އިންޑިއާ ހެލްކޮޕްޓަރުގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ރާއްޖެ-އިންޑިއާ އެއްބަސްވެއްޖެ

ރާއްޖެއިން ބޮޑަށް ހާމަ ކުރަނީ އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅޭ މައުލޫމާތެވެ. ނަމަވެސް އިންޑިއާ އިން އެ ވާހަކަ އެއްގޮތަކަށް ވެސް ފާހަގަ އެއް ނުކުރެ އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރެއް

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖެ-އިންޑިއާ އެއްބަސްވެއްޖެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުންނާ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ފަށާފައިވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލްވުން މިއަދު ވަނީ ބާއްވާފައެވެ. އެ ބައްދަލްވުމުގައި ކުރެވުނު މަޝްވަރާތަކާއި ވެވުނު އެއްބަސްވުންތަކާއި ނިންމުންތަކުގެ މައުލޫމާތު ހާމަ ކުރަމުން އިންޑިއާ ސަރުކާރުން ބުނީ ރާއްޖޭގައި މެޑްވެކް ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖެ-އިންޑިއާ އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާ ސިފައިން ނުތިބުމަށެވެ. އެ ދެ އުޅަނދުގެ އޮޕަރޭޝަނަށް އިންޑިއާގެ ފަންހާހެއްހާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެ އެވެ. އެ ސިފައިންގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 88 އަށް އަރާ ކަމަށް ސަރުކާރުން ބުނެ އެވެ.

ދިވެހި ސަރުކާރުން މީގެ ކުރީން ވެސް ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށް ވަރަށް ސާފުކޮށް އަންގާފައެވެ. އަދި މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި 88 ސިފައިން ބާލާ ނިންމަން އިންޑިއާ ސަރުކާރަށް ހުށައަޅާފައެވެ.

ނަމަވެސް އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް މިއަދު ކުރި ކަމަކަށް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެ ގައުމުން ބުނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި މިހާރު ހިނގަމުންދާ މަޝްރޫއުތައް އަވަސް ކުރުމަށް ރާއްޖެ-އިންޑިއާ އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހައި ލެވެލް ކޯ ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން މާލޭ ގައި ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށާ އެ ބައްދަލްވުން ދެ ގައުމުގެ ވެރީންނަށް ފަސޭހަ ވަގުތެއް ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއަދުގެ ބައްދަލްވުމާއި ގުޅޭ މައުލޫމާތު އިންޑިއާ އިން ހާމަކޮށްފައިވާއިރު ދިވެހި ސަރުކާރުން -- ފޮރިން މިނިސްޓްރީން އަދި އެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ފުރަތަމަ ބައްދަލްވުމު ގައިވެސް ދެ ގައުމުން ހާމަކުރީ ތަފާތު މައުލޫމާތުތަކެވެ.

ރާއްޖެއިން ބޮޑަށް ހާމަ ކުރަނީ އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅޭ މައުލޫމާތެވެ. ނަމަވެސް އިންޑިއާ އިން އެ ވާހަކަ އެއްގޮތަކަށް ވެސް ފާހަގަ އެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.