"ސިޔާސީ ގޮތުން ބަދަލު ހިފަން ރައީސް އަޒުލު ކުރުން ބަލައެއް ނުގަނެވޭ"

ގާސިމް ވިދާޅުވީ އަމުދުން ދައުރެއް ނިމެމުންދާ މަޖިލީހެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއްވެސް ހުރެގެން ކަމަށެވެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އެމްޑީޕީން ރައީސް އަޒުލުކުރަން އުޅުން ވަނީ ކުށްވެރި ކުރައްވާފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ގާނޫނުއަސާސީ އާއި މަގާމުގެ ޝަރުތުތަކާ ހިލާފު ނުވާހާ ހިނދަކު އަޒުލު ކުރުން ނުވަތަ އަޒުލުކުރަން ހުށަހެޅުން ބަލައި ނުގަނެވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިލް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިއަދު އެކްސްގައި ލިޔުއްވާފައިވާ ގޮތުން ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފައި ވަނީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ބޮޑު އަގުލަބިއްޔަތަކުންނެވެ. ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ނިޔަތުގައި އެމަނިކުފާނު އަޒުކުރަން މަސައްކަތް ކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވި އެވެ.

"އެމަނިކުފާނު ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީވެސް ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެ،" ގާސިމް ލިޔުއްވާފައިވެ އެވެ.

ގާސިމް ވިދާޅުވީ އަމުދުން ދައުރެއް ނިމެމުންދާ މަޖިލީހެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ވެސް ހުރެގެން ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުސޫލުތަކާއި ވެސް މުޅީން ހިލާފު އަމަލެއް. މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތި ކަމެއް،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓްނަރު، ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން، ގާސިމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުން ތިން ވަޒީރުންނަށް ރުހުން ނުދިން މައްސަލަ ވެސް ކުށްވެރިކޮށްފަ އެވެ. އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަނުކުރެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުވާ ލައި ދެއްވުމަކީ، ގާނޫނީ ހުކޫމަތު ދަމަހައްޓައި، އަދުލުއިންސާފު ގާއިމުކޮށް، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމްޑީޕީގައި އޮތަތީ، އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ގަވާއިދުގެ އިމުން ބޭރުން އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށް. އަދި އެއީ މުޅި ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައާއި ނުހަނު ބޮޑު ނިކަމެތި ކަމެއްކަމެއްކަމުގައި މެނުވީ ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.