ނަޝީދު ދިފާއު ކުރެއްވީ އިންޑިއާ، "މޯދީއަށް ހިތުހުރި އެއްޗެއް ގޮވީމަ އަދި މާގިނަ ގޮތް ވާނެ"

"ނުފޯރާ ފޮތިން ފޫގުޅަން އުޅުނީމަ ފެންނާނީ އޮރިޔާން. އިންޑިއާ ކަނޑަށް ޗައިނާގެ ސްޕައި ބޯޓްތައް ގެނެސް އިންޑިއާގެ ޕީއެމް އަށް ހިތުހުރި އެއްޗެއް ގޮވީމަ އަދި މާގިނަ ގޮތްގޮތް ވާނެ،"

ރައީސް މުހައްމަދު ނަޝީދު: އަބަދުވެސް އިންޑިއާގެ ދިފާއު ގައި ވާހަކަ ދައްކަވާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހިތުހުރި އެއްޗެއް ގޮވާިމަ އަދި މާގިނަ ގޮތް ވާނެ ކަމަށް ވިދާޅުވެ ދިވެހި މަސްދޯނި ތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާ ގައި އިންޑިއާގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާގެ ދެ މަނަވަރެއް ގައި ތިބި ސިފައިންގެ ބަޔަކު އަރާ މަސްވެެރީންނާއި ސުވާލުކޮށް އެ ދޯނި ތަކުގައި ގެންގުޅޭ ސެޓެލައިޓް ފޯނުގެ ނަންބަރާއި ގުޅޭގޮތުން ވަނީ ސުވާލު ކޮށްފައެވެ. ބައެއް ދޯނިތަކުގައި އިންޑިއާ ސިފައިން ވަނީ ދެ ގަޑިއެއްހާއިރު ހޭދަކޮށްފައެވެ.

އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތެވެ. އެކްސް ގައި އާންމުންގެ މީހަކު ވަނީ "އިންޑިއާ ވިޔަސް ތިބެން ޖެހޭނީ ލިމިޓެއް" ގައި ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އަދި ދިވެހީންގެ ގައުމާ ދިވެހީންނާއި ކުޅެން އުޅުން ރަނގަޅު ނުވާނެ ކަމަށް އެ މީހާ ބުނެފައިވެއެވެ.

އެ ޕޯސްޓަށް ނަޝީދު ވަނީ ކޮމެންޓެއް ކުރައްވާފައެވެ. ފިއްލަވައިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަކޮށް ނަޝީދު ގެންގުޅުއްވާ "އަނެއް ދިވެހިރާއްޖެ" އެކައުންޓުން ކުރެއްވި ޓްވީޓެއް ގައި އިންޑިއާ ދިފާއު ކުރައްވާ ނަޝީދު ވަނީ "ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ އޮރިޔާން" ކަމަށް ވިދާޅުވެފައެވެ. 

ނަޝީދު އެ އިޝާރާތް ކުރައްވަނީ އިންޑިއާ އިން އެދޭ ހުރިހާ ކަމަކަށް ރައީސް މުއިއްޒު އާނބަަސް ވިދާޅުނުވާތީ އެކަމަށެވެ. ނަޝީދު ކުރީން ނިސްބަތްވި އެމްޑީޕީގެ ވެރިކަމުގައި އިންޑިއާ އެދޭހާ ގޮތަކަށް ދިޔައީ ކަންކަން ކުރަމުންނެވެ. ނަޝީދަކީ އަބަދުވެސް އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވާ އެ ގައުމު ދިފާއު ކުރައްވަން ދިވެހީންގެ އެެހެން އެކުވެރި ގައުމުތަކާއި ދެކޮޅަށް -- ހާއްސަކޮށް ޗައިނާއާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެއްވެސް އަސާސެއް ނެތް ދޮގު އެތައް ވާހަކަތަކެއް ވެސް މީގެ ކުރީން ދައްކަވާފައިވެ އެވެ.

ނަޝީދު މި ފަހަރު ވެސް ވަނީ ޗައިނާއަށް ބަހުގެ ހަމަލާ ދެއްވާފައެވެ. ވިދާޅުވީ އިންޑިއާ ކަނޑަށް ޗައިނާގެ ޖާސޫސީ ބޯޓް ފަހަރު ގެނެސް އިންޑިއާގެ ބޮޑުވަޒީރަށް ހިތުހުރި އެއްޗެއް ގޮވީމަ އަދި މާ ގިނަ ގޮތްގޮތް ވާނެ ކަމަށެވެ. 

