މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން އެއްބަސްވެއްޖެ

މިއަދުގެ ބައްދަލްވުމުގައި އިންޑިއާ އެއްބަސްވީ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ދެ ބުރެއްގެ މަތީން ރާއްޖެއިން ގެންދިއުމަށެވެ. ފުރަތަމަ ޓީމު މާޗް މަހުގެ 10 ގައި އަދި މެއި 10ގެ ކުރީން ދެން ތިބި ސިފައިން ގެންގޮސް ނިންމާށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރިއަށް އޮތް މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމަން އިންޑިއާ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ. 

ފޮރިން މިނިސްޓްރީން މިކަން ހާމަކުރީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުންނާ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ފަށާފައިވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލްވުމުގައި އެއްބަސް ވެވުނު ކަންކަމުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

މިއަދުގެ ބައްދަލްވުމުގައި އިންޑިއާ އެއްބަސްވީ ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ދެ ބުރެއްގެ މަތީން ރާއްޖެއިން ގެންދިއުމަށެވެ. އެއީ ރާއްޖޭގެ ތިން ސަރަހައްދެއް ގައި ގާއިމުވެ ތިބި ސިފައިންނެވެ. އިންޑިއާ ސިފައިން ތިބީ އުތުރުން ހަނިމާދޫގަ އާއި ދެކުނުން ލ އަތޮޅު ގައި އަދި މާލެ ސަރަހައްދު ގައި އުތުރުތިލަފަޅު ގައި ކަމަށް ބުނެ އެވެ.

އެގޮތުން ދެ ސަރަހައްދެއް ގައި ތިބި ސިފައިންގެ ފުރަތަމަ ޓީމު މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެންގޮސް ނިންމަން އިންޑިއާ އެއްބަސްވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އޭގެ ދެ މަސް ދުވަސް ފަހުން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދެން ތިބި ސިފައިން ގެންގޮސް ނިންމާން އެއްބަސް ވެފައިވާ ކަމަށެވެ.

އިންޑިއާ ބަޔާނުގައި އޮތީ ހެލްކޮޕްޓަރު އޮޕަރޭޝަންގެ ވާހަކަ

ކުރިއަށް އޮތް މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމަން އިންޑިއާ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް މިއަދުގެ ބައްދަލްވުމު ގައި އެފަދަ ކަމަކަށް އެއްބަސް ވެފައިވާ ކަމެއް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބަޔާން ނެރުމުގެ ކުރީން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ވަނީ ބައްދަލްވުމުގައި ކުރެވުނު މަޝްވަރާތަކާއި ވެވުނު އެއްބަސްވުންތަކާއި ނިންމުންތަކުގެ މައުލޫމާތު ހާމަކޮށް ބަޔާނެއް ނެރެފައެވެ.

މައިގަނޑު ގޮތެއް ގައި އޮތީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖެ-އިންޑިއާ އެއްބަސްވެއްޖެ ކަމަށެވެ.

ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާ ސިފައިން ނުތިބުމަށެވެ. އެ ދެ އުޅަނދުގެ އޮޕަރޭޝަނަށް އިންޑިއާގެ ފަންހާހެއްހާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެ އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރެއް

ދިވެހި ސަރުކާރުން މީގެ ކުރީން ވެސް ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށް ވަރަށް ސާފުކޮށް އަންގާފައެވެ. އަދި މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި 88 ސިފައިން ބާލާ ނިންމަން އިންޑިއާ ސަރުކާރަށް ހުށައަޅާފައެވެ.

ނަމަވެސް އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް މިއަދު ކުރި ކަމަކަށް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެ ގައުމުން ބުނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި މިހާރު ހިނގަމުންދާ މަޝްރޫއުތައް އަވަސް ކުރުމަށް ރާއްޖެ-އިންޑިއާ އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހައި ލެވެލް ކޯ ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން މާލޭ ގައި ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށާ އެ ބައްދަލްވުން ދެ ގައުމުގެ ވެރީންނަށް ފަސޭހަ ވަގުތެއް ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޮޑަށް ހާމަ ކުރަނީ އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅޭ މައުލޫމާތެވެ. ނަމަވެސް އިންޑިއާ އިން އެ ވާހަކަ އެއްގޮތަކަށް ވެސް ފާހަގަ އެއް ނުކުރެ އެވެ. ފުރަތަމަ ބައްދަލްވުމާއި ގުޅޭގޮތުން ދެ ގައުމުން ހާމަކުރީ ތަފާތު މައުލޫމާތުތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.