އެލައިޑަށް އޮނަސާޅީސް | ރާއްޖޭން ޑޮލަރު ބޭރުވިޔަ ނުދޭން ފެށި ދަތުރެއް

އެލައިޑު އުފަންވީ ބޭރު ކުންފުންޏަކާއެކުގަ އެވެ. އެކަމަކު ފަހުން އެ ކުންފުނީގެ ހިއްސާ ވިއްކާލައި 100 ޕަސެންޓް ދިވެހި ކުންފުންޏަށް އެލައިޑްވި އެވެ.

އެލައިޑަށް 39 އަހަރު ފުރުމުގެ ގޮތުން އެނުވާސަރީ ކޭކެއް ފަޅަނީ : މި ކުންފުނި އުފެދިގެން އައީ ރާއްޖޭން ބޭރުވާ ޑޮލަރު މަދުކުރުމުގެ މަގުސަދުގައި -- އެލައިޑް

ދުވަސްވަރަކީ 1980 އިގެ އަހަރުތަކުގެ މެދުތެރެ އެވެ. އޭރު އެސްޓީއޯ ހިންގަވަން ހުންނެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދުވަސްވަރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި އިލްޔާސް އިބްރާހިމެވެ. އެ ދުވަސްވަރު ރާއްޖޭން ބޭރުކުރާ މަހާއި އެތެރެކުރާ މުދަލަކަށް އިންޝުއަރެންސުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ބޭރަށް ދައްކަން ޖެހެ އެވެ. އެހެންވެ އެމްޑީ އިލްޔާސް ނިންމެވީ މިކަމަށް ހައްލެއް ހޯދާށެވެ. މިއީ މިހާރު ވެސް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ގެންދާ އެލައިޑް އިންޝުއަރެންސް ކުންފުނި ވުޖޫދުވެގެން އައުމުގެ ފެށުމެވެ. 

އެލައިޑުގެ ނަމުގައި ރާއްޖޭގައި އިންޝުއަރެންސް ކުންފުންޏެއް އުފަންވީ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކުންފުނީގެ 51 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ 49 ޕަސެންޓު ހިއްސާ އޮވެގެންނެވެ. އެލައިޑް އިންޝުއަރެންސް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 30، ޖެނުއަރީ 1985 ވަނަ އަހަރު އެވެ. 

މިއަދަކީ މި ކުންފުނި އުފެދުނުތާ 39 އަހަރު ނުވަތަ އޮނަ ސާޅީސް ފުރޭ އުފަން ދުވަހެވެ. 

"އެމްވީކޭ ޝަފީގުމެން [އިބްރާހިމް ޝަފީގު] މެން ހިޔާލު ދެއްވީ އިންޝުއަރެންސުގައި އެސްޓީއޯ އިން އަމިއްލަ ކަމެއް ކުރަން. އެހެންވެ އެސްޓީއޯ އިން އެލައިޑް އުފެއްދީ،" އެސްޓީއޯ އޭރުގެ އެމްޑީ އިލްޔާސް އިބްރާހިމް އެސްޓީއޯގެ ފޮތަށް ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ. 

ބޭރުގެ ހިއްސާ ދޫކޮށްލި ގޮތް - އެ ދުވަސްވަރު އެލައިޑުގެ ކަންތައް ވަމުން ދިޔައީ ރާއްޖެއަށް ފައިދާ ހުރި ގޮތަކަށް ނޫނެވެ. އެލައިޑްގައި އިންޝުއަ ކުރާ ހުރިހާ މުދަލެއް ސިންގަޕޫރުގައި ހުންނަ ކޮމާޝަލް ޔޫނިއަންގައި އަނެއްކާ ވެސް ރީއިންޝުއަރެންސް ކުރަން ޖެހެ އެވެ.

މިހެންވީ ސީޔޫގެ ފަރާތުން އެ އިންޝުއަރެންސްތައް ޖަރުމަރުގެ ޔޫނިއަން ރީއިންޝުއަރެންސަށް ވިއްކާލުމުންނެވެ. މި ކަހަލަ ގޮތަކަށް ކަންތައްވަމުން ދަނިކޮށް ސީޔޫއިން ބޭނުންވީ ރާއްޖޭގައި ކުރާ ވިޔަފާރިން މެނޭޖުމަންޓް ފީއެއް ނަގާށެވެ. އެކަމަކު އެ ހުށަހެޅުން އޭރު ޓްރޭޑް މިނިސްޓަރުކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި އެމްވީކޭ ޝަފީގު ގަބޫލެއް ނުކުރެއްވި އެވެ. އެހެންކަމުން އެލައިޑުގެ ނިންމުމަކަށްވީ އެ ކުންފުނީގައި އޮތް ޖަރުމަނުގެ ސީޔޫގެ ހިއްސާ 75،000 ޑޮލަރު ދިނުމަށް ފަހު އެސްޓީއޯގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް އެލައިޑް ހެދުމެވެ. 

"އަޅުގަނޑުމެން އެކަން ކުރި 100 ޕަސެންޓް ރިސްކެއް ބޮލުގައި އަޅައިގެން،" ޝަފީގު ވިދާޅުވި އެވެ. 