އިންޑިއާ ސިފައިން ދިވެހި މަސްދޯނިތަކަކަށް އަރާ ސުވާލުކޮށް ބަލާ ފާސްކޮށްފައި ވަނީ ދިވެހީންނަށް ހެދުނު ގޯސްތަކެއްގެ ނަތީޖާ އެއްގެ ގޮތުން ކަމަށް ދޭހަވާ މޭރުމުން ނަޝީދު ވަނީ ރަނގަޅަށް ވިސްނެވުމަށް އެދިވަޑައިގެންފައެވެ.

"ނުފޯރާ ފޮތިން ފޫގުޅަން އުޅުނީމަ ފެންނާނީ އޮރިޔާން. އިންޑިއާ ކަނޑަށް ޗައިނާގެ ސްޕައި [ޖާސޫސު ކުރާ] ބޯޓްތައް ގެނެސް އިންޑިއާގެ ޕީއެމް [ބޮޑުވަޒީރު މޯދީ] އަށް ހިތުހުރި އެއްޗެއް ގޮވީމަ އަދި މާގިނަ ގޮތްގޮތް ވާނެ،" އިންޑިއާ އިން ކުރިއަށް އޮތްތާ އިތުރު ކަންކަން ދިވެހީންނަށް ކުރިމަތިވާނެ ކަމުގެ އިންޒާރަކަށް ފުދޭ މޭރުމުން ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން އެރި އެއް ދޯނި

އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނައީ ބޮޑުކަންނެލި މަސްވެެެރީންގެ ޔޫނިއަނުންނެވެ.

އެ ޔޫނިއަން އިން ބުނީ އުތުރުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާގެ ދެ ކޯސްޓްގާޑެއް ކައިރިކޮށް ސިފައިން އަރާފައިވާ ކަމަށާ އަދި ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އިންޑިއާ ސިފައިން އިއްޔެ އެރި ކަމަށް ބޮޑުކަންނެލި މަސްވެެެރީންގެ ޔޫނިއަން އިން ބުނާ ތިން ދޯންޏަކީ؛

  •  އަސުރުމާ-ތިނެއް
  •  ބިރު-ހަތެއް
  •  މާހޯރަ-ތިނެއް

ދޯނިތަކުގެ ކޮޅުންނާއި ހަވާލާދީ އެ ޔޫނިއަނުން އިން އިތުރަށް ބުނީ ދޯނިތަކާއި ކައިރި ކުރީ އިންޑިއާގެ މަނަވަރުތަކުން ކަމަށެވެ. އަދި އޭގެ ކުރީން އެ ދޯނިތައް އޮތް ސަރަހައްދަށް ޑްރޯނެއް ފޮނުވި ކަމަށެވެ. ބައެއް ދޯނިތަކަށް އަރާ ދެ ގަޑިއެއްހާއިރު ހޭދަ ކުރި ކަމަށާ މައިގަނޑުކޮށް ސުވާލު ކުރީ ދޯނިތަކުގައި ގެންގުޅޭ ސެޓެލައިޓް ފޯނުގެ ނަންބަރާއި ގުޅޭގޮތުން ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާ ސިފައިން ފޭބީ ދޯނިތަކުގައި ތިބި އެންމެންގެ ފޯނުތަކުން އެ މީހުންނާއި ގުޅޭ ހުރިހާ ފޮޓޯއަކާއި އެހެނިހެން ހެއްކެއް ވެސް ނައްތާލުމަށް ފަހު އެވެ.

މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ މައުލޫމާތު ފެތުރި އާންމުންނާއި މަސްވެެރީން ކަންބޮޑުވުން ފާޅު ކުރަން ފެށުމުން ސިފައިން ބުނީ އެފަދަ ހާދިސާއެެއްގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި އެ ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ދަތުރު ކުރަމުންދާ ކަމަށެވެ. އެ މައުލޫމާތު ދިނީ އިއްޔެ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އޭގެ ފަހުން އެ ހާދިސާގެ އެއްވެސް މައުލޫމާތެއް ނުދީ ތިބުމަށް ފަހު ރޭ 11:15 ހާއިރު ބުނީ އެ ސަރަހައްދަށް ދިޔަ ކޯސްޓްގާޑުގެ އުޅަނދު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަސްދޯނި ފަހަރު މަސްވެރި ކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.