އެމްޓީސީސީއަށް އޮބި ނޯވެ، 201 މަޝްރޫއު | ތިން ބިލިއަން ނުދީ

އެމްޓީސީސީގެ ސާފު ފައިދާ ވަނީ ހަތަރު ވަނަ ކުއާޓަރުގައި 16 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާއަށް 50 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ނިޔަލަށް 201 މަޝްރޫއު ހަވާލު ކުރިނަމަ ވެސް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދައްކާ ބޮޑު އަދަދެއް އޮތުމުން އެ ކުންފުންޏަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

މިދިޔަ ސަރުކާރު ގައި އޮބި ނޯންނަ ވަރަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 769 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީ އަށް ލިބިފައިވަނީ 782 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ސާފު ފައިދާ މަތިވަމުން ދިޔަ ކަމަށް ދެއްކި އެވެ. ތިންވަނަ ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ސާފު ފައިދާއަށް 50.94 މިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު މި އަހަރުގެ ފަހު ކުއާޓަރުގައި މިއަދަދު ވަނީ 16 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. 

އެމްޓީސީސީގެ މާލީ އުސް އަލިތައް (2023 )

  •  ޖުމްލަ އާމްދަނީ : ތިންވަނަ ކުއާޓަރު 979.33 \ ހަތަރުވަނަ ކުއާޓަރު 782.82
  •  ހިންގުމުގެ ފައިދާ : ތިންވަނަ ކުއާޓަރު 103.74 | ހަތަރުވަނަ ކުއާޓަރު 43.23
  •  ސާފު ފައިދާ : ތިންވަނަ ކުއާޓަރު 50.94 | ހަތަރުވަނަ ކުއާޓަރު 15.66
  •  ހިއްސާއަކަށް ޖެހުނު އަދަދު : ތިންވަނަ ކުއާޓަރު 5.39ރ. | ހަތަރުވަނަ ކުއާޓަރު 1.66ރ.

އެމްޓީސީސީން މިދިޔަ އަހަރުގެ ނިޔަލަށް 201 މަޝްރޫއެއް ހިންގަމުން ގޮސްފައިވެ އެވެ. ހުރިހާ މަޝްރޫއުތަކަކީ ވެސް ސަރުކާރުގެ މަޝްރޫއު ތަކެވެ. މީގެތެރޭން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ނިންމާފައިވަނީ ހަތަރު މަޝްރޫއެކެވެ. މި މަޝްރޫއުތަކުގެ ޖުލްލަ އަގަކީ 150 މިލިއަން ރުފިޔާ އެވެ. މި ކުއާޓަރުގައި އެކަނި 83 މިލިއަން ރުފިޔާގެ ތިން މަޝްރޫއެއް ހަވާލުކޮށްފައިވެ އެވެ. 

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރުން ވަނީ 117 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދީފަ އެވެ. މި ފައިސާއަކީ އާރުޓީއެލް ހިދުމަތުގެ އަގަށް ސަރުކާރުން ދޭ ފައިސާ އެވެ. 

އެމްޓީސީސީގެ ބައެއް މަޝްރޫއުތައް

  •  ބިން ހިއްކުން - 31 މަޝްރޫއު
  •  ގޮނޑުދޮއް ހިމާޔަތް ކުރުން - 38 މަޝްރޫއު
  •  ބަނދަރު ހެދުން - 80 މަަޝްރޫއު
  •  އިމާރާތް ކުރުން - 16 މަޝްރޫއު
  •  އެއާޕޯޓް އެޅުން - 16 މަޝްރޫއު
  •  މަގު ހެދުން - އަށް މަޝްރޫއު
  •  ބްރިޖާއި ކޯޒްވޭ - ހަތް މަޝްރޫއު
  •  ޕޯޓް ހެދުން - ތިން މަޝްރޫއު
  •  ޖެޓީ ހެދުން - ދެ މަޝްރޫއު

8 ބިލިއަންގެ ޕީއެސްއައިޕީ ބަޖެޓުން ކުރީ ކީއް ؟ ރިޔާސީ އިންތިހާބުގެ ކެމްޕޭން އޮތް މިދިޔަ އަހަރުގެ ޕީއެސްއައިޕީއަށް އަށް ބިލިއަން ރުފިޔާގެ ބަޖެޓެއް އޭރުގެ ސަރުކާރުން ބަޖެޓު ކުރި އެވެ. އަދި އަހަރު ނިމުނުއިރު މީގެ ބޮޑުބައި ހަރަދުކޮށްފައިވެ އެވެ. ނަމަވެސް ގިނަ ކުންފުނިތަކުން ކުރި މަސައްކަތްތަކަށް އަދި ޕްރައިވެޓް ސެކްޓާއަށްވެސް ގިނަ އަދަދެއްގެ ފައިސާ އޮތީ ނުދީ އެވެ. އެމްޓީސިސީ އަށް ވެސް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ނުދީ އެބަ އޮތެވެ. މީގެ ސަބަބުން ފަސް ބިލިއަން ރުފިޔާގެ އެސެޓް އޮތް މި ކުންފުނި ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެންވެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މި ބިލްތަކަށް ފައިސާ ދައްކައި އަދި މަޝްރޫއުވެސް ހިންގަން ޖެހޭނެ އެވެ. 

ކޮމެންޓް

1
450
ދަރާ
3 months ago

އެކަމުވެސް މާލެސިޓީގެ މޭޔަރަކަށް ތިޔާހުރިހާ ކޮރޮޕްޝަންއެއްް ހިންގިމީހާ ހޮވާފައެއްނު ތިޔާހުރީ. ދެން މާލޭސިޓީ ކުރިޔަށްވުރެ ޙާލަތުގޯސްވާ ނެ. ބަލަންތިބޭ. ތިޔާއެމްޑީޕީގެ __ ވެރިކަން މި ގައުމުން ފިލުވަން ވެއްޖެއްނު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.