ކުންފުނި 100 ޕަސެންޓް ދިވެހި ކުންފުންޏެއްގެ ގޮތުގައި އުފެދުނުތާ ފުރަތަމަ ފަސް އަހަރުތެރޭ ޔަގީންވީ މިއީ ފައިދާ ހުރި ވިޔަފާރިއެއް ކަމެވެ. އެހެންކަމުން އިތުރު މުވައްޒަފުން ހޯދައި ރާއްޖޭގެ އިންޝުއަރެންސް ބާޒާރުގައި ރަނގަޅަށް ފައިތިލަ ސާބިތު ކުރި އެވެ. އެންމެ ފުރަތަމަ ހަމައެކަނި ޑޮލަރު ބޭރު ވިޔަނުދޭން ހަމައެކަނި އެސްޓީއޯގެ މުދާ އިންޝުއަ ކުރަން މި ވިޔަފާރި ފެށި ނަމަވެސް އެ ކުންފުނި އަމިއްލަ ފައިމައްޗަށް ދެތިވި އެވެ. 

އެ ކުންފުންޏަށް އެންމެ މުހިންމު ދެ ބަދަލެއް އައި އަހަރަކީ 2001 ވަނަ އަހަރާއި 2004 ވަނަ އަހަރެވެ. އެގޮތުން 2002 ވަނަ އަހަރު އެލައިޑުން ހެލްތު އިންޝުއަރެންސް ރާއްޖޭގައި ފެށި އެވެ. މި ހިދުމަތް ފެށިތާ ތިން އަހަރު ފަހުން ދުނިޔޭގައި އިންޝުއަރެންސުގެ މުހިންމުކަން އެނގެން ދިޔަ ހާދިސާއާ ލައްވާލި އެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް 2004 ވަނަ އަހަރު އެރި ސުނާމީއާއެކު އިންޝުއަރެންސުގެ މުހިންމުކަން އެނގިގެން ދިޔަ އެވެ. މިކަންވީ ވިޔަފާރިވެރިންނާއި އާއްމުން މި ހިދުމަތުގެ މުހިންމުކަން އެނގިގެން ދިޔަ ކަމަށެވެ. މިއާއެކު އެ ކުންފުނިން ހެލްތް އިންޝުއަރެންސަށް އާއްމުން ހޭލުންތެރިކުރުވި އެވެ. 

ރާއްޖޭގެ މަޝްވެރިކަން ފުޅާވެގެން ދިއައިރުވެސް އެލައިޑުން ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. މަސްވެރިކަން ފުޅާވެ ގިނަ ބަޔަކަށް ދޯނި ބަނދެ އިންޖީނު އަޅާ ހިސާބަށް ދިއުމުން ބޭންކްތަކުން ލޯނު ދިނުމުގެ ޝަރުތެއްގެ ގޮތުގައި އިންޝުއަރެންސް ހަމަޖެހިގެން ދިޔަ އެވެ. 

މިހާރު އެލައިޑްއަކީ އިންޝުއަރެންސް ނިޒާމް "ތަކަފުލް" ގެ ހިދުމަތްވެސް ދެމުން ގެންދާ ކުންފުންޏެކެވެ. މި ނިޒާމުގެ ދަށުން ރާއްޖޭގެ ގިނަ ބަޔަކު ދަނީ ހިދުމަތް ހޯދަމުންނެވެ. ތަކަފުލް އަކީ އިސްލާމިކް އިންޝުއަރެންސްގެ ނަމުން ވެސް ނަންދެވިފައިވާ ތަނެކެވެ. ތަކަފުލް ނުވަތަ އިސްލާމީ އިންޝުއަރެންސް އަކީ ޝަރީޢަތް ނުވަތަ އިސްލާމީ ދީނީ ޝަރީޢަތުގެ މައްޗަށް ބިނާކޮށް ސިއްޙަތާއި ފުރާނަ އާއި އާންމު އިންޝުއަރެންސްގެ ބޭނުންތައް ފުއްދައި ދޭ އިންޝުއަރެންސް ނިޒާމެވެ. މި ނިޒާމުގެ ދަށުން ބައިވެރިންގެ ކްލޭމްއެއް ދައްކަނީ ޕޫލް ނުވަތަ ތަކަފުލް ފަންޑަކުންނެވެ. 

އެލައިޑު މިހާރުވެފައިވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިންޝުއަރެންސް ކުންފުންޏަކަށެވެ. ރާއްޖޭގެ އިންޝުއަރެންސް ވިޔަފާރީގައި އެންމެ ނުފޫޒު ގަދަ ނަމަށެވެ. އިންޝުއަރެންސް ފޯރުކޮށް ދިނުމުގައި ގާބިލް ދިވެހިން މި ދާއިރާއަށް އުފައްދާ ކުންފުންޏަކަށެވެ. މި ހިދުމަތް ދިނުމުގައި ދުނިޔެއަށް ނުކުމެ މަސައްކަތް ކޮށްލެވޭ ވަރުގެ ކުންފުންޏަކަށެވެ. އެކަމަކު މީގެ އޮނަސާޅީސް އަހަރު ކުރިން އެލައިޑު އުފެދިގެން ދިޔައީ ރާއްޖޭން ޑޮލަރު ބޭރުންވުން ހުއްޓުމަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.