުން އުފަންވެގެން ދިޔަ ކަމަކަށެވެ. ދެމީހުން ވެސް އެމީހުންގެ ހަޔާތުގެ ބައިވެރިޔާ ދެކެ ވީ އިންތިހާއަށް ލޯތްބެވެ. ނަމަވެސް ބަދަލުގައި ލިބުނީ އިންތިހާއަށް އަނިޔާއެވެ. އިންތިހާއަށް ލޯބި ވެގެން ލޯބީގައި ބަދުނަސީދުވި ޝިފާ އާއި ފަޔާޒްގެ ދިރިއުޅުން މިއަދު ވަރަށް އުޖާލާއެވެ. ދެމީހުން ވެސް ދެމީހުން ދެކެ ވަނީ ތެދުވެރި ސާފު ލޯތްބެކެވެ. އެ ލޯބީގައި މަކަރާއި ޙީލަތެއް ނެތެވެ. އެއީ އިންތިހާއަށް ވެވޭ ލޯބީގެ މާތް މަތިވެރި ނަމޫނާއެކެވެ. 

ނިމުނީ

ކޮމެންޓް

2
450
ކައިލް
3 months ago

ވަރަށް ވަރަށް ރީތި ވާހަކައެއް

ސަމާ
3 months ago

ނިމުނީމަ ވަރަށް ސޭޑް. ދެން ނެތް ތަ އެހެން ވާހަކައެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.